މި ސަރުކާރުގެ ރިކަރަންޓު ހަރަދު ރެކޯޑު މިންވަރަކަށް އިތުރުވުމަކީ ވޯލްޑު ބޭންކުން ފާޑު ކިޔާނެ ކަމެއް ކަމަށާއި އެއީ ދެ އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރުގެ ނާގާބިލުކަން އެނގިގެންދާ ކަމެއް ކަމަށް ވިދާޅުވެ، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެ ރައްދު ދެއްވާފައިވަނީ ކުރީގެ ރައީސް މުހައްްމަދު ނަޝީދު އިސްތިއުފާދެއްވުމުން އުފެދުނު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި، 2012 ވަނަ އަހަރުން ފެށިގެން ރައީސް ޔާމީނުގެ ވެރިކަމުގައި 2018 އާ ދެމެދު ސަރުކާރުން ނަގާފައިވާ ގިނަ ދަރަނިތަކުގެ ގްރޭސް ޕީރިއަޑު ހަމަވެ، ދައްކަން ޖެހެނީ މިހާރު އޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދަަށް ރައްދު ދެއްވައި ސައީދު ކުރެއްވި ޓުވީޓެއްގައި، އެކި ގޮތްގޮތުން މި ސަރުކާރަށް މިހާތަނަށް ލިބިފައިވާ އާމްދަނީ އާއި ލޯނުތަކުގެ ބައެއް ތަފްސީލުތައް ވެސް ފާހަގަކުރައްވާފައިވެއެވެ. އެގޮތުން އެހީގެ ގޮތުގައި މިހާތަނަށް 500 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ސަރުކާރަށް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން އިންޑިއާއިން ލައިން އޮފް ކްރެޑިޓުގެ ގޮތުގައި 800 މިލިއަން ޑޮލަރުގެ ކުރެޑިޓު ލައިނެއް ލިބިފައިވާ ކަމަށާއި ސަރުކާރުން ހިންގަން ގަސްދުކޮށްފައިވާ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަން ނިންމާފައިވަނީ އިންޑިިއާގެ އެގްޒިމް ބޭންކުން ދޭން ނިންމާފައިވާ ލައިން އޮފް ކުރެޑިޓުގެ ދަށުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ސައީދު ވިދާޅުވެފައިވަނީ ލޯނުގެ ގޮތުގައި ސަރުކާރުން 1.2 ބިލިއަން ޑޮލަރު ނަގާފައިވާ ކަމުގައެވެ. އޯވާޑުރާފްޓުކޮށް ހަތަރު ބިލިއަން ދިވެހި ރުފިޔާ ޗާޕުކޮށް ނެރެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އިންޑިއާއާއި ރާއްޖޭގެ މަރުކަޒީ ބޭންކުގެ މެދުގައި 200 މިލިއަން ޑޮލަރުގެ ކަރަންސީ ސުވޮޕެއް ހަދާފައިވާކަން ވެސް ސައީދު ފާހަގަކުރެއްވިއެވެ.