ކުޅުދުއްފުށީ ސިޓީން ޕޮޒިޓިވްވި ފުލުސް މީހާއާ ގުޅިގެން އިތުރު ފަސް މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހެއް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. އެއާއެކު އެރަށް ހިމެނޭ ގޮތަށް ހަ ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނައެވެ. ނަމަވެސް އެހުރިހާ ރަށެއް މިހާރު ވަނީ މޮނީޓަރިންގެ ހާލަތުން ނަގައިފައެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކުޅުފުއްފުށިން ޕޮޒިޓިވްވި ފުލުސް މީހާއަކީ އުތުރުގެ ބައެއް ރަށްރަށުގައި ފުލުހުން މިދިޔަ މަހުގެ 24 އިން ފެށިގެން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަންގައި ބައިވެރިވި ފަރާތެއް ކަމަށެވެ. އެ އޮޕަރޭޝަނަށް މާލެއިންނާއި އެހެން ރަށްތަކުގެ ޕޮލިސް ސްޓޭޝަންތަކުންވެސް ފުލުހުން ބައިވެރިވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ފުލުސް މީހާ ޕޮޒިޓިވްވުމުން ކުރިއަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވުނު ބައެއް މީހުން މިހާރު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން އިއްޔެ ދެމީހަކު ޕޮޒިޓިވްވި އިރު، މިއަދު ހއ. ދިއްދޫން ޕޮޒިޓިވްވި މީހުންނާއެކު ކުޅުދުއްފުށީ ކްލަސްޓާއާ ގުޅިގެން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަށަކަށް އަރާފައިވާ ކަމަށެވެ.
"ފަހެއް އޮކްޓޯބަރުގައި އަޅުގަނޑުމެން މި ދެންނެވި ބޭފުޅާ ޕޮޒިޓިވްވުމަށްފަހު ހައެއް އޮކްޓޯބަރުގައި އިތުރު ދެމީހަކު ވަނީ ޕޮޒިޓިވްވެފައި. މުޅިއެކު އަށް ފަރާތެއް މި ކޭސްއާ ގުޅިގެން މިހާރު ވަނީ ޕޮޒިޓިވްވެފައި. އެއީ މިއަދު ދިއްދޫ ޕޮލިސް ސްޓޭޝަނުގެ މިކަމާ ގުޅިގެން ކަރަންޓީނުގައި ތިބި ފަރާތްތަކެއް ޓެސްޓުކުރުމަށްފަހު މިވަނީ ޕޮޒިޓިވްވެފައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ދިއްދޫން ޕޮޒިޓިވްވި ފުލުހުންގެ ކޮންޓެކްޓުން މިހާރު ކަރަންޓީން ކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން އަލާމާތްތައް ހުރި މީހުންނާއި ބަލަން ޖެހޭ އެހެން ކަންކަން ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ކުޅުދުއްފުށިން ފުރަތަމަ ޕޮޒިޓިވްވި ފުލުސް މީހާއަކީ ހދ. ކުރިނބީއަށް ނިސްބަތްވާ މީހެކެވެ. ކުރިނބީން ވެސް ވަނީ ބައެއް ސާމްޕަލްތައް ނަގައިފައެވެ. އެނގިފައިވާ ގޮތުގައި އެ ސާމްޕަލްތައް ވަނީ ނެގެޓިވްވެފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު