ދިވެހިރާއްޖޭގެ ރަސްކަމުގެ ޒަމާނުގައި އަޅަކު އާންމު ރައްޔިތަކު ގައުމުގެ އެންމެމަތީ ދަރަޖަ ހާސިލުކުރުމެވެ. ކުރެއްވެވި ހިންމަތާއި މިންނަތުންނެވެ. ފުރުއްވެވި މަތިވެރި މަގާމުތަކުންނެވެ. 1897 އިން 1927 އަށް އާނހޫން ކިޔާއި އާންމު ރަައްޔިތެކެވެ. 1927 އިން 1960 އަށް ލައްބަދުރުވާ ބޭކަލެކެވެ. (ދަންނަ ބޭކަލެއްގެ ގޮތުންވެސްމެއެވެ). 1960 އިން ފެށިގެން ވަޒީރުންނަށްވުރެވެސް މަތީ ދަރަޖަ އަމީރުންގެ ދަރަޖައިގެ ބޭފުޅެކެވެ. ވަލީ ކޮމެޓީގެ މެންބަރެކެވެ. (ދައުލަތުގެ އެންމެމަތީ ވެރިޔާ ކީރިތި މަހާރަދުންގެ ގާއިމު މަގާމު އަދާކުރާ މަޖިލިސްގެ މެންބަރެކެވެ). ގާނޫނު ތަސްދީގުކުރެއްވެވިއެވެ. ވީމާ އާދެވަޑައިގަންނަވާ ބޭފުޅެއްގެ ދަރަޖަ ހާސިލުކުރެއްވެވުމެވެ. މިއީ ދިވެހިރާއްޖޭގެ އެންމެ އާދަޔާ ޚިލާފު ގައުމީ ޝަޚްސިއްޔަތެެކެވެ.
އެއީ ފަޟީލަތުއްޝައިޚު އިބްރާހީމް ރުޝްދިލް އަޒުހަރީއެވެ. އެމަނިކުފާނު ދުނިޔޭގެ އަލިކަންދެކެވަޑައިގަތީ 15 އޮކުޓޫބަރު 1897ގައި ތިލަދުންމަތީ ކެލާގައެވެ. އުމުރުފުޅުން 64 އަހަރުފުޅުގައި އަވަހާރަވީ 29 އޮކުޓޫބަރު 1961 ގައެވެ. އަވަހާރަވިތާ 65 އަހަރުވީއެވެ! ޞާޙިބުއްސަޢާދަތު ފަޟީލަތުއްޝައިޚު އިބްރާހީމް ރުޝްދިލް އަޒުހަރީ އަވަހާރަވިއިރު ހުންނެވީ ދިވެހިރާއްޖޭގެ ވަޒީރުލްއައުޤާފް ކަމުގެ މަގާމުގައެވެ.
ތިލަދުންމަތީ (މިހާރު ތިލަދުންމަތީ އުތުރުބުރީ) ކެލާ މުޙައްމަދުގެ ފުތް އިބްރާހީމް (މުރަނަ އުނބުށޭމު) އަކީ، 1900ގެ ކުރީކޮޅު، މިސުރަށް ދުރުވެ ކުރެއްވެވި ހިންމަތާއި މިންނަތުން ޖާމިއުލްއަޒުހަރުން ތައުލީމު ހާސިލުކުރައްވައިގެން ރާއްޖެ ދުރުވި ދަންނަބޭކަލެކެވެ. ދައުލަތުގެ ފުރަތަމަ މަދުރަސާ، މަދުރަސަތުއްސަނިއްޔާގެ އައްވަލުލްއުސްތާޛެވެ. ދިވެހިރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ބަންޑާރަނައިބު ކަލޭފާނެވެ. ފަނޑިޔާރުގޭގެ ނައިބުކަން ކުރެއްވިއެވެ.
ގިނަގުނަ ގައުމީ ޚިދުމަތްތައް، ދައުލަތަށް ކުރެއްވީ އިޚްލާޞްތެރިކަމާއެކުގައެވެ. އިސްލާހީ ކަންކަމުގެ ބޭކަލެކެވެ. އެހެންވެ އެކިފަހަރު އެކި އަދަބުތައް ލިބިލެއްވިއެވެ. 1933ގައި "މަޝްހޫރު މޮޓަރުބޯޓުގެ ގަޑުބަޑުގައި ސިލޯނަށް ފޮނުވައިލެވުނެވެ. "ފުރަތަމަ ދުސްތޫރީ ސަރުކާރުގެ ދުވަސްވަރު (1932 - 1933) ކުރެއްވި "އިސްލާހީ ކަންކަމުގެ އަދަބެއްގެ ގޮތުންނެވެ. "ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލިސްގައި، އަޞްޙާބުއްސަޢާދަތު ވަޒީރުންގެ މަޖިިލިސްގައި އިސްލާހީ އަގުހުރިި ޚިދުމަތްތައް ކުރެއްވިއެވެ. ކުރެއްވެވި މުހިންމު މަސައްކަތްތައް ލިޔުއްވެވި އިލްމީ ލިޔުންތަކާއި ފޮތްތަކުން ގައުމަށް ލިބުނު ފައިދާތައް ގިނަގުނައެވެ. ވަޒީރުލްއައުޤާފް ޞާޙިބުއްސަޢާދަތު އައްޝައިޚް އިބްރާހީމް ރުޝްދިލް އަޒުހަރީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމަށްފަހު 1961ގައި ވުޒާރަތުލްއައުޤާފްވެސް އުވުނީއެވެ.
ޝައިޚުގެ ސަންދޯއް ގެންދެވުނުއިރު، ދައުލަތުގެ އެންމެމަތީ ވެރިޔާ ކީރިތި މަހާރަދުންނާއި، ސަރުކާރުގެ އެންމެމަތީ ވެރިޔާ ބޮޑުވަޒީރު އިހުތިރާމުގެ ގޮތުން ވަޑައިގަތެވެ. މިއިން މޭރުން ވަނީ ޝައިޚުގެ އަގުހުރި ޤައުމީ ޚިދުމަތްތަކުގެ މަތިވެރިކަމެވެ.
ތިރީގައި މިވަނީ ކެލާ ޝައިޚްގެ ވަރަށް އާދަޔާ ޚިލާފުކަމެއް، ކުރީގެ ލިޔުންތައް ލިޔުނު ގޮތަށް އިބާރާތްކުރެވިފައެވެ. މިޖީލަށް މުހިންމު ވާހަކައަކަށް ވުން އެކަށީގެންވޭމެއެވެ.
ދަންނައެ! ކެލާ ޝައިޚުގެ ޢަޖާއިބުކުރުވަނި ކަންތައްތަކުގެ ތެރެއިން، މިރާއްޖޭގެ އިހުގެ ޢާދަކާދައެއް ފޫވައްޓާލިނިވި، މިލިޔާ ކަންތައް ހިމެނިގެންވިއެވެ. މިކަންތައްވީ، އަހުރެމެންގެ މި ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި އެއިގެ ފަހުން މަޢުރޫފްވެ، މަޤުބޫލުވެގެންވީ ކަމެއް ކަމުގައެވެ.
އެކަމަކީ، ކެލާ ޝައިޚް ހިޖުރީގޮތުން 1300ގެ ކުރީކޮޅު (މީލާދީގޮތުން 1900ގެ އެންމެ ކުރީކޮޅު) މިސުރަށް ދުރުވިއިރު އެއީ ކެލާ މުޙައްމަދު ފުތް އިބްރާހީމް ކަމުގައިވީ ނަމަވެސް، އިލްމު އުނގެނިލައްވައި ދަންނަބޭކަލަކަށް ވެލެއްވިއިރު އިތުރު ނަމަކާއެކު ނަން ނިމެނީ ދީއެއް ކަމުގައެވެ. އިބްރާހީމް ރުޝްދީއެވެ. (އެއިރު ފުރަމާލޭ ބޭފުޅުންނަށް ދީދީގެ ނަން ދެވިފައިވާއިރު އާންމުގޮތެއްގައި މުހަންމައިދި، އަހަންމައިދީ، އަލިދީ، ހަސަންދީ، ހުސައިންދީ، މިގޮތަށް ދީ އެކަނި ކިޔަމުންގެންދެވޭމެއެވެ) ވީމާ، ކެލާ ޝައިޚްވެސް ދީއެއް ކަމުގައި ވެލެއްވީއެވެ. ރުޝްދީއެވެ.
ދެންފަހެ، މި ދެނަމުގެ ކަންތައްވީ ފުރަމާލޭ ބޭފުޅުން މާބޮޑަށް ރުހިވަޑައިގެންނެވި ކަމެއް ކަމުގައެވެ. އިސާހިތަކު ވެރިންގެ ބޭފުޅުންނަށް ދެނަން ދެއްވައިފޫއެވެ. އަތިރީގޭ ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނުގެ މުޙައްމަދު ދީދީ، ޙަސަން ދީދީގެ ނަންފުޅު، މުޙައްމަދު ފަރީދު ދީދީ ޙަސަން ދީދީއަށެވެ. އަތިރީގޭ އަޙްމަދު ދޮށިމޭނާ ކިލެގެފާނުގެ މުޙައްމަދު ދީދީގެ ނަންފުޅު، މުޙައްމަދު އަމީނު ދީދީއަށެވެ. ކަކާގޭ އިސްމާޢީލް ދީދީގެ ބޭފުޅުންގެ ނަންފުޅު ޙިލްމީ ދީދީންނަށެވެ. ހެންވޭރުގެ އަޙްމަދު ދީދީގެ ނަންފުޅުވެސް އަޙްމަދު ކާމިލު ދީދީއަށް ބަދަލުކުރައްވައިފިއެވެ. އަދިވެސް އެތައް ބޭފުޅުންގެ ނަންފުޅުވެސް ދެނަންފުޅަށް ބަދަލުކުރައްވައިފިއެވެ. އަދި ބޭކަލުންނަށްވެސް އެކަން ހުއްދަކުރެވިއްޖެއެވެ. އަދި ކިއެއްތަ، ޢާންމުންނަށްވެސް ހުއްދަވެގެންވީ ކަމަކަށް ވެއްޖެއެވެ. ދެން އެއަށްފަހު، މުޅި ރާއްޖޭގެ ހުރިހައި ރަށެއްގައި މިކަން އާންމުވެއްޖައޫއެވެ.
އެޑިޓަރުގެ ނޯޓު؛
މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.
މުޙަައްމަދު ޝާޠިރު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ކޮމެންޓް