ސިވިލް ސާވިސްގެ މުވައްޒަފެއްގެ އާއިލާގެ މެންބަރަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެނަމަ، އޭނާ އެ ބައްޔަށް ފަރުވާ ހޯދުމަށް ހޭދަވާ މުއްދަތަށް އާއިލީ ޒިންމާގެ ހާއްސަ ޗުއްޓީ ހަމަޖައްސައިދޭން ޖެހޭނެ ކަމަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަ ޗުއްޓީ ދިނުމުގެ ގަވާއިދުގައި ބުނެފި އެވެ.
މިދިޔަ މަހު ރައީސް ތަސްދީގު ކުރެއްވި "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020" ގައި ބުނާ ގޮތުން ކޮވިޑާ ގުޅިގެން ކުރިމަތިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއެޅިފައިވާ މީހުންނަށް ހާއްޗަ ޗުއްޓީއެއް ހަމަޖައްސައިދޭން ޖެހެ އެވެ.
އެ ގާނޫނުގައިވާ ގޮތުގެ މަތިން ދެވޭ ހާއްސަ ޗުއްޓީތައް ދިނުމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދު އިއްޔެ ވަނީ ގެޒެޓްކޮށްފަ އެވެ. ގަވާއިދުގައި ބުނާ ގޮތުން، އެއަށް އަމަލުކުރާނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނު 2020 ތަސްދީގުކޮށް، އެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ކޮވިޑާ ގުޅިގެން ރާއްޖޭގައި އިއުލާނުކުރާ އެ ނޫންވެސް ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާގެ ހާލަތެއް ނިމުމަކަށް ގެންނަތާ ދެ މަސް ދުވަސް ހަމަވާ ތާރީހުގެ ނިޔަލަށެވެ.
ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާފައިވާ އެ ގަވާއިދުގެ ހަ ވަނަ މާއްދާގައި ބުނެފައިވަނީ ސިވިލް ސާވިސްގެ މުވައްޒަފެއްގެ އާއިލާގެ މެންބަރަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެނަމަ އަދި އެ އާއިލާ މެންބަރަކީ ސީދާ އޭނާ ބެލުން ހަވާލުވެފައިވާ ފަރާތެއް ނަމަ އަދި އެ ބައްޔަށް ފަރުވާ ހޯދަން ޖެހެނީ ގޭގައި މަޑުކޮށްގެން ނަމަ އޭނާގެ އާއިލާގެ މެންބަރު އެ ބައްޔަށް ފަރުވާ ހޯދުމަށް ހޭދަވާ މުއްދަތުގައި އާއިލީ ޒިންމާގެ ހާއްސަ ޗުއްޓީ ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ.
އޭގެ އިތުރުން ބައްޔަށް ފަރުވާ ހޯދަމުން އަންނަ އާއިލާގެ މެންބަރު ހުންނަން ޖެހެނީ އެކަހެރިކުރުމުގެ މަރުކަޒެއްގައި ނުވަތަ ސިއްހީ ފަރުވާދޭ މަރުކަޒެއްގައި ކަމުގައި ވެފައި އެފަދަ ތަނެއްގައި އޭނާއާއެކު މުވައްޒަފު ހުންނަން ޖެހޭ ހާލަތުގައި ވެސް އެ ޗުއްޓީ ހަމަޖައްސައިދޭން ވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19