މެންޗެސްޓާ ޔުނައިޓެޑާ އަލަށް ގުޅުނު އުރުގުއޭގެ ފޯވަޑް އެޑިސަން ކަވާނީ މިވަގުތު ހުރީ ކަރަންޓީނުގެ 14 ދުވަސް ފުރިހަމަ ކުރުމަށް ކަމަށް ކްލަބުން ބުނެފިއެވެ.
ކަވާނީ ޔުނައިޓެޑަށް ދިޔައީ ޖޫން މަހުން ފެށިގެން ފްރީ އެޖެންޓެއްގެ ގޮތުގައި ހުރުމަށްފަހުއެވެ. އޭނާ ފްރާންސުގައި ހުރުމަށްފަހު އިނގިރޭސިވިލާތަށް ގޮސްފައި ވަނީ ޔުނައިޓެޑަށް ސޮއިކުރުމަށެވެ. ސަރުކާރުގެ ގައިޑްލައިން ބުނާ ގޮތުން ފްރާންސުން ދާ ކޮންމެ މީހަކު 14 ދުވަހަށް ކަރަންޓީނު ވާން ޖެހޭނެއެވެ.
ކުޅުންތެރިން ދަތުރުކުރި ނަމަވެސް ކަރަންޓީނު ނުވާނެ އުސޫލަކީ ކުޅުންތެރިންނަށް ހާއްސަ "ބަބުލް"އެއްގެ ތެރެއިން ދަތުރުކުރުމެވެ. ކަވާނީއަކީ އެއްވެސް ކްލަބެއްގައި ކުޅެމުންދިޔަ ކުޅުންތެރިޔަކަށް ނުވުމާއެކު އޭނާ އަށް އެ "ބަބުލް" ތެރެއަށް ފެތިގެން ނުދެވެއެވެ.
އަންނަ ހަފްތާ ގައި ނިއުކާސަލްއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުގައި ކަވާނީ ނުފެންނާނެއެވެ. ލަފާކުރެވޭ ގޮތުގައި ކަވާނީ ފެންނާނީ މިމަހު 17 ގެ ފަހުން ޔުނައިޓެޑް ކުޅޭ މެޗުތަކުގައެވެ.
ޔުނައިޓެޑަށް ކަވާނީ ގޮސްފައިވަނީ ސީޒަނަކަށް 10 މިލިއަން ޕައުންޑް ޖެހޭ މުސާރައެއްގައެވެ. އޭގެ އިތުރުން ކުޅުން ރަނގަޅު ނަމަ ބޯނަސްގެ ގޮތުގައި ދެ މިލިއަނަކާއި ސޮއިކުރުމުގެ ބޯނަސްއެއްގެ ގޮތުގައި ހަތަރު މިލިއަނެއް ކަވާނީއަށް އެއްބަސްވުމުގައިވާ ގޮތުން ލިބޭނެއެވެ.
ކަވާނީ ވަނީ އޭނާގެ ކެރިއަރުގައި ކުޅުނު 556 މެޗުން 341 ގޯލް ޖަހައިފައެވެ. އޭނާއަކީ ޕީއެސްޖީއަށްވެސް ރެކޯޑު އަދަދަކަށް ގޯލް ޖަހައިދީފައިވާ ކުޅުންތެރިއެކެވެ. އެގޮތުން އޭނާވަނީ ޕީއެސްޖީއަށް 301 މެޗުން 200 ގޯލް ޖަހައިދީފައެވެ. ގައުމީ ޓީމަށްވެސް ކަވާނީ ވަނީ 116 މެޗުން 50 ގޯލް ޖަހައިދީފައެވެ.
އުމުރުން 33 އަހަރުގެ ކަވާނީ މިދިޔަ ހަފުތާގައި ޔުނައިޓެޑާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އެއް އަހަރުގެ ކޮންޓްރެކްޓެއްގައި ކަވާނީ އެ ކްލަބާ ގުޅިފައިވަނީ އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތު ޔުނައިޓެޑަށް ލިބިގެންދާނެ އެއްބަސްވުމެއްގެ ދަށުންނެވެ. ޔުނައިޓެޑަށް ކަވާނީ ދިޔުމުގެ ކުރިން އޭނާއާއި އަންހެނުން ކޮވިޑް 19އަށް ފޮޒިޓިވް ވެފައިވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު