ސަރުކާރުން ކުރިއަށްގެންދާ ހިލޭ ފުރަތަމަ ޑިގްރީ ޕްރޮގްރާމްގެ ދަށުން، ކުރިން ޑިގްރީ ފުރިހަމަކޮށްފައިވާ 271 ފަރާތަކަށް އިތުރު ޑިގްރީ ޕްރޮގްރާމެއް ފުރިހަމަކުރުމުގެ ފުރުސަތުދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްގެ ޕާފޯމަންސް އޮޑިޓް ރިޕޯޓް، އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ޝާއިއު ކޮށްފައިވާ އިރު، އެ ރިޕޯޓުގައިވާގޮތުން ކުރިން ޑިގްރީ ފުރިހަމަކޮށްފައިވާ ފަރާތަކަށް އިތުރު ޑިގްރީ ޕްރޮގްރާމެއް ފުރިހަމަކުރުމުގެ ފުރުސަތު ދެވިފައިވަނީ އެ ސްކީމުގައި ބައިވެރިވާ ކުދިންނަކީ ކުރިން ޑިގްރީ ފުރިހަމަކޮށްފައިވާ ކުދިންކަން ބެލޭނެ ނިޒާމެއް ނެތުމުންނެވެ.
އެ ކުދިން އިތުރު ޑިގްރީ ޕްރޮގްރާމެއް ފުރިހަމަކުރުމަށް 9.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުން ދައްކައެވެ.
އޮޑިޓުން ފާހަގަކުރާ ގޮތުގައި ރާއްޖޭގައި ބިދޭސީން އެންމެ ގިނައިން މަސައްކަތްކުރާ ކަމަށް ގިންތިކޮށްފައިވާ ދާއިރާތަކުން ސްކީމްގެ ދަށުން ކިޔަވާފައިވާ ދަރިވަރުންގެ ނިސްބަތް މަދެވެ. އަދި ފިރިހެން ދަރިވަރުންގެ މެދުގައި ވޮކޭޝަނަލް ތަމްރީން ޕްރޮގްރާމްތައް މަގުބޫލު ކަމަށް ފާހަގަކުރެވިފައިވާ އިރު، މި ސްކީމްގެ ދަށުން މިފަދަ ތަމްރީން ޕްރޮގްރާމްތައް ހިމަނާފައިނުވެއެވެ.
އޮޑިޓް ރިޕޯޓުގައިވާގޮތުން ސްކީމުގެ ދަށުން ދަރިވަރުން ކިޔަވަމުންދިޔަ ނަމަވެސް، ދަރިވަރުން އަމިއްލައަށް ކުރަންޖެހޭ ހަރަދު އިތުރުވިއެވެ. އެގޮތުން ދަރިވަރުންގެ ޖީބުން 60،000 ރުފިޔާއަށްވުރެ އިތުރަށް ހަރަދުކުރަންޖެހޭ ޕްރޮގްރާމްތަކުގެ ނިސްބަތް 15 ޕަސެންޓުން 46 ޕަސެންޓަށް ވަނީ އިތުރުވެފައެވެ.
އޮޑިޓާ ޖެނަރަލް ވަނީ މި ރިޕޯޓުން ފާހަގަވި ކަންކަން އިސްލާހުކުރުމަށް ލަފާދީފައެވެ. އެގޮތުން މި ސްކީމުން ކިޔަވާ ދަރިވަރުންނާއި ކޯސް ފުރިހަމަ ނުކުރާ ދަރިވަރުންގެ މަޢުލޫމާތު ހޯދާ ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަށް ލަފާދީފައެވެ. އަދި ޕްރޮގްރާމް ފުރިހަމަ ނުކޮށް ހުއްޓާލާފައިވާ މީހުން ދެނެގަނެ އެމީހުންނަށް ހޭދަވެފައިވާ ފައިސާ އަނބުރާ ހޯދުމަށް ލަފާދީފައިވެއެވެ.
މީގެ އުތުރުން އެންމެ ބޭނުންތެރި ދާއިރާތަކަށް އިސްކަންދެވޭނެހެން ސްކީމް ބައްޓަންކުރުމަށްޓަކައި ސްކީމް ހިންގާ ގޮތް މުރާޖައާ ކުރުމުގެ އިތުރުން ވޮކޭޝަނަލް ތަމްރީން ޕްރޮގްރާމަތައް ހިމެނުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ތަންފީޒުކުރުމަށް ލަފާދީފައިވެއެވެ.
އިބްރާހިމް ޒަކީ
އޮޑިޓް އޮފީސް
އޮޑިޓް އޮފީސް
އޮޑިޓް އޮފީސް
ކޮމެންޓް