އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން އެކި ޑިވިޝަންތަކުގެ މެޗުތަކަށް ކޮންމެވެސް އަދަދެއްގެ ސަޕޯޓަރުން ވައްދާނެ އުސޫލެއް ގާއިމް ކޮށްދިނުމަށް އެދި ސަރުކާރަށް ހާއްސަ ސިޓީއެއް ފޮނުވައިފިއެވެ.
ޕްރިމިއާ ލީގުގެ ފަރާތުންނާއި، އިނގިރޭސި ފުޓްބޯލް ލީގު އަދި އިނގިރޭސި އެފްއޭއިންވެސް ސޮއިކޮށް ސަރުކާރަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ސަޕޯޓަރުން ވެއްދުމުގެ ތައްޔާރީތައް ނިންމާފައި އޮތް ކަމަށާއި، މެޗުތަކަށް ސަޕޯޓަރުންގެ ކުޑަ އިންސައްތައެއް ނަމަވެސް ވެއްދުމުގެ ހުއްދަ ދިނުމަށެވެ.
އެ ސިޓީގައި ބުނެފައި ވަނީ އެކި ޑިވިޝަންތަކުގެ 11 މެޗެއްގައި ސަޕޯޓަރުންގެ ޕަސެންޓެއް މެޗުތަކަށް ވެއްދުމަށް ޓްރައިލްއެއް ފުރިހަމަ ކޮށްފައިވާ ކަމަށާއި، އެ ޓްރައިލްގެ ނަތީޖާ ރަނގަޅު ކަމަށެވެ. ސަޕޯޓަރުން މެޗުތަކަށް ވެއްދުމަކީ ހުރިހާ ގޮތަކުންވެސް މުހިއްމު ކަމެއްގެ ގޮތުގައި ސިޓީގައި ބަޔާން ކޮށްފައި ވެއެވެ. އެގޮތުން އޭގެ ސަބަބުން މުޖުތަމައުގެ ގުޅުންތައް ބޮޑުވެ، ކުދި ވިޔަފާރިތައް ހިނގައިގަތުމުގެ އިތުރުން އެތަކެއް ވަޒީފާތަކަކަށް މީހުން ނެރެވޭނެ ކަމަށްވެސް ސިޓީގައި ވެއެވެ.
ކޮވިޑް 19އާ ގުޅިގެން އިނގިރޭސިވިލާތުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން އެއްވެސް ކުޅިވަރެއް ބެލުމަށް މީހުން ޖަމާ ނުކުރުމަށާއި، އެއްވެސް ސްޓޭޑިއަމްއަކަށް ސަޕޯޓަރުން ނުވައްދަން ވަނީ ނިންމައިފައެވެ. އެ ފިޔަވަޅުތަކަށް ލުއިދީ، މިމަހު އެކަކުން ފެށިގެން ސަޕޯޓަރުން ވެއްދުމަށް ޕްރިމިއާ ލީގުންވެސް ކުރިން ތައްޔާރުވެފައިވީ ނަމަވެސް، މިދިޔަ މަހުގެ ފަހުކޮޅު ޕްރައިމް މިނިސްޓަރު ބޮރިސް ޖޯންސަން އިއުލާން ކުރެއްވީ ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމާފައިވާ ކަމަށެވެ.
އިނގިރޭސިވިލާތުގައި ކޮރޯނާ ވައިރަސް އެލާޓް ލެވެލް ހަތަރަކަށް އަނެއްކާވެސް ގޮސްފައިވާ ކަމަށް ބޮރިސް އިއުލާން ކުރައްވާފައިވާ އިރު، އެމަނިކުފާނު އިތުރަށް ވިދާޅުވީ ކުޅިވަރުގެ މުހިއްމުކަން އެނގިވަޑައިގަތް ނަމަވެސް، އިތުރަށް ލުއި ދިނުމަށް ސަޕޯޓަރުން ވެއްދުމަށް ހުއްދަ ދެއްވެން މިވަގުތަށް ނެތް ކަމަށެވެ. އަދި މިވަގުތު އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އިތުރު ހަމަހަށް ދެމިގެންދާނެ ކަމަށްވެސް ބޮރިސް ފާހަގަކުރެއްވިއެވެ.
ޕްރިމިއާ ލީގުން ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ބޮޑެތި ކޮންސެޓުތައްވެސް އިޖުތިމާއީ ގައިދުރުކަމުގައި ކުރިއަށް ގެންދަން ހުއްދަ ދީފައިވާ ކަމަށާއި، ފުޓުބޯޅަ ސަޕޯޓަރުންނަށް ދަނޑަށް ވަނުމަށްވެސް އެ ފުރުސަތު ފަހިވާން ޖެހޭ ކަމަށެވެ. އަދި ދަނޑުތަކަށް މީހުން ވެއްދުމުގައި ހުރިހާ ސަލާމަތީ ކަންކަމެއް ފުރިހަމަ ކުރެވޭނެކަމުގެ ޔަގީންކަން ހުރިހާ ލީގުތަކެއްގެ ކްލަބުތަކަށްވެސް އެބައޮތް ކަމަށް ސިޓީގައި ވެއެވެ.
ޔޫރަޕްގެ ގިނަ ގައުމުތަކުގައި އަދިވެސް ކޮވިޑް 19 ބާރަށް ފެތުރެމުންދިޔަ ނަމަވެސް، ބައެއް ގައުމުތަކުން ވަނީ މެޗުތަކަށް ސަޕޯޓަރުންވެސް ވައްދަން ފަށާފައެވެ. އިޖުތިމާއީ ގައިދުރުކަމާއެކު މެޗުތަކަށް ސަޕޯޓަރުން ވައްދާ ލީގުތަކުގެ ތެރޭގައި ޖަރުމަނު ލީގާއި ފްރާންސް ލީގު ހިމެނެއެވެ. މިދިޔަ މަހުގެ ތެރޭގައި ކުޅުނު ޔޫއެފާ ސުޕަ ކަޕް މެޗަށްވެސް 30 ޕަސެންޓް ސަޕޯޓަރުން ވަނީ ވައްދާފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު