ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލަކީ، އަނެއްކާވެސް ރައްޔިތުން އަޅުވެތިވެގެންދާނެ ބިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮނޑޭ) ވިދާޅުވެއްޖެއެވެ.
ބޮނޑޭ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން ހުށަހެޅި، ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލަށް ކުރިއަށް ގެންދިޔަ ބަހުސްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
މި ބިލުގައި ބަހުސްގައި ވާހަކަ ދައްކަވަމުން ބޮނޑޭ ވިދާޅުވީ މި ބިލަކީ ކޮން މަގުސަދެއްގައި ހުށަހަޅާފައިވާ ބިލެއްތޯ ބަލައިލާއިރު، ބިލަށް ދީފައިވާ ނަމުންވެސް ބިލުގެ މަގުސަދު އޮޅުވާލާފައިވާ ކަމަށެވެ.
"ކޮން ބިނާވެއްޓެއްތޯ، ސާފު އިބާރާތުން ޖަހަންވީ ނޫންތޯ، ދިރިއުޅުމާއި އެކި ކަންކަމަށް ބޭނުން ކުރާނެ ބިން ބޭނުންކުރާނެ އުސޫލު ކަނޑައަޅާ ބިލު، ކަމަށް އަޅުގަނޑު ހުށަހަޅަން ފުރަތަަމަ އެގޮތަށް ބިލުގެ ނަން ބަދަލު ކުރުމަށް،" ބޮނޑޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބިމާބެހޭގޮތުން ކަންތައްތައް ކުރިއަށް ގެންދާނެ ބިލެއް، ގާނޫނެއް އެޖެންޑާ 19 ގައި އެބައޮތް ކަމަށެވެ. އެއީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށާއި ކޮންމެ މެންބަރަކުވެސް މަޖިލީހަށް ވަންނަވައިގެން ތިއްބެވީ އެ ވައުދުތައް ވިއްކައިގެން ކަމަށްވެސް ވިދާޅުވިއެވެ
ނަމަވެސް ބިން ޕްލޭން ކުރުމާބެހޭގޮތުން ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި އޮތީ ހުސް އޮނިގަނޑެއް އެކުލަވާލުން ކަމަށާއި، އޭގެން ހާސިލްވާނެ އެއްވެސް ކަމެއް ނެތް ކަމަށްވެސް ބޮނޑޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބިލުގައި އޮތީ، ބިން ހޯދަން ބޭނުންވާ މީހުން ވަޒީރަށް ސަލާން ޖަހަން ޖެހުން ނޫން އެހެންކަމެއް ހާސިލް ނުވާ ގޮތަށް ކަމަށެވެ.
ބޮންޑޭ ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައި އޮތް ބިލަށްވުރެ ތަފްސީލުކޮށް އަދި ސާފުކޮށް 2002 ވަނަ އަހަރު އެކުލަވާލާފައިވާ ބިނާވެއްޓާބެހޭ ގަވާއިދުގައި ކަންކަން ކަނޑައަޅާފައިވާ ކަމަށެވެ. އަދި 2005 ވަނަ އަހަރު ހަދާފައި އޮތް ބިނާވެއްޓާ ބެހޭ ގާނޫނުގައި މާ ސާފުކޮށް އެކަންކަން ބަޔާންކޮށްފައިވާ ކަމަށެވެ.
ނަމަވެސް މިހާރު ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން ލާމަރުކަޒީ ގާނޫނު ފުށުން ޖަހާލުމަށްފަހު، ޕްލޭނިން މިނިސްޓަރުގެ ދަށަށް ހުރިހާ ބާރެއް ގެންގޮސްފައިވާ ކަމަށާއި އެއީ އަނެއްކާވެސް ރައްޔިތުން އަޅުވެތިކުރުން ކަމަށްވެސް ބޮނޑޭ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް