ދިވެހިރާއްޖޭގެ ސްކޫލުތަކުގެ އެސެމްބްލީތަކާއި، ސަރުކާރުގެ ރަސްމީ ހަފުލާތަކުގައި ގައުމީ ސަލާން ކިޔާ ވަގުތު، ކަނާތްތިލަ ވާތްފަރާތު މޭމަތީގައި ބާއްވައިގެން ތިބޭ މަންޒަރު ވަރަށް އާންމުކޮށް ފެނެއެވެ.

ގައުމީ ސަލާން ކިޔާއިރު މޭމަތީގައި އަތް އެޅުމަކީ މައްސަލައެއްތޯއާއި، އެއީ ކީއްވެ ކުރާ ކަމެއްތޯ އަދި އެއީ ގާނޫނީ ގޮތުން ނުވަތަ ދީނީ ގޮތުން ކޮން ކަހަލަ ކަމެއްތޯ މިއީ ގިނަ ބަޔަކު ކުރަމުން އަންނަ ސުވާލުތަކެކެވެ.

މި ބަހުސް އިތުރަށް ފުޅާވީ، ދާދި ފަހުން ރާއްޖޭގެ ކުރީގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމް ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ޕޯސްޓަކާ ގުޅިގެންނެވެ. އެއީ ކޮންމެހެން ކުރާން ނުޖެހޭ ކަމެއް ކަމަށް ވިދާޅުވާ މޭރުމަކުން އެ މަނިކުފާނު ވިދަޅުވީ، އެއީ ރާއްޖޭގެ އެއްވެސް ގާނޫނަކުން ނުވަތަ ގަވައިދަކުން ކުރުން ލާޒިމް ކަމެއް ނޫން ކަމަށެވެ.

ގައުމީ ސަލާން ކިޔާއިރު މޭމަތީގައި އަތް އެޅުމަކީ ބައިނަލްއަގުވާމީ ގޮތުން ބަލާއިރު ގިނަ ގައުމުތަކެއްގައި އަމަލުކުރަމުން އަންނަ އާދައެކެވެ. ތާރީހީ ގޮތުން ބަލާއިރު، މި ހަރަކާތުން ރަމްޒުކޮށްދެނީ ގައުމަށް އޮންނަ ވަފާތެރިކަމާއި، އިހުލާސްތެރިކަމާއި، ގައުމީ ލޯބި ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެމެރިކާ ފަދަ ގައުމުތަކުގައި ގައުމީ ދިދައަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ކިޔާ ޕްލެޖް އޮފް އެލީޖިއަންސް ކިޔާއިރުވެސް މޭމަތީގައި އަތް އެޅުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. ހިތާ ދިމާލުން މޭމަތީގައި އަތް ބޭއްވުމަކީ، އެމީހެއްގެ ހިތުގެ އަޑިން ގައުމަށް އިހުތިރާމްކުރާކަން ހާމަކޮށްދޭ ރަމްޒީ ހަރަކާތެއް ކަމަށް ތާރީހީ ދިރާސާތަކާ ހަވާލާދީ ބައެއް ފަރާތްތަކުން ބުނެއެވެ.

ދިވެހިރާއްޖޭގައިވެސް މި އާދަ ފެތުރެން ފެށީ، ގައުމިއްޔަތަށް ދެވޭ ހުރުމަތެއްގެ ގޮތުގައާއި، ގައުމީ ރޫހު އާލާކުރުމުގެ ބޭނުމުގައެވެ. މިއީ ބަހުން ބުނާ ބުނުމުގެ އިތުރުން، އަމަލީ ގޮތުންވެސް ގައުމަށް އޮތް ލޯބި ދައްކުވައިދިނުމަށް ބޭނުންކުރާ ޖިސްމާނީ ހަރަކާތެކެވެ. މީގެ ކުރިން ދިވެހިންގެ ތެރޭގައި އޮންނަ އާދައަކީ ގައުމީ ސަލާން ކިޔާއިރު ހަމައެކަނި ކޮޅަށް ތެދުވެ ހުރުމެވެ.

ގާނޫނީ ނަޒަރަކުން ބަލާއިރު، ގައުމީ ސަލާން ކިޔާއިރު މޭމަތީގައި އަތް އެޅުމަކީ ދިވެހިރާއްޖޭގެ އެއްވެސް ގާނޫނަކުން ނުވަތަ ގަވައިދަކުން ލާޒިމުކުރާ ކަމެއް ނޫނެވެ. ދިވެހިރާއްޖޭގެ ގައުމީ ދިދައާއި ގައުމީ ސަލާމާ ބެހޭ އުސޫލުތަކުގައި، ގައުމީ ސަލާން ކިޔާ ވަގުތު ކޮޅަށް ތެދުވެ ހުރުމަށާއި އަދަބުވެރިކަމާއެކު ހިމޭނުން ތިބުމަށް އިރުޝާދު ދީފައިވެއެވެ. ނަމަވެސް، އަތް ބާއްވަން ޖެހޭ ވަކި ހާއްސަ ގޮތެއް ގާނޫނުގައި ބަޔާންކޮށްފައެއް ނުވެއެވެ. އެހެންކަމުން، މިއީ ކޮންމެހެން ކުރަން މަޖުބޫރު ކަމެއް ނޫން ކަމަށާއި، މިއީ މީހުން އަމިއްލަ އިހުތިޔާރުގައި ގައުމީ ލޯބި ފާޅުކުރުމުގެ ގޮތުން ކުރާ ކަމެއްކަން އެނގެއެވެ. މޭމަތީގައި އަތް ބާއްވައިގެން ގައުމީ ސަލާމުގައި ބައިވެރިވުމުން ކުރެވޭ އިހުސާސް ހަމަ އެކަނި ކޮޅަށް ހުރުމުން ކުރެވޭ އިހުސާސާ ތަފާތުވެއެވެ. ސްކޫލުތަކުގައި ދަރިވަރުން ލައްވައި މިކަން ކުރުވަނީވެސް ގާނޫނީ މަޖުބޫރުކަމެއް އޮވެގެންނެއް ނޫނެވެ. އެއީ ތައުލީމީ ނިޒާމުގެ ތެރެއިން ކުދިންގެ ކިބައިގައި ގައުމީ ރޫހު އަށަގެންނެވުމަށްޓަކައި ގެންގުޅޭ ތަރުބަވީ އުސޫލެއްގެ ގޮތުގައެވެ.

މި މައުޟޫއުގައި ދެން އެންމެ ބޮޑަށް އުފެދޭ ސުވާލަކީ ސަލާމަތީ ބާރުތަކުގެ އަމަލުތައް ހުންނަ ގޮތާ ގުޅޭ ސުވާލެވެ. ފުލުހުންނާއި ސިފައިން ފަދަ ހިދުމަތްތަކުގައި މަސައްކަތްކުރާ މީހުން ގައުމީ ސަލާން ކިޔާއިރު މޭމަތީގައި އަތް އަޅާކަށް ނުޖެހެއެވެ. އެމްއެންޑީއެފް އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ޕްރޮޓޮކޯލްތައް ބުނާ ގޮތުން، ރަސްމީ ޔުނީފޯމުގައި ތިބޭ ވަގުތު ގައުމީ ސަލާން ކިޔާނަމަ، އެ ފަރާތްތަކުން ޖެހޭނީ ސެލިއުޓް ކުރާށެވެ. ސެލިއުޓް ކުރުމަކީ އަސްކަރީ އަދި ފުލުހުންގެ އުސޫލުތަކުގައި ގައުމީ ދިދައަށާއި ގައުމީ ސަލާމަށް އިހުތިރާމް އަދާކުރުމަށް ކަނޑައަޅާފައިވާ ރަސްމީ ގޮތެވެ. އެހެންކަމުން، އާންމު ރައްޔިތުން މޭމަތީގައި އަތް އެޅި ނަމަވެސް، ޔުނީފޯމުގައި ތިބޭ ސަލާމަތީ ބާރުތަކުގެ މީހުން އަމަލުކުރާނީ އެ މީހުންގެ މުއައްސަސާގެ ހާއްސަ ގަވާއިދުތަކާ އެއްގޮތަށެވެ. ނަމަވެސް، ސިފައިންނާއި ފުލުހުންވެސް މަދަނީ ހެދުމުގައި ތިބޭ ވަގުތުތަކުގައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން މޭމަތީގައި އަތް އެޅުމަކީ މަނާކަމެއް ނޫނެވެ.

ދީނީ ގޮތުން ބަލާއިރު، މިއީ ވަރަށް ބޮޑަށް ބަހުސްކުރެވުނު މައްސަލައެކެވެ. ބައެއް މީހުން ދުށް ގޮތުގައި މޭމަތީގައި އަތް އެޅުމަކީ ނަމާދުގައި ހަރަމް ބަނުމާ ވައްތަރު ކަމަކަށް ވާތީ، އެއީ ދީނީ ގޮތުން މައްސަލައަކަށް ވެދާނެއެވެ. އަދި ބައެއް ފަރާތްތަކުން ވަނީ މިއީ އިސްލާމީ އުސޫލުތަކާ ހިލާފު، ބޭރުގެ ސަގާފަތްތަކުން އައިސްފައިވާ ކަމެއް ކަމަށް ބުނެ ފާޑުކިޔާފައެވެ.

މިކަމަށް ނިމުމެއް ގެނެސްދިނީ ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ނެރުނު ރަސްމީ ފަތުވާއަކުންނެވެ. އެ ފަތުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، ގައުމީ ސަލާން ކިޔާއިރު މޭމަތީގައި އަތް އެޅުމާއި، ގައުމީ ދިދައަށް ސަލާމްކުރުމާއި، ކޮޅަށް ތެދުވެ ހުރުމަކީ އިސްލާމް ދީނުގައި ކަނޑައަޅާފައިވާ އެއްވެސް އަޅުކަމަކާ ގުޅުމެއް އޮތް ކަމެއް ނޫނެވެ. އަދި އެއީ އާދަކާދައާ ގުޅިފައިވާ ކަމެއް ކަމަށާއި، އާދަކާދައާ ގުޅޭ ކަމެއް ހަރާމް ކަމަށް ކަނޑައެޅޭނީ ސަރީހަ ދަލީލަކުން ސާބިތުވުމުން ކަމަށް އެ މަޖިލީހުން ވިދާޅުވިއެވެ. އެހެންކަމުން، އެކަން ހަރާމްކުރާނެ ސަރީހަ ދަލީލެއް ނެތުމުން، މިއީ ދީނީ ގޮތުން ހުއްދަ ކަމެއް ކަމަށް ފަތުވާ މަޖިލީހުން ވަނީ ކަނޑައަޅާފައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ނެރުނު ރަސްމީ ފަތުވާ ---

މި ހުރިހާ ކަމަކަށް ރިއާޔަތްކުރާއިރު، ގައުމީ ސަލާން ކިޔާއިރު މޭމަތީގައި އަތް އެޅުމަކީ އަދަބު އަހުލާގުގެ ތެރޭގައި ހިމެނޭ، ގައުމިއްޔަތަށް ދެވޭ ހުރުމަތެއްގެ ގޮތުގައި މާނަކުރެވިދާނެ ކަމެކެވެ. މިއީ ގާނޫނަކުން މަޖުބޫރުކުރާ ކަމަކަށް ނުވިޔަސް، ދީނީ ގޮތުން މަނާކުރާ ކަމަކަށް ނުވާތީ، މިއީ އަމިއްލަ އިހުތިޔާރުގައި ގައުމީ ލޯބި ފާޅުކުރުމަށް ކުރެވިދާނެ ކަމެކެވެ.

ސްކޫލުތަކުގެ ދަރިވަރުންނާއި އާންމު ރައްޔިތުން މި އާދަ ހިފަހައްޓަމުން އަންނައިރު، މިއީ ގައުމުގެ އެއްބައިވަންތަކަމާއި ގައުމީ ރޫހު ދައްކުވައިދޭ ރީތި އާދައެއްގެ ގޮތުގައި މުޖުތަމައުގައި އަންނަނީ ހަރުލަމުންނެވެ.

ރުކާރުގެ ރަސްމީ އިދާރާތަކުންނާއި ތައުލީމީ މުއައްސަސާތަކުން މިކަމަށް ބާރުއަޅަމުންދާއިރު، ވަކީން ހާއްސަކޮށް، އާ ޖީލުގެ ކުދީންގެ ހިތްތަކުގައި ގައުމިއްޔަތުގެ ރޫހު އާލާކުރުމަށްޓަކައި، ކޮންމެ ދުވަހަކު ސްކޫލު ފަށާއިރު މި ހަރަކާތް ތަކުރާރުކުރުމަކީ، ގައުމީ ލޯބި ދިރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރެއެވެ.

މިކަމާ ގުޅޭގޮތުން އުފެދުނު ބަހުސްތަކަށް ފަތުވާ މަޖިލީހުން ދީފައިވާ ޖަވާބާއެކު، ކުރިއަށް އޮތް ތަނުގައިވެސް ރަސްމީ ހަފުލާތަކާއި ސްކޫލުތަކުގައި މި މަންޒަރު ފެނުން އިތުރުވެގެންދާނެކަމަށް ގަބޫލުކުރެއެވެ.