ރާއްޖެ އާއި ޗައިނާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންގައި ޑިސެމްބަރު 7، 2017 ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެގްރިމެންޓްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ވާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ކޮމާސް މިނިސްޓަރު ޒޮންގް ޝާން އެވެ.
ނަމަވެސް އެ އެގްރީމެންޓުގެ ދަށުން ލިބޭ ފައިދާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރާ ކުރެއްވި ސުވާލަކަށް މިނިސްޓަރު ދެއްވި ޖަވާބާ ގުޅިގެން އެކަން އިތުރަށް އޮޅުންފިލުއްވައި ދެއްވަމުން މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ އާއި ޗައިނާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ނެތް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ކުރީގެ ސަރުކާރުން އެ އެގްރީމެންޓުގައި ސޮއިކޮށްފައިވަނީ އޭގެ ދަށުން ހަދަންޖެހޭ އިތުރު ގާނޫނުތަކެއް ހަދައިގެން ނޫނީ އެއަށް އަމަލުނުކުރެވޭ ގޮތަށް ކަމަށެވެ. އެ އެގްރީމެންޓްގެ 165 ވަނަ މާއްދާގައި އެކަން ބަޔާންކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޗައިނާގެ ފްރީ ޓްރޭޑް އެގްރީމެންޓާ ގުޅޭގޮތުން ޖާބިރު ކުރެއްވި ސުވާލަށް ފިނޭންސް މިނިސްޓަރު އަމީރު ވެސް ވިދާޅުވީ، އެފަދަ އޮޕަރޭޝަނަލް އެގްރީމެންޓެއް ނެތް ކަމަށެވެ. އެ އެގްރީމެންޓްގައި ސޮއިކޮށްފައި އޮތް ނަމަވެސް އެ އެގްރީމެންޓް އޮޕަރޭޝަނަލް އެއްޗަކަށް ވާނީ، އެއާ ގުޅޭ އިތުރު ގާނޫނުތަކެއް ފާސްކޮށްގެން ކަމަށާއި އެއީ މަޖިލީހުގެ ޒިންމާއެއް ކަަމަށް ވެސް އަމީރު ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް