ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ފަރިތަކުރުންތައް ފަށައިފިއެވެ.

މާޒިޔާއިން މިއަދު ހަވީރު ފަރިތަކުރުންތައް ފަށާފައިވަނީ އެއް ނަންބަރު ޓާފް ދަނޑުގައެވެ. އެ ކްލަބުން ބުނެފައިވަނީ ފަރިތަކުރުންތައް ފަށައި، ފުޓުބޯޅައިގެ ހަރަކާތްތައް ފެށުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"މިފަދަ ދަނޑިވަޅެއްގައި ވަރަށް ބޮޑު އިންތިޒާރެއް މިއީ ފުޓުބޯޅައިގެ ކަންކަން އަލުން ފެށުމަކީ. އެޗްޕީއޭގެ ހުރިހާ ގައިޑްލައިނަކާ އެއްގޮތްވާ ގޮތުގެ މަތިން ތަމްރީނުތައް ފެށީ. ހުރިހާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން. އަޅުގަނޑުމެން ހުރިހާ ކުޅުންތެރިންނަށް އިރުޝާދުވެސް ދެމުން މިދަނީ ފަރުދީ ޒިންމާ އަދާކޮށް، ބޭރު ތެރޭގައި އުޅުން މަދުކޮށް، ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަބަދުވެސް އެޅުމަށް. އެ ކުޅުންތެރިން އެގޮތަށް އަމަލުވެސް ކުރަމުންދާނެ،" މާޒިޔާގެ މީޑިއާ އޮފިސަރު ހަސަން ޝިފާން "ވަން"އަށް ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ ފަރިތަކުރުންތައް ފެށުމަށް އެޗްޕީއޭއާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފުގެ ފަރާތުން ކްލަބުތަކަށް ލިބުނު އެއްބާރުލުން ފާހަގަކުރާ ކަމަށެވެ.

ކޮވިޑް 19ގެ ހާލަތާ ގުޅިގެން އެފްއޭ ކަޕް ނުނިމެނީސް ސީޒަން ނިންމާލީ މާޗު މަހުގައެވެ. ލީގު ޗެމްޕިއަންކަން މާޒިޔާއިން ނެގި އިރު، އޭގެ ފަހުން އޭއެފްސީ ކަޕަށް މާޒިޔާއިން ތަމްރީނުތައް ކުރިއަށްގެންދިޔަ ނަމަވެސް އެ މުބާރާތް އޭއެފްސީން ވަނީ ކެންސަލް ކޮށްލައިފައެވެ. އޭގެ ސަބަބުން މާޒިޔާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، އެ ކްލަބުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އަނެއްކާވެސް ކުރިއަށް އޮތް ސީޒަން ކާމިޔާބު ސީޒަނަކަށް ހެދުމަށެވެ.

ރާއްޖޭގެ ކުޅިވަރުގެ ހުރިހާ މުބާރާތްތަކެއް ހުއްޓިފައިވާ އިރު، ކުޅިވަރު ކުޅުންތެރިންނާއި ކޯޗުންނަށް ކޮވިޑް 19ގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. ޑިސެމްބަރު މަހު ފުޓުބޯޅަ ސީޒަން ފެށުމަށް ތައްޔާރުވެފައިވާ އިރު، ހުރިހާ ކްލަބަކުންވެސް ފަރިތަކުރުންތައް ނުފެށި ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.