އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މިއަދު އަޅާ ކޮންމެ ފިޔަވަޅަކީ އެ ކުދިންގެ މާދަމާގެ މުސްތަގުބަލު ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ "އިންޓަނޭޝަނަލް ޑޭ އޮފް ދަ ގާލް ޗައިލްޑް 2020" ފާހަގަކުރުމުގެ ގޮތުން އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) ގުޅިގެން ނެރުނު "ކޮންވެންޝަން އޮން ދި އެލިމިނޭޝަން އޮން އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އަގެއިންސްޓް ވިމެން" ފޮތް އިފްތިތާހުކުރުމަށް އޮންލައިންކޮށް މިއަދު ހަވީރު ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.
އެ ހަރަކާތުގައި ވާހަކަދައްކަވަމުން މެޑަމް ފަޒްނާ ވިދާޅުވީ، އަންހެނުންނާމެދު ކުރެވޭ ހުރިހާ ބާވަތެއްގެ ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމާބެހޭ އދ. ގެ މުއާހަދާ ކަމުގައިވާ ސީޑޯއަކީ އަންހެނުންނާއި އަންހެން ކުދިންނަށް އޮތް ރައްކާތެރިކަމުގެ އިތުރުން ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށް ބާރުއަޅާ ވަސީލަތެއް ކަމަށެވެ. އެ އެ މުއާހަދާގެ ޒަރިއްޔާއިން ކުޑަކުދިން ބާރުވެރިކުރުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދޭ ބައިނަލްއަގުވާމީ މުއާހަދާކަމުގައިވާ "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީއާރްސީ)" އަށް އަހުލުވެރިކުރުން ފަދަ މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
މެޑަމް ފަޒްނާ އިތުރަށް ވިދާޅުވީ، ހަމަހަމަކަމާއި އަންހެނުންގެ ހައްގުތަކާ ގުޅޭގޮތުން ހޭލުންތެރި އަދި ބާރުވެރި އަންހެން ދަރިންތަކެއް ތަރުބިއްޔަތު ކުރުމަކީ އަނިޔާ އާއި ތަފާތުކުރުމުން ލިބޭ ގެންލުންތަކުން އެ ކުދިން ސަލާމަތްކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކާ ގުޅޭގޮތުން ފިރިހެން ކުދިން ހޭލުންތެރިކުރުވުމަކީ ވެސް އަންހެނުންނާމެދު ކުރެވޭ ނޭދެވޭ ތަފާތުކުރުންތައް ނައްތައިލުމަށް އެޅޭ ބިންގަލެއް ކަމަށް ވިދާޅުވި އެވެ.
ކުޑަކުދިންގެ ހައްގުތަކާ ގުޅޭގޮތުން ކުދިން ހޭލުންތެރިކުރުމަށް ބައެއް އާއިލާތަކުން ޖެހިލުންވާކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ، އެކަމުގެ އެއް ސަބަބެއް ކަމުގައި ބެލެވެނީ ހައްގުތަކާ ގުޅިގެން ކުދިން ބާރުވެރިކުރުވުމަކީ އެ ކުދިންގެ އަހުލާގަށް ނޭދޭވޭ އަސަރު ކުރުވާނެ ކަމެއްކަމުގައި ދެކޭތީ ކަމަށެވެ. އަދި އެކަމަށް އޮތް ހައްލަކީ ލިބިފައިވާ ކޮންމެ ހައްގަކާއެކު ޒިންމާއެއްވާކަން ކުޑަކުދިންނަށް އަމަލާއި ބަހުން ދެއްކުންކަމަށް ވިދާޅުވި އެވެ.
މެޑަމް ފަޒްނަ އިތުރަށް ވިދާޅުވީ، ސީޑޯ މުއާހަދާގެ މައްޗަށް އަންހެން ކުދިންނާއި ފިރިހެން ކުދިން އަހުލުވެރިކުރުވުމަކީ އެ ކުދިންގެ އަސާސީ ހައްގުތައް ކަށަވަރުކުރުމަށް އެކި އުމުރުގެ ހުރިހާ ކުދިންނަށް ދެވޭ ހިތްވަރެއް ކަމަށެވެ.