ގައުމީ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ)އާ އަޅާބަލާއިރު ރާއްޖޭގެ ދަރަނި އެންމެ ބޮޑުވާން ފަށާފައިވަނީ 2016 ވަނަ އަހަރުން ފެށިގެން ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެދުމުގެ މަތީން އޮޑިޓް އޮފީހުން ހެދި 2018 ވަނަ އަހަރުގެ ދައުލަތުގެ ދަރަންޏާ ގުޅޭ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ދައުލަތުގެ ދަރަނި ހުންނަން ޖެހޭނީ ޖީޑީޕީއާ އަޅާބަލާއިރު 60 ޕަސެންޓް ދަށުގައި ކަމަށެވެ. ނަމަވެސް 2014 ވަނަ އަހަރު 57 ޕަސެންޓްގައި ހުރުމަށްފަހު، އެއަދަދު 2018 ވަނަ އަހަރު 71 ޕަސެންޓަށް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.
އޮޑިޓް ރިޕޯޓްގައި ވަނީ ޖީޑީޕީއާ އަޅައި ބަލާއިރު ދަރަނި ބޮޑުވާން ފަށާފައިވަނީ 2016 ވަނަ އަހަރުން ފެށިގެން ކަމަށާއި އެގޮތުން 2015 ވަނަ އަހަރު 56 ޕަސެންޓްގައި ހުރުމަށްފަހު 2016 ވަނަ އަހަރު ދަރަނި 64 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ. އަދި 2017 ވަނަ އަހަރު 63 ޕަސެންޓްގައި ހުރުމަށްފަހު 2018 ވަނަ އަހަރު އެއަދަދު 71 ޕަސެންޓަށް އިތުރުވެފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ.
މީގެ އިތުރުން 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ދަރަނި އަންދާޒާ ކުރި ވަރަށްވުރެ ބޮޑުވެފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ.
އެގޮތުން 2015 ވަނަ އަހަރު 1.6 ބިލިއަން ރުފިޔާއަށް ދަރަނި ބޮޑުވާނެކަމަށް ލަފާކޮށްފައިވާއިރު، އެއަހަރު ދަރަނީގެ ގޮތުގައި 4.2 ބިލިއަން ރުފިޔާ ރެކޯޑް ކުރެވިފައިވާ ކަމަށެވެ. 2016 ވަނަ އަހަރުގެ ދަރަނީގެ ގޮތުގައި އަންދާޒާ ކުރިވަރާ އަޅައިބަލާއިރު، 3 ބިލިއަން ރުފިޔާ އިތުރަށް ދަރަނިވެފައިވެ އެވެ. 2017 ވަނަ އަހަރު 304 މިލިއަން ރުފިޔާގެ ދަރަނި ވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު، އެއަހަރު 2.2 ބިލިއަން ރުފިޔާގެ ދަރަނިވެފައިވެ އެވެ. އަދި 2018 ވަނަ އަހަރު 2.5 ބިލިއަން ރުފިޔާ ދަރަނި ވާނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު، އެއަހަރުގެ ދަރަނިވެސް ވަނީ 5.2 ބިލިއަނަށްވުރެ މައްޗަށް އަރާފަ އެވެ.
ރާއްޖޭގެ ދަރަނި ބޮޑުވެފައިވަނީ ބަޖެޓް ޑެފިސިޓް އެ އަހަރުތަކުގައި އިތުރުވެގެން ދިއުމާއި ގުޅިގެންނާއި ރެވެނިއު އިތުރު ކުރާނެ ގޮތްތައް ބަލައި ދެނެގަނެވިފައި ނުވާތީ ކަމަށްވެސް ރިޕޯޓްގައިވެ އެވެ.
މީގެ އިތުރުން 2014 ވަނަ އަހަރު ދައުލަތުގެ ދަރަނި ހުރީ 1.8 ބިލިއަން ރުފިޔާގައި ކަމަށާއި ނަމަވެސް އެ އަދަދު 2015 ވަނަ އަހަރު ހުރީ 2.3 ބިލިއަން ރުފިޔާގައި ކަމަށެވެ. 2016 ވަނަ އަހަރު ދަރަނި ހުރީ 2.4 ބިލިއަން ރުފިޔާގައި، 2017 ވަނަ އަހަރު 3.5 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި 2018 ވަނަ އަހަރު ދައުލަތުގެ ދަރަނި ހުރީ 3.1 ބިލިއަން ރުފިޔާގައި ކަމަށްވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.
ރާއްޖޭގެ ދަރަނި އެންމެ ބޮޑަށް އިތުރުވެފައިވަނީ 2014 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.
އޮޑިޓް އޮފީސް
އޮޑިޓް އޮފީސް
އޮޑިޓް އޮފީސް
އޮޑިޓް އޮފީސް