ކުޑަކުދިންނާމެދު ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އިހުމާލުވެފައިވާކަމަށް ފާހަގަކުރެވޭ މައްސަލަތަކާގުޅޭ ތަހުގީގުތަކެއް ފަށާފައިވާ ކަމަށް ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.
އެކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ކަމާބެހޭ މުއައްސަސާތަކުން އަމަލުކޮށްފައިވާ ގޮތް ދެނެގަތުމަށްޓަކައި ޖެންޑާ މިނިސްޓްރީ އާއި ފުލުހަށް ހުށަހެޅޭ މައްސަލަތަކުގެ ފައިލް އޮޑިޓެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ގާނޫނީ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ހައްގުތައް އެންމެ ފުރިހަމައަށް ކަށަވަރުކުރެވޭކަން ވަޒަންކުރުމަށްޓަކައި ކަމާގުޅޭ ގާނޫނުތައް ރިވިއުކުރުމުގެ މަސައްކަތާއި ދައުލަތުގެ އިދާރާތަކުން އިހުމާލުވެފައިވާކަމަށް ފާހަގަކުރެވޭ މައްސަލަތަކާ ގުޅޭ ތަހުގީގުގެ މަސައްކަތްތައް މިގެންދަނީ ކުރަމުން،" ކޮމިޝަންގެ ބަޔާނުގައި ވެއެވެ.
ކޮމިޝަނުން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކުގެ ހާލަތު ވަޒަންކޮށް، އެ މަރުކަޒުތަކުގައި އެކުދިންނާ މެދު އަމަލުކުރެވެމުން އަންނަ ގޮތްތައް ދެނެގަތުމަށްޓަކައި ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބައިތިއްބާ ފަސް މަރުކަޒަކަށް މިދިޔަ މާޗް މަހުން ފެށިގެން އެޕްރީލާއި ހަމައަށް އެކޮމިޝަނުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
"އެގޮތުން، ކޮމިޝަނުން އެންމެ ފުރަތަމަ ކުޑަކުދިންގެ ހިޔާއަށް ކުރި ޒިޔާރަތުން ފާހަގަކުރެވުނު ކަންކަމާއި ކުޑަކުދިންގެ ހިޔާގައި އިސްލާހުކުރަން ޖެހޭ ކަންކަން ފާހަގަކޮށް 26 މާޗް 2020 ގައި ޕްރެލިމިނަރީ ރިޕޯޓެއް ތައްޔާރުކޮށް ރައީސްއާ ހިއްސާކުރެވިފައިވާނެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ރިކޮންމެޑޭޝަންތައް ތަންފީޒުކުރުމަށް މިނިސްޓްރީ އޮފް ޖެންޑަ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ޕްލޭނެއް އެކުލަވާލައި، އެ ޕްލޭންއާ އެއްގޮތަށް މަސައްކަތް ކުރަމުން ދަނީ،" ކޮމިޝަނުން ބުންޏެވެ.
ކޮމިޝަނުން ބުނީ ދޫނިދޫއާ އަތޮޅުވެހި ކަސްޓޯޑިއަލާއި އައްސޭރި ޖަލާއި ފިޔަވަތި މަރުކަޒަށް ކުރި ޒިޔާރަތުގައި ފާހަގަ ކުރެވުނު ކަންކަމަށް ބެލުމަށްފަހު މިހާރުން މިހާރަށް އިސްލާހުކުރަން ޖެހޭ ކަންކަމާއި އެކަންކަން އިސްލާހުކުރުމަށްޓަކައި ހުށަހަޅާފައިވާ ހުށަހެޅުންތައް ބަޔާންކޮށް އެކޮމިޝަނުން ތައްޔާރުކޮށްފައިވާ ހަތަރު ޕްރިލިމިނަރީ ރިޕޯޓް ރައީސްއާ ހިއްސާ ކުރެވިފައިވާ ކަމަށެވެ.
ކޮމިޝަނުން ބުނީ މި ޕްރިލިމިނަރީ ރިޕޯޓުތަކުގައި ފިޔަވަތި މަރުކަޒުގައި އިސްލާހުކުރަން ޖެހޭ ކަންކަން ބަޔާންކޮށް 15 ރިކޮމެންޑޭޝަން ހިމަނާފައިވާނެ ކަމަށާއި ދޫނިދޫ ކަސްޓޯޑިއަލް އާއި އަތޮޅުވެހި ކަސްޓޯޑިއަލްގައި އިސްލާހުކުރަން ޖެހޭ ކަންކަން ބަޔާންކޮށް 11 ރިކޮމެންޑޭޝަނެއް އަދި އައްސޭރި ޖަލުގައި އިސްލާހުކުރަން ޖެހޭ ކަންކަން ބަޔާންކޮށް 13 ރިކޮމެންޑޭޝަން ހުށަހަޅާފައިވާނެ ކަމަށެވެ.
މީގެ އިތުރުން މިދިޔަ މަހު ރައީސްއާއެކު ބޭއްވި ބައްދަލުވުމުގައި ކުޑަކުދިން ބަލަހައްޓާ މަޒުކަޒުތަކުގައި ކުދިންނަށް ލިބެމުންދާ ހިދުމަތްތަކާއި އެތަންތަނުގައި ތިބޭ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމާއި އެ މަރުކަޒުތަކުގެ ހާލަތާގުޅޭގޮތުން ކޮމިޝަނުގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށްވެސް ރިޔާސީ ކޮމިޝަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު