ފަތުރުވެރިކަމަށް ހާއްސަ އިންޝުއަރެންސް ޕެކޭޖެއް އެލައިޑް އިންޝުއަރެންސްއިން ތައާރަފުކޮށްފިއެވެ.
މި ޕެކޭޖު ތައާރަފުކޮށްފައިވަނީ ވާޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި އެލައިޑް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒު ބައިވެރިވެވަޑައިގެންފައިވެއެވެ.
އެލައިޑުން ދެ އިންޝުއަރެންސް ޕެކޭޖެއް ތައާރަފުކޮށްފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ އެލައިޑް އިންބައުންޑް އަދި އެލައިޑް އިންބައުންޑް ޕްލަސްއެވެ.
ދެ ޕެކޭޖު ވެސް ގަންނަން ޖެހޭނީ ރާއްޖެއަށް އައުމުގެ ކުރިން ކަމަށާއި މި ދެ ޕެކޭޖު ހަތް ދުވަހަށާއި ހަތް ދުވަހަށްވުރެ ދިގު މުއްދަތަކަށް ނެގޭނެ ކަމަށެވެ. އެގޮތުން އެލައިޑް އިންބައުންޑް ހަތް ދުވަހަށް ނަގާނަމަ 25 ޑޮލަރު އަދި ހަތް ދުވަހަށްވުރެ އިތުރުވާނަމަ 35 ޑޮލަރު ޗާޖް ކުރާނެ ކަަމަށާއި އެލައިޑް އިންބައުންޑް ޕްލަސް ހަތް ދުވަހަށް ނަގާނަމަ 35 ޑޮލަރު އަދި ހަތް ދުވަހަށްވުރެ އިތުރުވާނަމަ 45 ޑޮލަރު ޗާޖް ކުރާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
މި ދެ ޕެކޭޖުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އައިސޮލޭޝަން ފެސިލިޓީއަށް ހިނގާ ހަރަދާއި އިމަޖެންސީ ހާލަތްތަކުގައި މެޑިކަލް ފެސިލިޓީއަށް ގެންދިއުމަށް ހިނގާ ހަރަދާއި އިމަޖެންސީ ހާލަތްތަކުގައި ބޭސްފަރުވާއަށް ހިނގާ ހަރަދުގެ އިތުރުން އިންޓަމެންޓް ހަރަދެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ލިބިގެން ދިޔަ އެންމެ ބޮޑު ގޮންޖެހުމަކީ ފަތުރުވެރިކަމަށް ހާއްސަ އިންޝުއަރެންސް ޕެކޭޖެއް ނެތުން ކަމަށެވެ. މި ޕެކޭޖްގެ ސަބަބުން ޕަތުރުވެރިންނަށާއި ސަފާރީ އޮޕަރޭޓަރުންނާއި ގެސްޓް ހައުސްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި ފަތުރުވެރިކަން އިތުރަށް ކުރިއަށްގެންދިއުމަށް މި ޕެކޭޖުގެ ސަބަބުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.
މިނިސްޓަރު ވަނީ ރާއްޖެ އަންނަ ފަތުރުވެރިން މި ޕެކޭޖު ނެގުމަށް ޓޫރިޒަމް ފެސިލިޓީތަކުން އިލްތިމާސް ކުރުމަށްވެސް އެދިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު