ސަރުކާރުންގެ މިނިސްޓަރުންނާ ހިލާފަށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ހުރިހާ ހަރަދެއް އަމިއްލައަށް ކުރަންޖެހޭ ބައެއް ކަމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރު، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ މަޖިލީހުގެ މެމްބަރަކަށް ކޮމިޓީ އެލަވަންސާއެކު ވަނީ 100،000 ރުފިޔާއަށް މުސާރަ ބޮޑުކުރަން ފާސްކޮށްފައެވެ. މެމްބަރުންގެ މުސާރަ ބޮޑުކުރަން ކޮމިޓީން ފާސްކުރުމާ ގުޅިގެން އެކަމަށް ވަރަށް ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
މަޖިލީހުގެ އިދާރާގައި އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔައުގޫބު ވިދާޅުވީ މުސާރަތައް ބޮޑުކުރަން ކޮމިޓީން ފާސްކުރީ ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުގެ ވޯޓާވެސް އެކު ކަމަށެވެ. މުސާރަތައް ބޮޑުކޮށްފައިވަނީ އަންނަ އަހަރަށް ކޮމިޓީން ފާސްކުރި 49.8 ބިލިއަން ރުފިޔާގެ ތެރެއިން ކަމަށެވެ. އެހެންކަމުން ބަޖެޓަށް ވަކި އިތުރު ބުރައެއް ނާންނާނެ ކަމަށް ޔައުގޫބު ވިދާޅުވިއެވެ.
ޔައުގޫބު ވިދާޅުވީ މަޖިލިސް މެމްބަރުންގެ މުސާރައިގެ ވާހަކަދައްކާ އިރު، ސަރުކާރުގެ ކެބިނެޓުގައި 22 މިނިސްޓަރުން އެބަތިއްބެވި ކަމަށެވެ. އަދި ސަރުކާރުން، ވަނީ މިނިސްޓަރުންގެ ފެންވަރުގައި އެހެން މަގާމުތަކަށް ވެސް މީހުން އައްޔަން ކުރައްވާފައި ކަމަށެވެ. އެހެންކަމުން މިނިސްޓަރަކަށް ލިބޭ މުސާރައާއި އިނާޔަތްތައް، އެ ފެންވަރުގައި އައްޔަންކުރެއްވި އެހެން ބޭފުޅުންނަށް ވެސް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
"ރާއްޖޭގެ ވަޒީރުންނަކީ އެ ވަޒީރުކަމުގެ ހުންނަ މުއްދަތުގެ ތެރޭގަ އެއްވެސް ކަމެއް އަމިއްލަ ހަރަދެއްކުރަން ޖެހޭ ގޮތަކަށް ނޫން ގިނަފަހަރު މި ހުންނަނީ. ތަނަކަށް ވަޑައިގެންނެވި ނަމަވެސް އެ ބަޖެޓު ކޮށްފަ އޮންނަ ކޯޑުގެ ތެރެއިން އެ ރަސްމީ ދަތުރެއްގެ ގޮތުގަ އެ ވަޑައިގަންނަވަނީ. އަދި އެކި ތަންތަނަށް ވަޑައިގަންނަވާއިރު އެކި ކަންކަމުގައި އެހީވާނެ ބޭފުޅުންނާ، އެ ބޭފުޅުންނަށް ބޭނުންވާ ހަރަދުތަކާ ހުރިހާކަމެއް އޭގެ ތެރޭގަ ހިމެނޭ. ރައްޔިތުންގެ މަޖިލިސް މެމްބަރަކީ، ރައްޔިތުންގެ މަޖިލިސް މެމްބަރު ދާއިރާއަށް ވަޑައިގަތަސް، ދަތުރު ހަރަދެއްވެސް އަދި އެއާ ގުޅޭ އިތުރު ހަރަދެއްވެސް ލިބޭ ތަނެއް، ބައެއް ނޫން. އެކަމަކު ވަޒީރުންނަށް މި ހުރިހާ ކަމެއް ވެސް ވަނީ ހިމެނިފަ،" ޔައުގޫބު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކޮމިޓީން މި ނިންމި ނިންމުމާ ގުޅިގެން ހަމައެކަނި މަޖިލިސް މެމްބަރުންގެ މުސާރައިގެ ވާހަކަ ބޯލްޑުކޮށް އަންނާތީ، ވަޒީރުންގެ މުސާރައިގެ ހަމަ އެ ބަދަލުތަކެއް އެބަހުރި އައިސް އަދި މަޖިލިސް މެމްބަރަކަށް އިތުރުކުރި މިންވަރަށް ވުރެ މާ ބޮޑުކޮށް ރައީސުލްޖުމްހޫރިއްޔާގެ މުސާރަ އިތުރުކުރީ ވެސް. ވަޒީރުންނަށް ވަޒީރުންގެ މުސާރަ، އަސާސީ މުސާރަ އެލަވަންސްތަކާ، ކާރު އެލަވަންސާ، ފޯނު އެލަވަންސާ، ލިވިން އެލަވަންސާ މިހެން ގޮން ބައިވަރު އެލަވަންސް ހުންނާނެ،"
އޭނާ ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މުސާރަ، މަޖިލީހުގެ މެމްބަރުންގެ މުސާރައަށް ވުރެ ބޮޑު ކަމަށެވެ. މުސާރަތައް ބޮޑުކުރުމަކީ މީގެ ދެ އަހަރު ކުރިން ފަށައިގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ޔައުގޫބު ވިދާޅުވިއެވެ.
މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުނުކޮށް ވެސް މުސާރައް ބޮޑުކުރެވިދާނެ ކަމަށް ޔައުގޫބު ވިދާޅުވިއެވެ. ނަމަވެސް އެއީ މުޅި ދައުލަތުގެ އޮނިގަނޑުގެ މުސާރަ ބޮޑުވެގެންދާ އިރު، ލިބިގެންދާނެ އުނިކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލީހުގެ މެމްބަރުން މުސާރަ ބޮޑުކުރަން ނިންމީ، އެ އުނިކަން ނުގެންނަންވެގެން ކަމަށާއި މެމްބަރުންގެ މުސާރަ ބޮޑުކުރުމަކީ އެއްވެސް ވަރަކަށް ވިސްނާފައި އޮތް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު