ޔޫރަޕްގެ ޓްރާންސްފާ މާކެޓްގެ އެންމެ ހަލަބޮލި ވަގުތު ކޮޅަކީ ޓްރާންސްފާ ބަންދުވާން ދެތިން ގަޑިއިރަށް ވުމުން އެ އަންނަ ވަގުތު ކޮޅެވެ. "ޑެޑްލައިން ޑޭ"އަކީ އަބަދުވެސް ޓްރާންސްގެ ކަންކަން އެންމެ ވަރުގަދައަށް ހިނގާވެސް ދުވަހެވެ. އެ ދުވަހަކީ ކްލަބްތަކުން އެކިއެކި ކޮޅުކޮޅަށް ގޮސް، ތަފާތު ޓްރާންސްފާތަކެއްވެސް ކުރާކަން ފާހަގަވެފައިވާ ދުވަހެކެވެ.
ތާރީހަށް ބަލާއިރު "ޑެޑްލައިން ޑޭ"ގެ ތަފާތުތައް ފެންނަން އެބަހުއްޓެވެ. އެވަޓަންއިން ވޭން ރޫނީ މެންޗެސްޓާ ޔުނައިޓެޑަށް ފޮނުވާލީވެސް ގަޑި ޖެހެން ވަގުތުކޮޅަކަށް ވެފައި އޮއްވައެވެ. ލުއިޒް ޝުއަރޭޒް ލިވަޕޫލަށް ދިޔަ ޓްރާންސްފާއާ ރޮބީނިއޯ މެންޗެސްޓާ ސިޓީއަށް ދިޔަ ޓްރާންސްފާގެ އިތުރުން އޮޒިލް އާސެނަލްއަށް ދިޔަ ޓްރާންސްފާ އަދި ފެނާންޑޯ ޓޮރެސް ލިވަޕޫލުން ޗެލްސީއަށް ދިޔަ ޓްރާންސްފާއަކީ ޓްރާންސްފާގެ ފަހު ދުވަހު އެތަކެއް ބަޔަކު ސިއްސުވާލި ޓްރާންސްފާތަކެވެ.
ފަހަކަށް އައިސް އެކަހަލަ ވަރުގަދަ ޓްރާންސްފާތަކެއް ނުހިނގި ނަމަވެސް، މިފަހަރު ބައެއް ކްލަބުތަކުން އެ ދަނޑިވަޅަށް މަޑުކުރިތަން ފެނުނުހެން ހީވިއެވެ. ހާއްސަކޮށް މެންޗެސްޓާ ސިޓީ އާއި ޔުނައިޓެޑްގެ އިތުރުން ބާސެލޯނާއިންވެސް ރޭ ފެނުނީ ބާރު ސްޕީޑުގައި ވާހަކަތައް ދެއްކިތަނެވެ. މަދުވީ ހަމައެކަނި ނިންމުންތަކެވެ.
"ޑެޑްލައިން ޑޭ" ގެ ބައެއް ނިންމުންތައް އަދި މީޑިއާއާ ހަމައަށް ނައި ނަމަވެސް، އިތުބާރުހުރި އެތައް ނޫސްވެރިންގެ ފަރާތުން މިހާރު ވަނީ ފުރިހަމަ ވާނެ، އަދި ނުވާނެ ޓްރާންސްފާތައްވެސް އެނގިފައެވެ. ޓްރާންސްފާ ބާޒާރުގެ ހަބަރުތަކުގެ ރަސްގެފާނު ގޮތުގައި ބެލެވޭ ފެބްރީޒިއޯ ރޮމާނޯ "ގޭމް އޯވާ" ޖަހާފައިވާއިރު، އޭނާ މިހާރު ވަނީ ހިނގާނެ ޓްރާންސްފާތައް ނިންމައި، ފެއިލްވި ޓްރާންސްފާތައްވެސް އިއުލާން ކޮށްފައެވެ.
އާސެނަލްއިން އެންމެ ފަހު ދުވަހު ތޯމަސް ޕާޓޭ އިއުލާންކުރިއިރު، ޔުނައިޓެޑުން ވަނީ އެޑިސަން ކަވާނީ އާއި އެލެކްސް ޓެލެސްވެސް އިއުލާން ކޮށްފައެވެ. އެހެންނަމަވެސް އޭގެ ތެރެއިން ޔުނައިޓެޑުން އިއުލާން ކުރި ދެ ޓްރާންސްފާއަކީވެސް އެޓީމުން ކުރިން ނިންމާފައިވާ ދެ ޓްރާންސްފާއެކެވެ. އާސެނަލްއިން ވަރުގަދަ ޓްރާންސްފާއެއް ކުރިއިރު، ބާސާއިން މެމްފިސް ޑިޕޭގެ ޓްރާންސްފާ އަދި އިއުލާން ނުކުރިނަމަވެސް، އެކަން ހިނގުމަށް ހުރިހާކަމެއް ވަގުތަށް ނިމުނު ކަމަށް ގިނަ ނޫސްވެރިން ވަނީ ރިޕޯޓް ކޮށްފައެވެ.
ކޮންމެއަކަސް ކާމިޔާބު ވަރުގަދަ ދެތިން ޓްރާންސްފާއަކާއެކު މިފަހަރުގެ "ޑެޑްލައިން ޑޭ"ގައިވެސް ކުރަން އުޅުނު ވަރުގަދަ ޓްރާންސްފާތަކެއް ވަނީ ނާކާމިޔާބުވެސް ވެފައެވެ. އެންމެ ގިނަ ލޯތަކެއް އަމާޒުވެފައި އޮތީ ޔުނައިޓެޑަށެވެ. މިދިޔަ އަހަރު އޯގަސްޓުން ފެށިގެން ޖޯޑަން ސަންޗޯ ހޯދަން ޔުނައިޓެޑުން މަސައްކަތް ކޮށްފައިވާއިރު، އެންމެ ފަހު ދުވަހާ ޖެހެންދެންވެސް ޔުނައިޓެޑަށް އަގަކަށް އެއްބަހެއް ނުވެވުނެވެ. ފުރަތަމަ ޑޯޓުމަންޑުން 100 މިލިއަން ޕައުންޑްގެ އަގެއް ސަންޗޯއަށް ކިޔާފައިވާއިރު، އެ އަގު ބޮޑުވެގެން ޔުނައިޓެޑުން ހުށަހެޅީ 80 މިލިއަން ޕައުންޑެވެ.
ޑޯޓުމަންޑުން ބުނަމުން ދިޔައީ އެ ކްލަބުން ބޭނުންވާ އަގު ދިނުމަށެވެ. ދުނިޔޭގެ އެންމެ މުއްސަނދި އެއް ކްލަބަށް މި ޒަމާނުގެ މާކެޓެއްގައި އެވަރު ހަރަދުކޮށް، ޓީމުގެ ހާލަތު ރަނގަޅު ކުރުމަށް ކުރަން ޖެހުނު މަސައްކަތް ނުކުރެވުނު ސަބަބާ މެދު ކްލަބުގެ ކުރީގެ ކުޅުންތެރިން، ލެޖެންޑުން ވަނީ ވަރަށް ބޮޑަށް ސުވާލު އުފައްދައިފައެވެ.
މިވަގުތު ޔުނައިޓެޑްގެ ޑިފެންސްވެސް އިންތިހާއަށް ބަލިކޮށް ފެންނައިރު، މާކެޓްގައި ރަނގަޅު އަގު ދީފައި ގެނެވެން ޑިފެންޑަރުން އެބަތިއްބެވެ. އެ ޑިފެންޑަރުންނާ ދިމާއަށް މިސްރާބު ނުޖެހީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. އެ ކްލަބުން "ޑެޑްލައިން ޑޭ"ގައި މިސްރާބު ޖެހި އަނެއް ކުޅުންތެރިޔަކީ އުސްމާން ޑެމްބެލޭއެވެ. ޑެމްބެލޭ ބާސާއިން ދާން ބޭނުންވި ކަމަށް އިތުބާރު ހުރި ފަރާތްތަކުން ބުނެފައިވާއިރު، އެ ޓްރާންސްފާވެސް ޔުނައިޓެޑަށް ކާމިޔާބެއް ނުކުރެވުނެވެ. ނޫސްވެރިން ބުނެފައި ވަނީ ޔުނައިޓެޑަށް ދާން ޖެހޭ ހިސާބަށް ނުދެވުނީ ކަމަށެވެ.
ފަހުވަގުތު ފެއިލްވި އަނެއް ޓްރާންސްފާއަކީ ސިޓީގެ ޑިފެންޑަރު އެރިކް ގާސިއާގެ ޓްރާންސްފާއެވެ. އޭނާ ބާސާއަށް ދާން ބޭނުންވި ނަމަވެސް، އެކަން ކާމިޔާބެއް ނުވިއެވެ. ދެ ކްލަބާ ދެމެދު އެއްބަސްވުމަކަށް ނާދެވުނީއެވެ. މި ޓްރާންސްފާ ސީޒަންގެ ކުރީކޮޅުގައި ސިޓީން ނަޕޯލީގެ ކުލެބާލީ ގެންދަން މަސައްކަތް ކޮށް އެކަން ނާކާމިޔާބުވުމުން ދެން ގެންދިޔައީ ބެންފީކާއަށް ކުޅެމުން ދިޔަ ރެބެން ނެވޭސްއެވެ. އެއީ ކާމިޔާބު ޓްރާންސްފާއެއް ކަމަށް ބެލެވިދާނެއެވެ.
ޗެލްސީން މި ޓްރާންސްފާ ސީޒަންގެ އެއްވަނަ ހޯދިއޭވެސް ބުނެވިދާނެއެވެ. ހަމަ އެއާއެކު ލިވަޕޫލުންވެސް ބޭނުންވި ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ގެންދިޔައެވެ. ޗެލްސީއަށް ބޭނުން ވެ ނުލިބުނީ ޑެލްކަން ރައިސްއެވެ. ރައިސްގެ ޓްރާންސްފާ ޗެލްސީން ކުރިއަށް އޮތް ޓްރާންސްފާ ސީޒަންގައި ނިންމާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
އެވަޓަންއިންވެސް މި ޓްރާންސްފާ ސީޒަންގައި މުޅި ސްކޮޑު ވަރުގަދަކޮށްލިއިރު، ޓޮޓެންހަމްވެސް މުޅިން އާ ލެވެލްއަކަށް ދިޔުމަށް މިސްރާބު ހިފައިފިއެވެ. ކްލަބުގެ ތާރީހީ ތަރި، ގެރެތު ބޭލްވެސް ޓީމަށް ގެނެސް، ރޫހު ރަނގަޅު ކޮށްލައިފިއެވެ. އެ ހުރިހާ ކަންކަން އިނގިރޭސި ކްލަބުތަކުގެ ފަރާތުން ފެނުނުއިރު، ފައިސާ އޮވެ، ކްލަބުގެ ނަން މަޝްހޫރު ވެ، ކްލަބުގެ އަގުބޮޑުކޮށް އޮ ވެ، މި ޓްރާންސްފާ ސީޒަންގެވެސް ފެއިލްވި ކްލަބަކީ އެޑް ވުޑްވާޑާއި މެންޗެސްޓާ ޔުނައިޓެޑް ކަމަށް ބެލެވިދާނެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު