ރާއްޖޭގެ ބައެއް ރަށްރަށުގެ ފަޅުމަތީގައި ގެދޮރު އަޅައިގެން އުޅެވޭނެ (އޯވާ ވޯޓާ ލިވިން ކޮންސެޕްޓް) އެއް ތައްޔާރުކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ، ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލު ބަހުސް ފެށުމުގެ ކުރިން އެ ބިލާބެހޭގޮތުން މަޖިލިސް މެންބަރުންނަށް މައުލޫމާތު ދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ރަށްރަށުގެ ހުރިހާ ބިމަކީ އެއްގޮތަކަށް ބޭނުން ކުރެވޭނެ ބިމެއް ނޫން ކަމަށެވެ. ބިމުގެ ގޮތުގައި ބަލަން ޖެހެނީ ހަމައެކަނި ވެލި ނޫން ކަމަށާއި، ވައިގެ ތެރެއިން ވަކި ހިސާބަކާއި މޫދުން ފަޅުގެ ތެރެއިންވެސް ވަކި ހިސާބަކީ ބިމުގެ ގޮތުގައި ގާނޫނުގައި ހިމަނަން ޖެހޭ ކަމަށެވެ. އެގޮތުން ފަޅުގައި ހިމެނޭ ވަކި ވަރަކަށްވުރެ ތިލަ ބިމަކީވެސް ބިމުގެ ގޮތުގައި ކަނޑައަޅަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އެފަދަ ތަންތަން މީހުން ދިރިއުޅޭ ތަންތަނުގެ ގޮތުގައި ތަރައްގީ ކުރުމާބެހޭގޮތުން މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ، އޯވާ ވޯޓާ ލިވިން ކޮންސެޕްޓެއް މިހާރު ހަދާފައިވާ ކަމަށެވެ.

ފަޅުމަތީގައި ގެ އަޅައިގެން އުޅޭ ވާހަކަ މީގެ ކުރީންވެސް މަޖިލީހުގައި ދެއްކެވި ކަމަށާއި، އެކަމާގުޅިގެން ބޮޑެތި ފާޑުކިޔުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް އެފަދަ ކޮންމެ އާ ކަަމަކީ އެތަކެއް ފާޑުކިޔުންތައް އަންނާނެ ކަމެއް ކަމަށާއި އެކަން ރަނގަޅު ތަނެއްގައި ޖެހޭނީ ފާޑު ކިޔައިގެން ކަމަށްވެސް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. އެކަމަކީ ދޫކޮށްލަން ބޭނުންވާ ކަމެއް ނޫން ކަމަށާއި، އެކަމާއިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެކަންކަމަކީ ދިރާސާ ކުރެވި ކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ކަންތައްތަކެއް ކަމަށާއި ބައެއް ތަންތަނުގައި އެކަންތައް ކުރިއަށްވެސް ގެންގޮސްފައިވާ ކަމަށެވެ. ދިވެހިންނަކީ އެފަދް ގޮތަކަށް ދިރިއުޅުން ގެންގުޅެން ޖެހޭނެ ބައެއް ކަމަށްވެސް ވިދާޅުވިއެވެ.