އިންޑިއާއިން ބޭނުން ނަމަ ރާއްޖެ ހިފާނެ ކަމަށް ވިދާޅުވެ ބައެއް ވަޒީރުން ދައްކަވާ ވާހަކަތަކަކީ ލަދުވެތި ވާހަކަތަކެއް ކަމަށާއި މި ސަރުކާރުގެ ވަޒީރުންނަކީ 21 ވަނަ ގަރުނުގެ އެންމެ ބޮޑެތި "ޣައްދާރުން" ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިގޮތަށް ވިދާޅުވެފައި މިވަނީ އިއްޔެ ރޭ ރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، އިންޑިއާ އިން ރާއްޖެ ހިފަން ބޭނުންނަމަ އަދި އެގައުމުގެ ދަށުގައި އޮތް ތަނަކަށް ހަދަން ބޭނުންނަމަ ދިވެހިން މަރައިގެން ވިޔަސް އެކަން އޮންނާނީ މިހާރު ކޮށްފައި ކަމަށް ވިދާޅުވުމާއި ގުޅިގެނެވެ.

ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމްގައި ޝިޔާމް ވިދާޅުވީ އިންޑިއާއިން ބޭނުންނަމަ ދިވެހިން މަރާފައިވެސް ރާއްޖެ ހިފާނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ މިނިސްޓަރަކު ދައްކައިގެންވާނެ ވާހަކަތަކެއް ނޫން ކަަމަށެވެ.

ޝިޔާމް ވިދާޅުވީ އިންޑިއާއިން ބޭނުން ނަމަ ރާއްޖެ ހިފޭނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ވިދާޅުވުމަކީ ލަދުވެތިކަމެއް ކަަމަށާއި އެއްވެސް ގައުމަކަށް ރާއްޖެ ނުހިފޭނެ ކަމަށެވެ. އަދި ބޭރުގައި ބާއްވާ ފޯރަމްތަކުގައި ރާއްޖެ ހިފާ ވާހަކަ ދައްކަމުން ގެންދާއިރު، ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު އިންނަވަނީ ބޯ ޖަހާލަ ޖަހާލަ ކަމަށާއި އެއީ ގަބޫލުކުރާ ކަންތައްތަކެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ކޮން ފަދަ ލަދުވެތި ވާހަކަތަކެއްތޯ. އަޅުގަނޑު އެހެންވެގެން ދަންނަވަނީ 21 ވަނަ ގަރުނުގެ އެންމެ ބޮޑެތި ޣައްދާރުންނާއެކީގައޭ މިއަދު ރައްޔިތުން މަޖިލީހުގައި މި އުޅެވެނީ. އެހިސާބުން ޣައްދާރަކަށްވެފަ އެހުރީ. އެ ހުވާތަކުގައި ހުންނަ ވަޒީރުން ބުނެގެން ނުވާނެ ވާހަކަތަކެއް އެބުނަނީ. ނުހިފޭނެ މި ގައުމެއް،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ދިވެހިން މަރާފައި ވިޔަސް ގައުމު ހިފަން ބޭނުންވާ ބަޔަކަށް ގައުމު ހިފޭނެ ކަމަށާއި ނަމަވެސް އެ ފުރުސަތު ނުދެއްވާނެ ކަަމަށެވެ. އަދި ގައުމުގެ އާބާދީ ކުޑަ ނަމަވެސް މިނިވަންކަން ގެއްލޭ ފަދަ ކަމެއް ވިޔަ ނުދޭނެ ކަމަށެވެ.

"އަޅުގަނޑުމެން ދިވެހި ރައްޔިތުން ހިނގާނީ ދިވެހި ލޭ. ދިވެހި ލޭ މިއަދު ނުހިނގަނީތޯ ސުވާލު އުފެދޭ މިއަދު އެމީހުން (މިނިސްޓަރުން) އެގޮތަށް ވާހަކަ ދައްކަވާތީ. ބިރުވެރި ވާހަކަތަކެއް. ނުދެއްކޭނެ އެވާހަކަތަކެއް އެގޮތަކަށް." ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ވަޒީރުންގެ ހުވާގެ މަތީގައި ތިއްބަވައި ރާއްޖެ ވިއްކާލާކަމުގެ ވާހަކަތަކާއި ދިވެހިން މަރާ ވާހަކަ އަކީ ދެއްކޭނެ ވާހަކައެއް ނޫން ކަމަށާއި އެ މިނިސްޓަރުން އިސްތިއުފާ ދޭންޖެހޭ ކަމަށެވެ.