ރިޕޯޓް

ޒުވާން މަސްވެރިޔާއަށް އޮތީ ދެ ޗޮއިސް، މަހަށްދިއުން ނޫނީ ލޯބިވެރިޔާ! އިހުތިޔާރުކުރީ މަސްވެރިކަން

އަލީ ޔާމިން

3

ޒުވާން މަސްވެރިޔާގެ ގޮތުގައި މަޝްހޫރުވެފައިވާ އުމުރުން 22 އަހަރުގެ ހަސަން ސާޖިން އަކީ މިއަދު ދިވެހިންނަށް އާ މޫނެއް ނޫނެވެ. ސާޖިން ދިވެހިންގެ ލޯބި ހޯދީ "ކަޓު" މަސައްކަތެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރާ ދިވެހިންގެ ލޭނާރު ކަމަށްވާ މަސްވެރިކަން ކޮށްގެނެވެ. މަސްވެރިކަން އިޝްތިހާރުކޮށް، މަސްވެރިކަމަށް މީހުން ލޯބިޖެއްސުމަށް ކުރި ބުރަ މަސައްކަތުންނެވެ. އަދި މަސްވެރިކަމަކީ "ކަޓު" މަސައްކަތެއްގެ ގޮތުގައި ދެކޭ މީހުންނަށް މަސްވެރިކަމަކީ "ސަޅި" މަސައްކަތެއްކަން ދައްކުވައިދިނުމަށް އެތައް ދުވަހެއް ވަންދެން ކުރި ބުރަ މަސައްކަތުންނެވެ.

މަސްވެރި ރަށެއްގެ މަސްވެރި އާއިލާއަކަށް އުފަންވި ސާޖިން މަހަށް ދާން ފެށީ އުމުރުން އެންމެ 15 އަހަރުގައި، 2014 ވަނަ އަހަރުއެވެ. ގްރޭޑް 9 އަކުން ސްކޫލުން ކެނޑިގެން، ސާޖިން ފުރަތަމަ މަސައްކަތް ކުރީ ރަށުގައި ހަދާ މިސްކިތެއްގެ ސައިޓް ސުޕަވައިޒަރަކަށެވެ. ނަމަވެސް އެ ވަޒީފާއިންވެސް މާ ބޮޑު އާމްދަނީއެއް ނުލިބޭތީ ސާޖިން ނިންމީ މަހަށް ދިއުމަށެވެ. މަހަށް ދިއުމުގެ ވިސްނުން، އެއިރުގެ ލޯބިވެރިޔާއާ ހިއްސާކުރުމުން އޭނާ ސާޖިންއަށް ދިނީ އިހުތިޔާރެކެވެ. އެއީ، އޭނާ ނުވަތަ މަސްވެރިކަމެކެވެ. އެތަނުން ސާޖިން އިހްތިޔާރުކުރީ މަސްވެރިކަމެކެވެ. މަސްވެރިކަމަކީ "ކަޓު" މަސައްކަތެއް ނޫންކަން އަންގައިދިނުމުގެ މަސައްކަތް ސާޖިން ފެށި ހިސާބަކީވެސް އެއީއެވެ.

"އެކުގައި އުޅުނު ގިނަ ރައްޓެހިން ދެކޭ ގޮތުގައިވެސް މަސްވެރިކަމަކީ ވަރަށް ކަޓު މަސައްކަތެއް. މަސްވެރިކަން ޕްރޮމޯޓުކުރުމަށް ހިތްވަރު ލިބުނީ ލޯބީގައި ކުރަން ޖެހުނު ހިތި ތަޖުރިބާއަކުން. އެއީ، އެއިރު ރަށްޓެހިވެގެން އުޅުނު ކުއްޖާ އަހަރެން ދޫކޮށް ދިޔައީ މަސްވެރިކަމަކީ ކަޓު މަސައްކަތެކޭ ބުނެ. އެހެންވެ، ނިންމީ މަސްވެރިކަމަކީ ކަޓު މަސައްކަތެއް ނޫންކަން ދައްކައިދޭން. އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް މިކުރަނީ އެ މަސައްކަތް" މަސްވެރިކަން ޕްރޮމޯޓުކުރުމަށް ހިތްވަރު ލިބުނު ގޮތް "ވަން"އަށް ކިޔައިދެމުން ސާޖިން ބުންޏެވެ.

މަސްވެރިކަން ޕްރޮމޯޓުކުރުމަށް ސާޖިން ކުރާ މަސައްކަތް އެހެން މީހުންނަށް ދައްކުވައިދިނުމުގެ އެންމެ ބޮޑު މެދުވެރިއަކީ "ޒުވާން މަސްވެރިޔާ"ގެ ނަމުގައި އޭނާ ހިންގާ ފޭސްބުކް ޕޭޖަކާއި ޓުވިޓާ އެކައުންޓެވެ. ސާޖިން ބޭނުންވީ މަސްވެރިކަމުގެ މޫނުމަތި ބަދަލުކޮށްލުމަށެވެ. މަސްވެރިއެއްގެ ދިރިއުޅުން ދިވެހިންނަށް ކިޔައިދޭށެވެ. މަސްވެރިކަން ކުރުމަށް މަސްވެރިޔަކު ގެއިން ބޭރަށް އަޅާ ފުރަތަމަ ފިޔަވަޅުން ފެށިގެން އެވާ ހުރިހާ ކަމެއް ކިޔާދޭށެވެ.

މަސްވެރިކަން ޕްރޮމޯޓުކުރުމުގައި 6 އަހަރު، އެތައް ގުރުބާނީއެއް!

މަސްވެރިކަން ކުރަމުން އެކަން އިޝްތިހާރުކުރުމަކީ ބުރަ މަސައްކަތެކެވެ. ކަނޑުމަތީގެ ރީތި މަންޒަރުތަކާއި ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތަކާއި މަސްމަހާމެހީގެ ފޮޓޯއާއި ވީޑިއޯތައް ނެގުމަކީ ދުލުން ބުނެލާހާ ފަސޭހަ ކަންކަމެއް ނޫނެވެ. އެކަންކަމަކީ ވަގުތު ނަގާ ބުރަ އަދި ކަވި ކަންކަމެވެ.

ސާޖިން ބުނި ގޮތުގައި މަސްވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމަށް އޭނާ ކުރަމުން އަންނަ މަސައްކަތަށް ބޭނުންވާ ތަކެތި ގަންނަންނީ މަސްވެރިކަން ކޮށްގެން ލިބޭ އާމްދަނީންނެވެ. އެގޮތުން މިހާތަނަށް 600،000ރ އަށް ވުރެ ގިނައިން އެކަމަށް ހޭދަވެފައިވާނެ ކަމަށް ސާޖިން ބުންޏެވެ.

"ހަމައެކަނި ތަކެއްޗަށް ބެލިޔަސް ހަ ލައްކައަށް ވުރެ ގިނައިން ހުންނާނެ ހަރަދުވެފައި. އެއީ ކެމެރާއާއި ގޯޕްރޯއާ ޑްރޯން އާއި މިފަދަ ތަކެތި ގަތުމަށް. ހަމަ އަމިއްލަ ޖީބުން މި ހަރަދު މިކުރަނީ" ސާޖިން ބުންޏެވެ.

މަސްވެރިކަން އިސްތިހާރުކުރުމަށް ސާޖިން ކުރަމުން އަންނަ ބޮޑު ހަރަދަކީވެސް މާލީ ގޮތުން އޭނާ ވަމުން އަންނަ ބޮޑު ގުރުބާނީއެކެވެ. ހަމައެއާއެކު، ސާޖިންވާ އިތުރު ގުރުބާނީއެއްވެސް އެބައޮތެވެ. ސާޖިން ބުނިގޮތުގައި މަސްވެރިކަން އިޝްތިހާރުކުރުމަށް ވީޑިއޯ އާއި ފޮޓޯ ނަގާ ދުވަސްދުވަހު ދޯނިން މަހަށް ނުކުތް ކަމުގައިވިޔަސް އެއްވެސް އާމްދަނީއެއް ނުލިބެއެވެ.

"ފޮޓޯ އާއި ވީޑިއޯ ނެގުމަށް ދޯނީގައި މިހޭދަކުރާ ދުވަސް ދުވަހު، ދޯނިން ކިތަންމެ ބައިވަރު މަހެއް ބެޔަސް އެކަމުން އެއްވެސް ފައިސާއެއް އަހަންނަކަށް ނުލިބޭނެ. ކޮންމެ ހަފުތާއަކުވެސް ގާތްގަނޑަކަށް ދެތިން ދުވަސް ހޭދަވާނެ ފޮޓޯއާ ވީޑިއޯ ނެގުމުގައި. އެއް ދޯނިން އަނެއް ދޯނިން. މިއީވެސް ބޮޑުކަމެއް" ސާޖިން ބުންޏެވެ.

ކުރެވޭ މަސައްކަތާ މެދު ހިތްހަމަ ޖެހޭ! ނަތީޖާ ފެނޭ!

ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ ދޮށީގެ މަސްވެރިކަން އިޝްތިހާރު ކުރުމަށް ސާޖިން މީގެ ހަ އަހަރު ކުރިން ފެށި މަސައްކަތުގައި މިއަދު މިވަނީ ހަގީގީ ކުލަ ޖެހެން ފަށައިފައެވެ. ސާޖިން އެކުރާ ބުރަ މަސައްކަތް މިއަދު ރާއްޖޭގެ ރައްޔިތުންގެ އިތުރުން ބޮޑެތި ކުންފުނިތަކުންވެސް ބަލައިގަނެވެ. އެކަމުގެ އެންމެ ބޮޑު ހެއްކަކީ، ރާއްޖޭގެ މުވާސަލާތީ ހިދުމަތުގައި މުހިންމު ދައުރެއް އަދާކުރާ އުރީދޫ މޯލްޑިވްސްގެ އެމްބެސެޑަރަކަށް ސާޖިން ހަމަޖެއްސުމެވެ. އޭގެ ފަހުން ސާޖިން އަށް ވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި ގުނާލެވޭ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއާ އެކުގައި އުރީދޫގެ އިޝްތިހާރެއް ކުޅުމުގެ ފުރުސަތުވެސް ލިބިފައެވެ. ސާޖިން ދެކޭ ގޮތުގައި އެއީވެސް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

މީގެ އިތުރުން، ސާޖިންގެ ޕޭޖު "ޒުވާން މަސްވެރިޔާ" މެދުވެރިކޮށް ސާޖިން ދޫކޮށްލާ ބައެއް ވީޑިއޯތަކަށް މިލިއަނުން ވަނީ ވިއުސް ލިބިފައެވެ. އެއީވެސް ސާޖިން ކުރާ މަސައްކަތް ގިނަ ބަޔަކު ބަލައިގެންފައިވާ ކަމުގެ އަލިގަދަ ހެއްކެކެވެ.

"ބައެއް ވީޑިއޯ ހުންނާނެ މިލިއަނުން ވިއުސް ލިބިފައި. ބޭރުގެ ދެތިން ޗެނަލްއަކުންވެސް ޒުވާން މަސްވެރިޔާ ޕޭޖުން ލާފައިވާ ބައެއް ފޮޓޯ ކްރެޑިޓް ދީފައި ބޭނުންކޮށްފައި އެބަހުރި. އަދި ޓީވީއެމްއިންވެސް ގިނައިން ދައްކާނީ ޒުވާން މަސްވެރިޔާގެ ޕޭޖުގައި ހުރި ބައެއް ވީޑިއޯތައް. އެހެންކަމުން މިކަމުން އެނގޭ އެއްޗަކީ ރާއްޖޭގެ އިތުރުން ދުނިޔޭގެ ގިނަ ބަޔަކަށްވެސް މިހާރު މިކުރާ މަސައްކަތް އެބަ ފެންނަކަން" ކުރެވޭ މަސައްކަތާމެދު ހިތްހަމަ ޖެހޭކަން ފާހަގަކުރަމުން ސާޖިން ބުންޏެވެ.

ފަތުރުވެރިކަން އިޝްތިހާރުކުރާ މިންވަރަށް މަސްވެރިކަންވެސް އިޝްތިހާރުކުރަން ޖެހޭ!

މަސްވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމަށް ސަރުކާރުންވެސް ބޮޑު ހޭދައެއް ކުރަން ޖެހޭކަމުގައި ސާޖިން ގަބޫލު ކުރެއެވެ. ރާއްޖެ ހަމައެކަނި ފަތުރިވެރިކަމަށް ބަރޯސާވެފައި އޮތުމުގެ ގެއްލުން ފެންނަމުންދާކަން ފާހަގަކުރަމުން ސާޖިން ބުނީ، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވިއްޖެނަމަ އެއީ ދިވެހިންނަށް އެންމެ މަންފާކުރާނެ އެއް ސިނާއަތް ކަމަށެވެ. އެގޮތުން މަސްވެރިކަމަކީ ފަތުރިވެރިކަމާވެސް ގުޅުވާލެވިދާނެ މަސައްކަތެއް ކަމަށް ސާޖިން ބުންޏެވެ.

"މިހާރު މިހުންނަނީ ވަރަށް ބޮޑެތި އަދި ސަފާރީ ފެންވަރުގައި ހަދާފައި ހުންނަ މަސް ދޯނިތައް. ރާއްޖެ އަންނަ ގިނަ ފަތުރުވެރިން މި އަންނަނީ ކަނޑުއަޑީގެ ރީތިކަން ބަލައިލުމަށް. މަސްވެރި ދޯނިތަކަށް ފަތުރުވެރިން ގެނެސް އެމީހުންނަށް ތަފާތު މަންޒަރުތައް ދައްކައިލެވޭނެ. ދޯނިތަކުގައި ޑައިވިންއަށް ދެވޭނެ ގޮތްވެސް ހުންނާނެ. ނައިޓްފިޝިންއަށް ސްނޯކަލިންއަށް ދެވޭނެ ގޮތްވެސް ހުންނާނެ. މިއީވެސް ޕްރޮމޯޓުކޮށްލެވިއްޖެއްޔާ އާމްދަނީ ލިބޭނެ ގޮތް ގޮތް" ސާޖިން ބުންޏެވެ.

ސާޖިންގެ ނަޒަރުގައި މަސްވެރިކަން އޭގެ އެންމެ އެދެވޭ ގޮތުގައި އިޝްތިހާރުކުރެވިއްޖެނަމަ މަސްވެރިކަމަށް ނުކުންނާނެ ކިތަންމެ ޒުވާނަކު ވާނެއެވެ. އަދި ޒަމާނުއްސުރެ އެއީ ހަޑި މަސައްކަތެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުވެގެންދާނެއެވެ.

ކިޔަވައިގެން އަންނަންވީ މަސްވެރިކަން ކުރަން!

ގްރޭޑް ނުވައެއް ނިންމުމަށް ފަހު ސްކޫލުން ކެނޑިގެން ސާޖިން މަހަށް ދާން ފެށިނަމަވެސް އޭނާގެ ނަޒަރުގައިވެސް ތައުލީމަކީ މުހިންމު އެއްޗެކެވެ. އެއިރު ކިޔެވުން މަތިން ފޫހިވިނަމަވެސް ސާޖިން މިހާރު އަންނަނީ އޮންލައިންކޮށް ކިޔަވަމުންނެވެ. ސާޖިންގެ އުންމީދަކީ އެންމެ ކުޑަމިނުން ޑިގްރީއެއް އޮތުމެވެ.

ސާޖިން ބުނިގޮތުގައި ކިޔަވައިގެން އަންނަ މީހުންނަށްވެސް މަސްވެރިކަމުގައި ރަނގަޅު ވަޒީފާތައް އެބަހުއްޓެވެ. އެގޮތުން ކޮންމެ ދޯންޏަކީވެސް އެތައް ވަޒީފާއެއް ކަމަށް ސާޖިން ބުންޏެވެ.

"ކޮންމެ ދޯންޏަކަށްވެސް އެބަ ބޭނުންވޭ ޑައިވިން އިންސްޓަކްޓަރެއް. ކައްކާއެއް އެބަ ބޭނުންވޭ، މެކޭނިކެއް އެބަ ބޭނުންވޭ، ފައިސާގެ ކަންކަން ބެލެހެއްޓުމަށް ކޭޝިއަރެއް ނުވަތަ އެކައުންޓެންޓެއް އެބަ ބޭނުންވޭ. މިހުރީ ހައްތަހާވެސް ވަޒީފާ" ސާޖިން ބުންޏެވެ.

މަސްވެރިކަން ކުރާ ޒުވާނުންނަށްވެސް މަސްވެރިކަން ކުރަމުން އޮންލައިންކޮށް ކިޔެވިދާނެ ކަމަށާއި، އެހެންކަމުން ލިބޭ ފުރުސަތުގެ ބޭނުން ހިފުމަށް ސާޖިން ވަނީ ޒުވާން މަސްވެރިންނަށް އިލްތިމާސްކޮށްފައެވެ.

ގިނިކަންޏާ ނުކުމެ ސާޖިން މިއަދު މިވަނީ މަސްވެރިންނާމެދު ޒަމާނުއްސުރެ ދެކެމުން އަންނަ ގޮތް ބަދަލުކޮށްލައިފައެވެ. ކުރިން މަސްވެރިކަމަކީ ކަޑަ މަސައްކަތެއްގެ ގޮތުގައި ދުށް ބައެއް ޒުވާނުން ސާޖިންގެ އެ މަސައްކަތުގެ ސަބަބުން މިހާރު ވަނީ މަސްވެރިކަމަށް ނުކުމެފައެވެ. މަސްވެރިކަމުގައި ސާޖިން ދައްކުވައިދިން މަންޒަރުތަކުން އެނގޭ ގޮތުގައި މަސްވެރިކަމަކީ ރަނގަޅު އާމްދަނީއެއް ލިބުމުގެ އިތުރުން ފޫހި ނުވާނެ ފަދަ ޝައުގުވެރި މަސައްކަތެކެވެ.