ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ސަރުކަރުގެ އެކި ލެވެލްގައި، ހާއްސަކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ތުހުމަތުކޮށް، އެކަން އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ކޯލިޝަނުން ކުށްވެރިކޮށްފި އެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒްކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް މިމަހުގެ އަށް ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ހައި ކޯޓުގައި ކުރިއަށްދާ އެމަނިކުފާނުގެ އިސްތިއުނާފު މައްސަލައަށް ޖޭއެސްސީން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"މިއީ ސުޕްރީމް ކޯޓުން ދަށު ކޯޓުގެ ހުކުމަށް ތާއީދު ކުރުމާއެކު ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއްކަން ދިވެހި ރައްޔިތުންނަށް އިތުރަށް ޔަގީންވެފައިވާ ދަނޑިވަޅެއްގައި ޖޭއެސްސީގެ އިސްވެރިންނާއި މިސަރުކާރުގެ އިސްވެރިން ގޮތްހުސްވެގެން ކުރަމުންދާ ވަރަށް ދަށުދަރަޖައިގެ އަމަލެކެވެ،" އިދިކޮޅުގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ، ޖޭއެސްސީން ފަނޑިޔާރުންނަށާއި ކޯޓުތަކަށް ނުފޫޒު ފޯރުވުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެމަނިކުފާނުގެ ލޯޔަރުންނާއި މި ސަރުކާރަށް ތާއީދުކުރާ ފަރާތްތައް ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ތިއްބަވައިގެން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުން ދިއުމުން، މި ސަރުކާރުގެ ޝަރުއީ ނިޒާމުގެ ތެރެއަށް ބަރޯސާވެފައިވާ މިންވަރު ވަރަށް ސާފު ކަމަށް ވެސް ބުންޏެވެ.
"ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންމިދަނީ އެމަނިކުފާނު ޖަލުގައި ގައިދުކޮށް ބަހައްޓައިގެން، ރާއްޖެ އަވަށްޓެރި ގައުމަކަށް ވިއްކާލުމާއި ސަރުކާރުން ބޭނުންވާހާ ކަންކަން ކުރުމަށް ފުރުސަތު ތަނަވަސްކުރުމުގެ ގޮތުންނެވެ. އަދި އެމަނިކުފާނު ދޫކޮށްލައިފިނަމަ މިކަންކަމާ ދެކޮޅަށް އަދި ދިވެހި ގައުމާއި ރައްޔިތުންގެ ދިފާއުގައި ސާބިތުކަމާއެކު ތެދުވާނެކަން މި ސަރުކާރަށް ޔަގީންވާތީއެވެ،" ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ ބަޔާނުގައި ބުނެފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު