ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މިމަހު 21 ވަނަ ދުވަހަށް ސްޕްރީމް ކޯޓުގައި ރީ ޝެޑިއުލް ކޮށްފިއެވެ.
މީގެ ކުރިން މި މައްސަލަ ޝެޑިއުލް ކުރުމަށް ހަމަޖެހިފައި އޮތީ އަންނަ ބުރާސްފަތި ދުވަހަށެވެ.
ޔައުގޫބުގެ މެންބަރުކަމުގެ ގޮނޑިއާ މެދު ސުވާލު އުފެއްދީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދުނު އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސްގެ ކައުންސިލް މެންބަރުކަން ގަބޫލު ކުރެއްވުމުންނެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.
ބުރާސްފަތި ދުވަހަށް ޝެޑިއުލްކުރި އެ މައްސައިގެ އަޑުއެހުން މިހާރު 21 ވަނަ ދުވަހަށް ރީޝެޑިއުލް ކޮށްފައިވާ ކަމަށް ހަލީމު ވިދާޅުވިއެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅުއްވުމަށްފަހު ހަލީމު ވިދާޅުވީ އެ މައްސަލަައަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގެ ތިންވަނަ ނަންބަރާއި އަށްވަނަ ނަންބަރާ ޔައުގޫބު ހިލާފުވެފައިވާތީ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅި މައްސަލައެއް ކަމަށެވެ. އަދި އެއީ ވަރަށް ސާފު މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަލީމު އިތުރަށް ވިދާޅުވީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސްގެ ކައުންސިލް މެންބަރު ކަމުން ޔައުގޫބު މިހާރު އިސްތިއުފާ ދެއްވާފައިވީ ނަމަަވެސް، އެ މަގާމަށް އައްޔަންކޮށް މަގާމު ގަބޫލުކުރެއްވި ހިސާބުން ޔައުގޫބުގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާ ބުނާ ގޮތުން، މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެންބަރުން އަދާކޮށްގެން ނުވާނެ އެވެ.
މަޖިލިސް މެންބަރު ޔައުގޫބު އަބްދުﷲ
މަޖިލިސް މެންބަރު ޔައުގޫބު އަބްދުﷲ
މަޖިލިސް މެންބަރު ޔައުގޫބު އަބްދުﷲ