ބްރެޒިލްގެ ތަރި ނޭމާއަށް އެއްވެސް އިހުތިރާމެއް ކުރަން ބޭނުން ނުވާ ކަމަށް މާސޭގެ އަލްވާރޯ ގޮންޒާލޭޒް ބުނެފިއެވެ.

ޕީއެސްޖީން މާސޭއާ ދެކޮޅަށް ކުޅުނު ޑާބީން މާސޭ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗު ހޫނުވެ މެޗު ނިންމާލަން ޖެހުނީ ގިނަ ރަތް ކާޑުތަކަކާވެސް އެކުގައެވެ. މެޗަށްފަހު ހިނގި ކަންކަމުގައި ނޭމާއަށްވެސް ވަނީ ރަތް ކާޑު ދައްކައިފައެވެ.

މެޗަށްފަހު ނޭމާ ބުނެފައިވަނީ މާސޭގެ ޑިފެންޑަރު އަލްވާރޯ އޭނާއަށް ނަސްލީގޮތުން ދިމާކުރި ކަމަށެވެ. އެކަމާ ގުޅިގެން ނޭމާ ވަނީ ބޮޑު ބަޔާނެއްވެސް ނެރެފައެވެ. ނޭމާ ބުނެފައިވަނީ އަލްވާރޯ ގައިގައި ނުޖެހުމަކީ ހެދުނު ގޯހެއް ކަމަށެވެ.

އެކަން ދިފާއުކޮށް އަލްވާރޯ ބުނެފައިވަނީ އެއްވެސް ހާލެއްގައި ނޭމާއަށް ނަސްލީ ގޮތުން ދިމާކޮށްފައިނުވާނެ ކަމަށާއި މުޅި މެޗުގައި ނޭމާ ބެލީ އޭނާ ރުޅިއަރުވާލައި އޭނާގެ ފަރާތުން ގޯހެއް ހެއްދުމަށް ކަމަށެވެ. އަދި ނޭމާއަށް ހަޖަމުނުވީ އެފަދަ ކަމެއް ނުކުރުމުން ކަމަށާއި ނޭމާގެ ދޮގުތަކުން އަބުރު ކަތިލެވެން އަނގަ ބަންދުކޮށްގެން ނުހުންނާނެ ކަމަށްވެސް އަލްވާރޯ ބުނެފައިވެއެވެ.

"ނޭމާއަށް ދޭން ޖެހޭ އެއްވެސް އިހުތިރާމެއް ނޯންނާނެ. މުޅި މެޗުގައި ބެލީ އަހަންނާ ޒާތީ ގޮތުން ދިމާކޮށް، މަލާމާތްކޮށްގެން ރުޅި އަރުވާލެވޭތޯ. ނޭމާ ބުނީ އަހަންނަށް އަހަރަކު ލިބޭ ވަރު ތިމަންނައަށް އެއް ދުވަހުން ލިބޭނެއޭ. ނޭމާގެ މުޅި މެޗުގައި ބެލީ ވަރަށް ބޮޑަށް ރުޅި އަރުވައި އަހަންނާ ދިމާކުރެވޭތޯ. މުޅި މެޗުގައިވެސް ނޭމާއަށް އުޅުނީ ނަތީޖާ ހަޖަމުނުވެގެން،" އަލްވާރޯ ބުންޏެވެ.

އަލްވާރޯ ބުނީ ނޭމާއާ ހެދި އޭނާގެ މުޅި އާއިލާއަށް އުނދަގޫ ދުވަސްތަކެއް ކުރިމަތިވި ކަމަށާއި އަބުރު ކަތިލެވިގެން ދިޔަ ކަމަށެވެ. އަލްވާރޯ ބުނެފައިވަނީ ނޭމާއަށް އެއްވެސް ގޮތަކަށް ނަސްލީ ގޮތުން ދިމާކޮށްފައި ނުވާނެ ކަމަށެވެ. އަދި ނޭމާ އެކަން ބޮޑުކޮށްލި އިރު، އެއްވެސް ހެއްކެއް ނެތް ކަމަށްވެސް އަލްވާރޯ ފާހަގަކުރިއެވެ.

ފްރާންސްގެ އެފްއޭއިން ނޭމާގެ މައްސަލަ ބަލައި ފިޔަވަޅު ނާޅަން ނިންމާފައިވާ އިރު، އެ ދެ ކުޅުންތެރިންނަށްވެސް ނަސްލީ ގޮތުން ދިމާކުރި މައްސަލައެއްގައި އެއްވެސް އަދަބެއް ދީފައެއް ނުވެއެވެ.