ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ކިޔަވާ ދަރިވަރުން ކޯސް ނިންމިކަން އެނގޭނެ ގޮތެއް ނެތްކަަމަށް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން މިއަދު އާންމުކުރި "ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމުގެ ޕާފޯމެންސް އޮޑިޓް ރިޕޯޓު" ގައިވާ ގޮތުން 2019 އިން 2022 އާ ދޭތެރޭގައި 11،641 ދަރިވަރަކުވަނީ ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވެފައެވެ.

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އާއި ކޮލެޖު/ޔުނިވާސިޓީތަކުގެ ހިސާބުތަކުން އެނގޭ ގޮތުގައި، އޭގެ ތެރެއިން ކާމިޔާބުކަމާއެކު ކޯސް ނިންމާފައިވަނީ 5،833 ދަރިވަރުންނަށެވެ. ބާކީ ތިބި 790 ދަރިވަރަކު ވަނީ އެކި ސަބަބުތަކާ ހުރެ ކިޔެވުން މެދުކަނޑާލައި ކޯސް ދޫކޮށްލާފައެވެ. އަދި 18 ޕަސެންޓް ކުދިން އަދިވެސް ކިޔަވަމުންދާއިރު، ބޮޑު އަދަދެއް ކަމަށްވާ 2،779 ދަރިވަރުންގެ އެއްވެސް މައުލޫމާތެއް ލިބެން ނެތުމުން، އެ ކުދިން ކޯސް ނިންމިކަން ނުވަތަ ނޫންކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ ފިނޭންސް މިނިސްޓްރީން ފައިސާ ދޫކުރަނީ ކުރިއަށް އޮންނަ ސެމިސްޓަރަށް ނުވަތަ ހަ މަސްދުވަހަށް އެޑްވާންސްކޮށް ކަމަށްވާތީ، ދަރިވަރަކަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ސަރުކާރުން ދައްކައި ހަލާސްކުރި ނަމަވެސް، އެ ދަރިވަރަކު ކޯސް ނިންމިކަން ކަށަވަރު ނުވާ ކަމަށެވެ.

މީގެއިތުރުން، ސްކީމުގެ ދަށުން ކިޔެވި ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރި އަދި ވަކިވި ދަރިވަރުންގެ ރެކޯޑުތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވާތީ، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރި އެ ޕްރޮގްރާމުގެ ހަގީގީ ނަތީޖާ ދެނެގަތުމަށް ބޮޑެތި ދަތިތަކެއް ހުރިކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.