ރާއްޖެ ހިފުމަކީ، ހައްދު ފަހަނައަޅާފައިވާ ބައިނަލް އަގުވާނީ ޓެރަރިސްޓު ޖަމާއަތެއް ކަމުގައިވާ، އައިސިސް އާއި އަލްގައިދާގެ ތަސައްވުރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ އެކަމަށްޓަކައި ރާއްޖޭގައި ދިނީގޮތުން ހައްދުފަހަނައަޅާފައި ތިބޭބަޔަކު ބައިނަލް އަގުވާމީ ދުނިޔެއާ ރާއްޖެ އެކަހެރި ކުރުގެ ކެމްޕެއިނެއް ހިންގާ ކަމަށެވެ.

އެއީ އެ ފަރާތްތަކުގެ ފުތަމަ މަރުހަލާ ކަމަށާއި އެއަށްފަހު ތަސައްވުރަކީ ރާއްޖެ ހިފުން ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖެ ބައިނަލްއަގުވާމީ އާއިލާއާ އެކަހެރި ކުރަން ބަޔަކު މަސައްކަތް ކުރާއިރު ހިތާމައަކީ ގަދަރާއި އިހުތިރާމުކުރާ ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތައް އެކަމުގައި ހިމެނޭތީ ކަމަށެވެ. އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަމާމެދު ނުރުހެނީވެސް އެ ސަބަބަށްޓަކައި ކަމަށްވެސް ވިދާޅުވިއެވެ.

އެހެން ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ ދިވެހި ދައުލަތުން އިންޑިއާއާ އެކު ގުޅުން ބޭއްވުމަށް ދިވެހިން އެދޭކަމީ ޝައްކު ހިނގާ ކަމެއްނޫން ކަމަށެވެ.

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އެމެރިކާ ޖަޕާނު އޮސްޓްރޭލިއާ އިންޑިއާ މި ގައުމުތައް އެކުވެގެން ގާއިމް ކޮށްފައިވާ އިއްތިހާދުގައި ރާއްޖެ ބައިވެރިވާކަމީ ރާއްޖެއަށް އޮތް އެންމެ ރަނގަޅު މަގުކަމަށް ރާއްޖޭގެ ރައްޔިތުން ދެކޭ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.