މެންޗެސްޓާ ސިޓީން ލިއޮނަލް މެސީ ގެންދަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް އެއްވެސް ސަމާލުކަމެއް ނުދޭ ކަމަށް ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ ބުނެފިއެވެ.
ސިޓީގެ އެންމެ މުހިއްމު ކުޅުންތެރިޔާ ޑިބްރޭނާ ބުނެފައި ވަނީ މެސީއަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށާއި، މެސީ ޓީމާ ގުޅިއްޖެ ނަމަ އެއީ އިތުރު ހިތްވަރެއް ނަމަވެސް، މެސީއާ ނުލައިވެސް އެކުގައި ކުޅޭނެ ވަރުގަދަ ސްކޮޑެއް ސިޓީގައި އެބައޮތް ކަމަށެވެ.
"މެސީގެ ޓްރާންސްފާ ވާހަކަތަކަށް އެއްވެސް ސަމާލުކަމެއް ނުދެން. މިބުނީ ވަރަށް ތެދަށް. މެސީއަކީ ވަރަށް މޮޅު، ހުނަރުވެރި ކުޅުންތެރިއެއް. މެސީ ޓީމާ ގުޅިއްޖެ ނަމަ އެއީ ރަނގަޅު ކަމެއް. އެކަމަކު މެސީއާ ނުލައިވެސް ސިޓީގައި ރަނގަޅު ސްކޮޑެއް އެބަ އޮތް،" މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޑިބްރޭނާ ބުނެފައި ވެއެވެ.
ޑިބްރޭނާއެކު ސިޓީން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2023 އަށް ނަމަވެސް، ޑިބްރޭނާގެ އެދުމުގެ މަތިން ކޮންޓްރެކްޓް އާކޮށްފި ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކަށްވެސް އިއްޔެގެ ޕްރެސްގައި އޭނާ ރައްދު ދިނެވެ.
"އަހަރެން ކްލަބުގައި މިހުރީ ވަރަށް ހިތްހަމަ ޖެހިގެން. ކޮންޓްރެކްޓްގެ އެއްވެސް ކަމެއްގައި ކްލަބާ އެއްވެސް ވަރަކަށް ވާހަކަ ދެކެވިފައެއް ނުވޭ. އަހަންނަކަށް ނޭނގެ ސިޓީއާއެކު ކޮންޓްރެކްޓަކަށް އެއްބަސްވި ކަމަށް ދެކެވޭ ވާހަކައަކީ ކިހިނެއް ދެކެވޭ ވާހަކަތަކެއް ކަމެއް،" ބެލްޖިމްއިން އިނގިރޭސިވިލާތާ ދެކޮޅަށް ނޭޝަންސް ލީގުގައި ނުކުންނަން އޮތް މެޗު ގެ ކުރިން ވާހަކަ ދައްކަމުން ޑިބްރޭނާ ބުންޏެވެ.
ބާސާގެ ބޯޑާ މެސީއާ ދެމެދު މައްސަލަތަކެއް ދިމާވެ، މިދިޔަ ސީޒަނަށްފަހު މެސީ ބާސާ ދޫކޮށްލަން އެދިފައި ވެއެވެ. އޭރުވެސް މެސީ ގެންދަން ސިޓީ ތައްޔާރުވެފައިވާ އިރު، އެކަމާ މެދު ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް މި ސީޒަނަށްފަހު މެސީ ގެންދިޔުމާ ގުޅޭގޮތުން ސިޓީގެ ސީއީއޯ އޮމަރު ބެރާދާ ވަނީ ވާހަކަދައްކައިފައެވެ.
"މެސީއަކީ އާންމުކޮށް ސިޓީން ގެންދަން ސްކައުޓް ކުރާ އުމުރުގެ، ނޫނީ އެ ގިންތިތަކަށް ނުފެތޭ ކުޅުންތެރިއެއް ނަމަވެސް، މެސީގެ ހުނަރާއި ފެންވަރާ މެދު ދެބަސްވުމަކަށް ނުދާނެ. މެސީ ގެނައުމަށް ސިޓީ ތައްޔާރު. މެސީގެ ސަބަބުން ސިޓީއަށް ހެޔޮ އަސަރުކުރާނެ. މެސީ ގެންދިއުމުގައި ދިމާވާ ފައިސާގެ އެންމެހާ ޗެލެންޖުތަކަށްވެސް ސިޓީ ތައްޔާރު،" ބެރާދާ ބުނެފައި ވެއެވެ.
މެސީގެ ރިލީސް ފީއަކީ 700 މިލިއަން ޕައުންޑް ކަމަށްވާ އިރު، ބާސާ ދޫކޮށްލަން މެސީއަށް އޮތް ހަމައެކަނި ގޮތަކީ ކޮންޓްރެކްޓް އުވައިލުން ނޫނީ ކޮންޓްރެކްޓް ހަމަވުމެވެ. ސަބަބަކީ ފީފާގެ ފައިނޭންޝިއަލް ފެއާޕްލޭގެ ތެރެއިން އެއްވެސް ކްލަބަކަށް އެއް ޓްރާންސްފާ ސީޒަނެއްގައި އެފަދަ ބޮޑު ރިލީސް ފީއެއް ދެއްކެން ނެތުމެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު