ޅ. އަތޮޅުގެ ފަސް ސަރަހައްދެއް ހިމާޔަތްކޮށްފިއެވެ.

ޅ. އަތޮޅުން ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކަކީ، ޅ.މާގަނދު (އެނިމޮނީ) ތިލައާއި ޅ.ދިއްފުށި-މާދޫގައި ހިމެނޭ ފަސް ރަށުގެ ތެރެއިން އެންމެ އުތުރުން އޮންނަ ރަށް ކަމަށްވާ ސެއްޅިފުށީގެ ޗަސްބިން ސަރަހައްދާއި ޅ.މާކޯއާއި ޅ.ވައްވަރާއި ދަނޑިފަޅު ކަނޑު އޮޅިއާއި ދަނޑިފަޅު ފިނޮޅު ސަރަހައްދުގެ އިތުރުން ޅ.ދަށުގިރި ފިނޮޅު ސަރަހައްދެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އިއްޔެއިން ފެށިގެން އެ ސަރަހައްދުތައް ހިމާޔަތްކޮށްފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުން ކަމަށެވެ. އެތަންތަން ހިމާޔަތްކުރުމުގައި އަމަލު ކުރާނީ ގުދުރަތީ ނުވަތަ ތަބީއީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވައިދުގައިވާ ގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ސަރަހައްދުތައް ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ، މިދިޔަ މަހުގެ 29 ވަނަ ދުވަހުގައި ރައީސް އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެންވަޔަރަމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ވަޒީރުންނާއެކު މަޝްވަރާކުރެއްވުމަށް ފަހުއެވެ.

ރައީސް އޮފީހުން ބުނީ، މި ސަރަހައްދުތައް ކަނޑައެޅުމުގައި އެންމެ މުހިންމު އެއް އަސާސަކީ، ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މައުލޫމާތު (ޓްރެޑިޝަނަލް ނޮލެޖް) އާއި، ލިބެން ހުރި ދިރާސާ ރިޕޯޓުތަކާއި މަސްވެރިންނާއި ދަނޑުވެރިންނާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބުނު މައުލޫމާތުތައް ކަމަށެވެ.

ޅ. އަތޮޅުގެ ދެ ސަރަހައްދެއް މީގެ ކުރިންވެސް ހިމާޔަތްކޮށްފައި ވެއެވެ. އެއީ 1995 ސެޕްޓެމްބަރު 27ގައި ހިމާޔަތްކޮށްފައިވާ ޅ.ފުށިފަރު ތިލަ ސަރަހައްދާއި 1999 އޮކްޓޫބަރު 21 ގައި ހިމާޔަތްކޮށްފައިވާ ޅ.ކުރެއްދޫ ކަނޑު އޮޅި (ކުރެއްދޫ އެކްސްޕްރެސް) ސަރަހައްދެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި އެއް ފަރާއި އެއް ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 14 ސަރަހައްދަކާއި އައްޑޫ ސިޓީގެ ހަތަރު ސަރަހައްދަކާއި ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަހައްދު މިހާރުވަނީ ހިމާޔަތްކޮށްފައެވެ.