ޓީބީއާ ދެކޮޅަށް އުފެއްދި ބީސީޖީ ވެކްސިން ކޮވިޑާ ދެކޮޅަށް ބޭނުންކުރުމަށް ޓެސްޓު ކުރަން ފަށައިފިއެވެ.

އިނގިރޭސިވިލާތުގެ ސައިންސްވެރިން ޓެސްޓުކުރަން ފަށާފައިވާ ބީސީޖީ ވެކްސިން އަކީ 1921 ވަނަ އަހަރު އުފައްދާފައިވާ ވެކްސިން އެކެވެ.

ބީސީޖީ ވެކްސިން އަކީ ޓިއުބަކްލޯސިސް އާއި ދެކޮޅަށް އުފެއްދި ކާމިޔާބު ވެކްސިން އެކެވެ. ސައިންސްވެރިން ވަނީ މިވެކްސިން ބޭނުންކޮށްގެން ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތުގައި އަލިމަގެއް ފެނިދާނެ ކަމަށް ބުނެފައެވެ.

ޔުނިވާސިޓީ އޮފް އެކްސްޓާގެ ސައިންސްވެރިން ބީސީޖީ ބޭނުންކޮށްގެން ކުރާ ޓެސްޓުތަކުގައި 1000 މީހުން ބައިވެރިވާނެ ކަމަށް ހާމަކޮށްފައި ވެއެވެ.

ސައިންސްވެރިން ވަނީ ޔޫކޭގެ މިލިއަނަކަށްވުރެ ގިނަ މީހުންނަށް މިހާރުވެސް ބީީސީޖީ ވެކްސިން ކުޑައިރު ޖަހާފައިވާކަމަށް ބުނެފައެވެ. ނަމަވެސް ވެކްސިން ގެ މަސައްކަތް ކަށަވަރު ކުރުމަށް އަލުން ޖަހަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.