މި ސަރުކާރުން އޭނާ ޖަލަށް ލުމަކީ ލިބޭނެ ފަހުރެއް ކަމަށާއި އެއީ ގައުމަށްޓަކައި ކުރެވޭ ޖިހާދެއް ކަމަށް ޕްރޮގްރެސިވް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަދުރޭ ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތަކީ އެންމެ ބާރަށް މި ރާއްޖޭގައި ހިންގާ ހަރަކާތް ކަމަށެވެ. އަދި ދިވެހި ރައްޔިތުން ބޭނުން ވަނީ އިންޑިއާ ބޭރުވާން ކަމަށާއި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެކަން ނުވާނެ ކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީން މިނިވަން ކުރީމަ އިންޑިއާ އައުޓް ކުރެވެން އޮތީ. ރައީސް ޔާމީން ގައިގަ އެ ހިތްވަރު ހުރީ. ރައީސް ޔާމީނަށް އެކަން ކުރެވޭނީ. ދެން ތިބީ އަމިއްލަ އެދުމުން ފޯވެފައި ތިބި ސިޔާސީ ލީޑަރުންތަަކެއް،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއާ މީހުން އައިސް ދިވެހިން މަރާފާނެތީ ބިރުނުގަންނަ ކަމަށާއި ބިރުގަންނަނީ މި ގައުމުން އިސްލާމްދީން ފޮހެވިގެން ހިނގައިދާނެތީ ކަމަށެވެ. އަދި ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދު އުފައްދައިގެން ކުރާ ދައުވާތަކަށް އޭނާ ޖަލަށް ލާފާނެތީ ކުޑަކޮށް ވެސް ޖެހިލުންނުވާ ކަމަށް ވިދާޅުވި އެވެ.

"މި ސަރުކާރުން ޖަލަށް ލުމަކީ އަޅުގަނޑަށް ލިބޭ ފަހުރެއް. އާދޭސްކޮށްފަ މި ދަންނަވަނީ ޖަލަށްލާށޭ. އަޅުގަނޑަށް ލިބޭ ފަހުރެކޭ އެއީ. އެއީ އިސްލާމްދީނާ މިހާ ދެކޮޅު ސަރުކާރަކުން، ދިވެހިރާއްޖޭގެ މިނިވަންކަމާ މިހާ ދެކޮޅު ސަރުކާރަކުން، ދިވެހި ރައްޔިތުންނަށް މިހާ އަނިޔާވެރިވާ ސަރުކާރަކުން ދިވެހިރާއްޖޭގެ އަދުލް އިންސާފަށް ހުރަސް އަޅާ ސަރުކާރަކުން، ދިވެހި ރައްޔިތުންނަށް ހިޔާނާތްތެރިވާ ސަރުކާރަކުން އެކަމާ ދެކޮޅަށް އަޑު އުފުލާތީ ޖަލަށް ލުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޖިހާދެއް،" އަދުރޭ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެމްއެމްޕީއާރުސީ މައްސަލައިގައި ރައީސް ސޯލިހުގެ މައްޗަށް ދައުވާ ނުކުރި ނަމަވެސް ގައުމަށް ގައްދާރުވެ، ގައުމަށް ހިޔާނަތްތެރިވީމަ ކުރަންޖެހޭ ދައުވާއެއް ކުރާނެ ކަމަށާއި އެއީ މާފު ނުކުރާނެ މައްސަލައެއް ކަމަށެވެ.