މިފްކޯއަށް ފައިދާއެއް ނުވާ ގޮތަށް ނަގާފައި ތިބި މުވައްޒަފުން ވަކި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓަރު ޝިޔާމްއާ ސުވާލުކުރެއްވުމަށް އޭނާ މިއަދުގެ މަޖިލީހަށް ވަނީ ހާޒިރުކޮށްފައެވެ.
މަޖިލީހުގެ އިތުރު ސުވާލުގެ ވަގުތުގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވަނީ މަސްވެރިންނަށް ފައިސާނުދީ ލަސްވާތީ ކަންބޮޑުވުން ފާޅުކުރައްވައި މިފްކޯއަށް ބޮޑެތި އަގުގައި މުވައްޒަފުން ނަގާ ކަމަށް ތުހުމަތުކުރައްވައިފައެވެ.
"މިފްކޯ އިންއެފިސިއެންޓް ވާހަކަ ދައްކާ އިރު މާދަމާ އެބަ ނަގާ ބޮޑެތި މުސާރަ ދީފައި. އެތަނަށް ދިހަ މުވައްޒަފުން ވާހަކަ މަޖިލިސް އިންތިހާބާ ދިމާކޮށް ނުފޫޒު ފޯރުވަން. ކީއްވެގެންތޯ މުވައްޒަފުން ނަގާއިރު ފައިސާ ނުދެވެނީ" ޔައުގޫބް ވިދާޅުވިއެވެ.
މެންބަރު ޔައުގޫބުގެ އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިދިޔަ ސަރުކާރުން މިފްކޯއަށް އެއްވެސް ބޭނުމެއް ނުހިފޭ ގޮތަށް ބޮޑެތި މަގާމުތައް އުފައްދައިގެން ވަޒީފާތަކަށް މީހުން ނަގާފައިވާ ކަމަށާއި އެ މީހުން ވަކިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ވަރަށް ބޮޑެތި މުސާރައިގައި ކޮންސަލްޓެންޓުން މިފްކޯއަށް ނަގާފައި ތިބިކަން އަޅުގަނޑުމެންނަށް ފާހަގަވޭ. ބޮޑެތި މުސާރައިގައި މިފްކޯއަށް އެއްވެސް ވަރަކަށް ކޮންޓްރިބިއުޓް ނުކުރެވޭނެ ގޮތަށް ވަޒީފާ ހަމަޖައްސާފައި ތިބި ބޭބޭފުޅުން ވެސް މި ދަނީ އެއީ ބޭކާރު ވަޒީފާތަކަކަށްވާތީ އުނިކުރަމުން،" ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ކުރީ ސަރުކާރުން ބައެއް ނުފޫޒުގަދަ މެންބަރުން އެ ބޭފުޅުންގެ ގާތް މީހުން މިފްކޯގެ ވަޒީފާތަކަށް ލައިގެން، މަސްވެރިންގެ ކަންކަން މެންބަރު ބޭނުންވާ ގޮތަށް ކުރިއަށް ގެންދަން މަސައްކަތްކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަނީ މިފްކޯ ރީސްޓްރަކްޗާ ކުރަން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު