ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމަށް ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ މިންގަނޑަކުން ރޭޓިންއެއް ދީފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ އެމެރިކާގެ މާކެޓުގައި މަސް ގަންނަ ފަރާތްތަކުން ބަލާ މިންގަނޑެއް ކަމަށްވާ މޮންޓަރޭ ބޭ އެކުއޭރިއަމްގެ "ސީފުޑް ވޮޗް" ޕްރޮގްރާމުން ރާއްޖެއަށް ރޭޓިން ދީފައިވާ ކަމަށެވެ. މިއީ "ސީފުޑް ވޮޗް" ގެ ތާރީހުގައިވެސް ވަކި ގައުމަކަށް ހާއްސަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންއެއް ކަނޑައެޅި ފުރަތަމަ ފަހަރުކަމަށް މިނިސްޓްރީން ބުންޏެވެ.

މިއީ ރާއްޖެއަށާއި ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި މަސްވެރިކަން ވަޒަންކުރުމުގައި ލިބުނު ތާރީހީ ކުރިއެރުމެއްކަމަށްވެސް މިނިސްޓްރީން ބުންޏެވެ. އާ އިރުޝާދުތަކުގައި ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއް ކަމަށް ވަނީ ކަނޑައަޅާފައިކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އިންޑިއާ ކަނޑުގެ އެކި ސަރަހައްދުތަކުގައި ކަނޑުމަހުގެ މަސްވެރިކަމުގެ ދެމެހެއްޓެނިވި ކަމާ މެދު ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މުޅި މި ސަރަހައްދުގައިވެސް ކަނޑުމަހުގެ ވިޔަފާރި ކުރުމުގެ އެންމެ އިސް އިހުތިޔާރު ނުވަތަ "ބެސްޓް ޗޮއިސް"ގެ ގޮތުގައި ރޭޓްކޮށްފައި ވަނީ ރާއްޖޭގެ މަސްވެރިކަންކަމަށް މިނިސްޓްރީން ބުންޏެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، މިއީ ރާއްޖެއަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއް ކަމަށެވެ. އަދި މި ރޭޓިންއަކީ ދެމެހެއްޓެނިވި އަދި ޒިންމާދާރުކަމުގެ މައްޗަށް ބިނާވެފައިވާ ރާއްޖޭގެ މަސްވެރިކަމުގެ މޮޑެލް ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަނެފައިވާ ކަމުގެ ހެއްކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ރޭޓިން ލިބުމުގެ ސަބަބުން، ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓު ކަމަށްވާ އުތުރު އެމެރިކާގެ މާކެޓުތަކުން ދިވެހި އެކްސްޕޯޓަރުންނަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެއެވެ.