ސަރުކާރުން ކުރިއަށްގެންދާ ހިލޭ ޑިގްރީ ޕްރޮގްރާމަށް މިދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި 835 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްގެ ޕާފޯމަންސް އޮޑިޓް ރިޕޯޓް، އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ޝާއިއު ކޮށްފައިވާ އިރު، އެ ރިޕޯޓުގައިވާގޮތުން ޑިގްރީ ފުރިހަމަކުރި ދަރިވަރުންގެ އަދަދު ސާފުވާން ނެތް ކަމަށް ވަނީ ހިމަނައިފައެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން މި އޮޑިޓްގައި ބަލާފައިވަނީ 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 14 އިން ފެށިގެން 2024 ވަނަ އަހަރަރުގެ ނިޔަލަށް ކުރި މަސައްކަތްތަކަށެވެ.
އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި މިދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި ހިލޭ ޑިގްރީ ޕްރޮގްރާމަށް އެވްރެޖްކޮށް އަހަރަކަށް 139.2 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފައިވެއެވެ. އެ މުއްދަތުގައި ހިލޭ ޑިގްރީއަށް ކިޔެވުމަށް 19،265 އެޕްލިކޭޝަނެއް ލިބިފައިވާ އިރު، އޭގެ ތެރެއިން 16،388 ދަރިވަރަކަށް ކިޔެވުމުގެ ފުރުސަތު ދީފައިވެއެވެ. އެ ދަރިވަރުންނަށް ދައުލަތުގެ ބެޖެޓުން 835.6 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ވެސް އޮޑިޓް ރިޕޯޓުގައިވެއެވެ. ނަމަވެސް ޕްރޮގްރާމް ފުރިހަމަކޮށް ފުރަތަމަ ޑިގްރީ ހާސިލުކުރި ދަރިވަރުންގެ އަދަދު އެނގޭނެހެން މައުލޫމާތު ބަލަހައްޓަމުން ގޮސްފައެއް ނުވެއެވެ.
އޮޑިޓް ރިޕޯޓުގައިވާގޮތުން މި ސްކީމަށް އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުއެވެ. އެ ދެ އަހަރު ހިލޭ ޑިގްރީ ސްކީމަށް 163 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ސްކީމު ފެށި ފަހުން ފަސް އަހަރު ތެރޭގައި ކޮންމެ އަހަރަކުވެސް ސްކީމަށް ކުރި ހޭދަ ވަނީ އިތުރުވެފައެވެ.
ސްކީމަށް ހޭދަވި ގޮތް:
- 2019: 85 މިލިއަން ރުފިޔާ
- 2020: 132.6 މިލިއަން ރުފިޔާ
- 2021: 141.3 މިލިއަން ރުފިޔާ
- 2022: 163 މިލިއަން ރުފިޔާ
- 2023: 163.1 މިލިއަން ރުފިޔާ
- 2024: 150.3 މިލިއަން ރުފިޔާ
ސްކީމުގައި ބައިވެރިވި 790 ދަރިވަރަކަށް 19 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އެ ދަރިވަރުން ޕްރޮގްރާމު ފުރިހަމަ ނުކުރާކަން ފާހަގަކުރެވިފައިވީ ނަމަވެސް އެ ފައިސާ ހޯދުމަށް މަސައްކަތްކޮށްފައިނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓާ ޖެނަރަލް ވަނީ މި ރިޕޯޓުން ފާހަގަވި ކަންކަން އިސްލާހުކުރުމަށް ލަފާދީފައެވެ. އެގޮތުން މި ސްކީމުން ކިޔަވާ ދަރިވަރުންނާއި ކޯސް ފުރިހަމަ ނުކުރާ ދަރިވަރުންގެ މައުލޫމާތު ހޯދާ ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަށް ވަނީ ލަފާދީފައެވެ. އަދި ޕްރޮގްރާމް ފުރިހަމަ ނުކޮށް ހުއްޓާލާފައިވާ މީހުން ދެނެގަނެ އެމީހުންނަށް ހޭދަވެފައިވާ ފައިސާ އަނބުރާ ހޯދުމަށް ވެސް ލަފާދީފައިވެއެވެ.
މީގެ އުތުރުން އެންމެ ބޭނުންތެރި ދާއިރާތަކަށް އިސްކަންދެވޭނެހެން ސްކީމް ބައްޓަންކުރުމަށްޓަކައި ސްކީމް ހިންގާ ގޮތް މުރާޖައާކުރުމުގެ އިތުރުން ވޮކޭޝަނަލް ތަމްރީން ޕްރޮގްރާމަތައް ހިމެނުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ތަންފީޒުކުރުމަށް ވެސް ލަފާދީފައިވެއެވެ.
އިބްރާހިމް ޒަކީ
އޮޑިޓް އޮފީސް
އޮޑިޓް އޮފީސް
އޮޑިޓް އޮފީސް
ކޮމެންޓް