ނަފްސާނީ ބައްޔަކީ މީހުން ތަހައްމަލުކުރާ ކަމެއްކަން ގަބޫލުކުރަން ޖެހޭ ކަމަށާއި ބަލި ތަހައްމަލުކުރާ މީހުންނަށް ހިތްވަރު ދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ ނަފްސާނީ ދުވަހުގެ މުނާސަބާގައި ޔުނިސެފާއި ރައީސް އޮފީހާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ސެންޓާ ފޯ މެންޓަލް ހެލްތާއި އައިޖީއެމްއެޗްއާ ގުޅިގެން މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ) އިން މިރޭ ބޭއްވި ވެބިނާގައި ވާހަކަދައްކަވަމުން ފަޒްނާ ވިދާޅުވީ ކުރިއާ އަޅާ ބަލާއިރު، ނަފްސާނީ ދުޅަހެޔޮކަމުގެ ވާހަކަ ދައްކާލެއް އިތުރުވެފައިވީ ނަމަވެސް، ނަފްސާނީ ބައްޔެއް ހުންނަ ކަމަށް ބުނަން ކެރެނީ މަދު ބަޔަކަށް ކަމަށާއި އެކަމަށް ފަރުވާ ހޯދަން އުޅެން ކެރެނީ ވެސް މަދު ބަޔަކަށް ކަމަށެވެ. އަދި އެއީ ނަފްސާނީ ބައްޔާ މެދު މުޅި މުޖުތަމައު އަދިވެސް ދެކޭ ގޮތަށް ބަދަލު އައިސްފައިނުވާތީ ކަމަށް ވެސް ވިދާޅުވިއެވެ.
"ނަފްސާނީ ބައްޔަކީ މީހުން ތަހައްމަލުކުރާ ކަމެއްކަން ގަބޫލުކުރަން ޖެހޭ. އެއީ ތިމާ ހުރި ސިފައަކުން، އުޅޭ ގޮތަކުން ނޫނީ އެހެންވެސް ކަމެއް ކޮށްގެން ނޫނީ ނުކޮށްގެން ވާ ކަމެއް ނޫން. ވީމާ ތިއީ މިވެނި ކަމެއް ވެގެންނޭ ނޫނީ އެވެނި ކަމެއް ވެގެންވާ ކަމެކޭ މީހުންނާ ދިމާލަށް ކިޔުމަކީ ރަނގަޅު ކަމެއް ނޫން. އޭގެ ބަދަލުގައި އަވަސް ޝިފާއަކަށް އެދޭ ކަމާއި ތިމަންނާ އޭނާއާ އެކީ ވާކަން ބުނެވިދާނެ،" އެކަމަނާ ވިދާޅުވިއެވެ.
ފަޒްނާ ވިދާޅުވީ ސްޓިގްމަޓައިޒޭޝަންގެ ސަބަބުން މެދުވެރިވާ އެންމެ ބޮޑު ކަމަކީ އެމީހުންގެ އިންސާނީ ހައްގުތައް ކަށަވަރުނުކޮށްދެވުން ކަމަށާއި އެންމެ އެދެވޭ ގޮތުގައި ތައުލީމު އުނގެނުމާއި ވަޒީފާ އަދާކުރުމާއި ކުޅިވަރު ކުޅުމާއި މުނިފޫހިފިލުވުމާއި އަދި ހާއްސަކޮށް ބޭސްފަރުވާ ލިބިގަތުމަށް ދަތިވުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފަރުވާ ހޯދުން ލަސްވެގެންދާ ތަން ފެންނަ ކަމަށް ވެސް ވިދާޅުވިއެވެ.
"ބައެއް މީހުން ތިބޭ އެހެން މީހުންނަށް އެނގިދާނެތީ ރާއްޖޭގެ މީހަކަށް ނުދައްކަން ނޫނީ ކުލިނިކަށް ނުދާން. ވީމާ މިކަހަލަ ކަންކަމުން އަރައިގަނެވޭނީ ސްޓިގްމަޓައިޒޭޝަނަށް ގޮތެއް ހޯދިގެން. އެހެން ބަލިތަކަށް ފަރުވާ ހޯދުމަށް ދާގޮތަށް ކުލިނިކުގެ ފެންޑާގައި އިތުބާރާއެކު މަޑުކޮށްލެވޭނެ ފެންވަރަށް ކަންކަން ގެންދެވޭނީ އޭރުން،" އެކަމަނާ ވިދާޅުވިއެވެ.
ފަޒްނާ އިތުރަށް ވިދާޅުވީ ނަފްސާނީ ބަލި ތަހައްމަލު ކުރާ މީހުންގެ އިތުރުން އޭނާގެ ގާތް ތިމާގެ، އެކުވެރި، ރަހުމަތްތެރިންނަށް ނަފްސާނީ ބަލި ގަބޫލުކުރެވުމަކީ ފަރުވާއަކާ ދިމާއަށް ވާސިލުވުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށްވާ ކަމަށާއި ވީހާ އަވަހަށް ފަރުވާ ހޯދުން މުހިންމުވަނީ އޭނާގެ ދިރިއުޅުމަށް އެކަމުން ހެޔޮ ބަދަލުތަކެއް އަންނާނެތީ ކަމަށެވެ.