ޚަބަރު

އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އިތުރު މަސައްކަތްތަކެއް ކުރާނަން: ރައީސް

އަލީ ޔާމިން

އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ އަންހެން ކުދިންގެ ދުވަހާ ގުޅިގެން ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އެކުދިންނަށް ބޭނުންވާ ތައުލީމު ފޯރުކޮށްދީ ހަމަހަމަ ފުރުސަތުތައް ހޯދައިދޭންޖެހޭ ކަމަށް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އަންހެން ކުދިންނަށް އެކުދިން ބޭނުންވާ ފަދަ މުސްތަގުބަލެއް ހޯދައިދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަަމަށެވެ. އަދި އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އިތުރު މަސައްކަތްތައް ވެސް ސަރުކާރުން ކުރާނެ ކަމަށް ވިދާޅުވި އެވެ.

ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު އެވެ. އދ. އިން މި ދުވަސް ފާހަގަކުރަން ނިންމީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

މި ދުވަސް ފާހަގަކުރުމުގެ މަގުސަދަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި އަންހެން ކުދިންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަމުން އަރައިގަތުމަށް އަންހެން ކުދިން ބާރުވެރިކުރުވައި އަންހެން ކުދިންގެ ހައްގުތައް ކުރިއަރުވައި އެކުދިންނަށް އެހެން ކުދިންނެކޭ ވެސް އެއް ހަމައެއްގައި ފުރުސަތު ހޯދައިދިނުމެވެ.

މިއަހަރުގެ އަންހެން ކުދިންގެ ދުވަހުގެ ޝިއާރަކީ "މައި ވޮއިސް؛ އަވާ އީކުއަލް ފިއުޗާ" އެވެ. މި ޝިއާރަކީ އަންހެން ކުދިންގެ އަޑުއަހައި އެ ކުދިންނަށް ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދިނުމަށް ބާރުއެޅުމުގެ މުހިއްމުކަން ދޭހަވާ ޝިއާރެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.