ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ސަރުކާރުން ޗައިނާއާއެކު ހަދާފައިވާ، ފްރީ ޓްރޭޑް އެގްރީމެންޓުން ރާއްޖެއަށް، ހާއްސަކޮށް މަސްވެރިކަމަށް ފައިދާއެއް ވާނެކަން ފާހަގައެއް ނުކުރެއްވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، އެ އެގްރީމެންޓާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޖާބިރު މިނިސްޓަރާ ސުވާލު ކުރެއްވީ، ދިވެހި ސަރުކާރާއި ޗައިނާއާ ދެމެދު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓްގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެން ޖެހޭ މަންފާތައް ހިފަހައްޓައި އަދި މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދައި ދައުލަތުގެ ދަރަނިތައް ބޮޑުކޮށް، ދައުލަތުން އެލަވަންސްދިނުން ހައްގުވާ ދިވެހި މަސްވެރިންނާއި ދަނޑުވެރިންގެ އާއިލާތަކަށް އެލަވަންސް ނުދެއްވަނީ ކީއްވެތޯއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ވަޒީފާ ގެއްލުނު ފަރާތްތަކާއި، އާމްދަނީ ދަށްވި ފަރާތްތަކާއި، ވިޔަފާރިތަކާއި މަސްވެރީންނަށް އެހީގެ ގޮތުގައި ސަރުކާރުން ދޭން ހަމަޖެއްސި، ލޯނުތަކާއި އެލަވަންސްތައް ދޫކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ލޯނާއި އިންކަމް ސަޕޯޓް އެލަވަންސަށް ކުރިމަތި ލުމުގެ ފުރުސަތު މަސްވެރިންނާއި ދަނޑުވެރިންނަށް ހުޅުވާލާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން އިންކަމް ސަޕޯޓުގެ ގޮތުގައި ހަމައެކެނި މަސްވެރީންނަށް މިހާތަނަށް 8.4 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
ޗައިނާގެ ފްރީ ޓްރޭޑް އެގްރީމެންޓާ ބެހޭގޮތުން މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ، އެފަދަ އޮޕަރޭޝަނަލް އެގްރީމެންޓެއް ނެތް ކަމަށެވެ.
އެ އެގްރީމެންޓްގައި ސޮއިކޮށްފައި އޮތް ނަމަވެސް، އެ އެގްރީމެންޓު އޮޕަރޭޝަނަލް އެއްޗަކަށް ވާނީ، އެއާ ގުޅޭ އިތުރު ގާނޫނުތަކެއް ފާސްކޮށްގެން ކަމަށާއި، އެއީ މަޖިލީހުގެ ޒިންމާއެއް ކަަމަށްވެސް ވިދާޅުވިއެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު