ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުކުރުން، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ދިފާއުކޮށްފިއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ މަޖިލީހުގެ މެމްބަރަކަށް ކޮމިޓީ އެލެވަންސާއެކު 100،000 ރުފިޔާއަށް މުސާރަ ބޮޑުކުުރަން ފާސްކޮށްފައެވެ. މެމްބަރުންގެ މުސާރަ ބޮޑުކުރަން ކޮމިޓީން ފާސްކުރުމާ ގުޅިގެން އެކަމަށް ވަރަށް ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
މަޖިލީހުގެ އިދާރާގައި އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، މާލިއްޔަތު ކޮމިޓީން ޕޭ ހަމަނައިޒް ކުރުމުގެ ކަންކަން ދިރާސާކުރުމުގެ ތެރޭގައި ވަނީ 500 މިލިއަން ރުފިޔާ މުސާރަ ބޮޑުކުރުމަށް ހާއްސަ ކޮށްފައި ކަމަށެވެ. އެ 500 މިލިއަން ރުފިޔާއަކީ ހަމައެކަނި މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑުކުރަން ހާއްސަ ކުރި އަދަދެއް ނޫން ކަަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއާއި އެ މަނިކުފާނުގެ ނައިބު، ސަރުކާރު މިނިސްޓަރުން އަދި ޖުޑިޝަރީގެ މުވައްޒަފުން ވެސް ހިމެނޭ ކަމަށެވެ. މުސާރަތައް ބޮޑުކުރަން ކޮމިޓީން ފާސްކުރީ އެ ހުރިހާ ދާއިރާއެއްގެ ބޭފުޅުން، މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެގޮތަށް އެދިވަޑައިގަތުމުން ކަމަށެވެ.
"މި ވަގުތު އެ ފާޑުވިދާޅުވަމުންދާ މެންބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް، މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ވެސް މި ދިރާސާކުރަމުންދިޔަ ވަގުތު ކޮމިޓީގައި ތިއްބެވި ބޭފުޅުންގެ ފަރާތުން މައުލޫމާތު ލިބުން ގޮތުގައި ވަރަށް އެއްބާރުލުން ދެއްވައި، އެކަން ކުރުމުގެ ބޭނުމުގައި ވާހަކަދައްކަވާފައި ހުރީ" ބިގޭ ވިދާޅުވިއެވެ.
މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރު ދާންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ މުސާރަތައް ބޮޑުކުރަން ކޮމިޓީން ފާސްކުރީ ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓްރީ ލީޑަރުގެ ވޯޓާވެސް އެކު ކަމަށެވެ. މުސާރަތައް ބޮޑުކޮށްފައިވަނީ އަންނަ އަހަރަށް ކޮމިޓީން ފާސްކުރި 49.8 ބިލިއަން ރުފިޔާގެ ތެރެއިން ކަމަށެވެ. އެހެންކަމުން ބަޖެޓަށް ވަކި އިތުރު ބުރައެއް ނާންނާނެ ކަމަށް ޔައުގޫބު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކޮމިޓީން މި ނިންމި ނިންމުމާ ގުޅިގެން ހަމައެކަނި މަޖިލިސް މެމްބަރުންގެ މުސާރައިގެ ވާހަކަ ބޯލްޑުކޮށް އަންނާތީ، ވަޒީރުންގެ މުސާރައިގެ ހަމަ އެ ބަދަލުތަކެއް އެބަހުރި އައިސް އަދި މަޖިލިސް މެމްބަރަކަށް އިތުރުކުރި މިންވަރަށް ވުރެ މާ ބޮޑުކޮށް ރައީސުލްޖުމްހޫރިއްޔާގެ މުސާރަ އިތުރުކުރީ ވެސް. ވަޒީރުންނަށް ވަޒީރުންގެ މުސާރަ، އަސާސީ މުސާރަ އެލަވަންސްތަކާ، ކާރު އެލަވަންސާ، ފޯނު އެލަވަންސާ، ލިވިން އެލަވަންސާ މިހެން ގޮސް ބައިވަރު އެލަވަންސް ހުންނާނެ،" ޔައުގޫބު ވިދާޅުވިއެވެ.
ޔައުގޫބު ވިދާޅުވީ މަޖިލިސް މެމްބަރުންގެ މުސާރައިގެ ވާހަކަދައްކާ އިރު، ސަރުކާރުގެ ކެބިނެޓުގައި 22 މިނިސްޓަރުން އެބަތިއްބެވި ކަމަށެވެ. އަދި ސަރުކާރުން، ވަނީ މިނިސްޓަރުންގެ ފެންވަރުގައި އެހެން މަގާމުތަކަށް ވެސް މީހުން އައްޔަން ކުރައްވާފައި ކަމަށެވެ. އެހެންކަމުން މިނިސްޓަރަކަށް ލިބޭ މުސާރައާއި އިނާޔަތްތައް، އެ ފެންވަރުގައި އައްޔަންކުރެއްވި އެހެން ބޭފުޅުންނަށް ވެސް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
ރާއްޖޭގެ ވަޒީރުންނަކީ އަމިއްލަފުޅަށް އެއްވެސް ހަރަދެއް ކުރައްވަން ޖެހޭ ބައެއް ނޫން ކަމަށް ޔައުގޫބު ވިދާޅުވިއެވެ. އެއާ ހިލާފަށް މަޖިލިސް މެމްބަރުންނަކީ، އެ މެމްބަރަކު ދާއިރާއަށް ވަޑައިގަންނަވާއިރު ކުރަން ޖެހޭ ހަރަދު އަމިއްލައަށް ކުރަން ޖެހޭ ބައެއް ކަމަށެވެ. އެކަމަކު ވަޒީރުން ދަތުރުތައް ވެސް ކުރައްވަނީ ސަރުކާރުގެ ހަރަދުގައި އެކަމަށް ކަނޑައެޅިފައިވާ ކޯޑެއްގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މުސާރަ، މަޖިލީހުގެ މެމްބަރުންގެ މުސާރައަށް ވުރެ ބޮޑު ކަމަށެވެ.
"އެހެންވީމާ ހަމައެކަނި އެތަންކޮޅު ބޯލްޑުކޮށްފަ އޮތީމާ އަޅުގަނޑު ހިތަށް އެރީ އެ ވާހަކަ ފާހަގަކޮށްލާނެމޭ" ޔައުގޫބު ވިދާޅުވިއެވެ.
މުސާރަތައް ބޮޑުކުރުމަކީ މީގެ ދެ އަހަރު ކުރިން ފަށައިގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ޔައުގޫބު ވިދާޅުވިއެވެ. މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުނުކޮށް ވެސް މުސާރަތައް ބޮޑުކުރެވިދާނެ ކަމަށް ޔައުގޫބު ވިދާޅުވިއެވެ. ނަމަވެސް އެއީ މުޅި ދައުލަތުގެ އޮނިގަނޑުގެ މުސާރަ ބޮޑުވެގެންދާ އިރު، ލިބިގެންދާނެ އުނިކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލީހުގެ މެމްބަރުން މުސާރަ ބޮޑުކުރަން ނިންމީ، އެ އުނިކަން ނުގެންނަންވެގެން ކަމަށާއި މެމްބަރުންގެ މުސާރަ ބޮޑުކުރުމަކީ އެއްވެސް ވަރަކަށް ވިސްނާފައި އޮތް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު