ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް، އެމްޑީޕީން ނުކުންނާނީ ވެރިކަމުގައި، މިހާރު އޮތް ކޯލިޝަނާ އެކުގައިތޯ ނުވަތަ ވަކިންތޯ ވަރަށް އަވަަހަށް ނިންމަން ޖެހޭ ކަމަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އަލީ އާޒިމް މިހެން ވިދާޅުވީ، އެމްޑީޕީން ނެރޭ "ޚަބަރު ސިޓީ"ގެ މިއަދުގެ އަދަދުގައި ލިޔެފައިވާ ލިޔުމުގައެވެ.
އެހެން ޕާޓީތަކާއެކު އިންތިހާބަށް ކުރިމަތިލައިފިނަަމަ، އެމްޑީޕީއަށް އިންތިހާބު ނާކާމިޔާބުކޮށްލަން މަސައްކަތް ކޮށްފާނެ ކަމަށް ވިދާޅުވެ އެ ލިޔުމުގައި އަލީ އާޒިމް ވަނީ، ފުޓުބޯޅަ މެޗެއްޖެ މިސާލު ޖައްސަވައިފައެވެ.
"ވާދަވެރި ޓީމްތަކުގެ ކުޅުންތެރިން ގޮވައިގެން މެޗް ކުޅެން އަރައިފިނަމަ އެންމެ ހައްސާސް ދަނޑިވަޅުގައި ބައިކޮޅަށް ގޯލެއް ޖަހާތަން އަޅުގަނޑުމެންނަށް ފެންނާނެ،" އާޒިމް ވިދާޅުވެފައި ވެއެވެ.
އާޒިމްގެ ލިޔުއްވުމުގައި، ސަރުކާރުގެ އިތުރުން ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި، އެހެން ޕާޓީތަކުގެ ބޭފުޅުންނަށް ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފައެވެ. އެގޮތުން އެ ބޭފުޅުން ނިސްބަތްވާ ޕާޓިތައް ވަރުގަދަ ކުރުމަށްޓަކައި، އެ ޕާޓީތަކުގެ ފިކުރުގެ މީހުންނަށް ވަޒީފާތައް ދިނުމާއި މަސައްކަތްތައް ދިނުން ފަދަ ކަންތައްތައް ހިންގާ ކަމަށާއި، އަތޮޅުތަކުގައި އެކަން މާ ވަރުގަދައަށް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ރާއްޖޭގައި ހެޔޮ ވެރިކަމެއް ގާއިމްކުރުމަށް 2012 ވަނަ އަހަރުން ފެށިގެން ޖާނާއި މާލުން ގުރުބާން ވީ، އެމްޑީޕީގެ މެންބަރުން ބާކީވެ މަގުމަތިވަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.
އާޒިމް ވިދާޅުވީ، މިއީ ކޯލިޝަން ސަރުކާރަކަށް ވިޔަސް އެގޮތަށް ރައްޔިތުން ނުދެކޭ ކަމަށެވެ.
އާޒިމް ވިދާޅުވީ، ސަރުކާރުގެ އޮފީހަކުން ނުވަތަ ކުންފުންޏަކުން ވިޔަސް، ޖާއިޒް ނޫން ކަމެއް ކުރާ ކޮންމެ ފަހަރަކު ހުތުރު ރައްދުވަނީ އެމްޑީޕީއަށް ކަމަށެވެ. އެކަމުގެ ބަދުނާމު އެޅެނީ އެމްޑީޕީގެ ބޮލުގައި ކަމަށް ވެސް ވިދާޅުވިއެވެ.
މަޖިލިސް މެންބަރު އަލީ އާޒިމް
މަޖިލިސް މެންބަރު އަލީ އާޒިމް
މަޖިލިސް މެންބަރު އަލީ އާޒިމް
މަޖިލިސް މެންބަރު އަލީ އާޒިމް