ޓްރާންސްފާ "ޑެޑްލައިންޑޭ"ގައި އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ މިޑްފީލްޑަރު ތޯމަސް ޕާޓޭ އާސެނަލްއަށް ބަދަލު ވެއްޖެއެވެ.

އާސެނަލްއިން ރޭ އެކަން އިއުލާން ކުރީ އެތުލެޓިކޯ މެޑްރިޑުން އެ ކްލަބުގެ މިޑްފީލްޑަރު ލޫކަސް ޓޮރޭރާ ގެންދިޔަ ހަބަރާވެސް އެކުގައެވެ. އާސެނަލްއިން މިޑްފީލްޑަރު ޕާޓޭގެ ސޮއި ހޯދީ 45.3 މިލިއަން ޕައުންޑްގެ ރިލީސް ފީ ދައްކައިގެންނެވެ. އެތުލެޓިކޯއިން ޕާޓޭގެ ޓްރާންސްފާގައި އިތުރު ގޮތަކަށް އެއްބަސް ނުވާނެ ކަމަށް ކުރިންވެސް އޮތީ ބުނެފައެވެ.

އުމުރުން 27 އަހަރުގެ ޕާޓޭއަކީ ގާނާގެ ކުޅުންތެރިއެކެވެ. އެތުލެޓިކޯގެ ވަރުގަދަ މިޑްފީލްޑުގައި ޕާޓޭއަކީ މުހިއްމު ކުޅުންތެރިއެވެ. 2011 ވަނަ އަހަރު އެތުލެޓިކޯއާ ގުޅުނުފަހުން ޕާޓޭ ވަނީ 188 މެޗު އެޓީމަށް ކުޅެދީފައެވެ.

ޕާޓޭގެ ކުރިން އާސެނަލްއިން މަސައްކަތް ކުރީ ލިއޯން މިޑްފީލްޑަރު ހުސައިމް އައޮއާ ގެންދިޔުމަށެވެ. އުމުރުން 22 އަހަރުގެ އައޮއާ ލިއޯންގައި މަޑުކުރާނެ ކަން އިއުލާން ކުރުމާއެކު އާސެނަލްއިން ވަނީ އިތުރު ގޮތެއް ހޯދުމުގެ މަސައްކަތް ފަށައިފައެވެ. އާސެނަލްގެ މިޑްފީލްޑަރު މަޓެއޯ ގޮންޑޫޒީވެސް ކްލަބު ދޫކޮށް ހާތާ ބާލިންއަށް ލޯނަށް ގޮސްފައިވާއިރު، ޓޮރޭރާ އެތުލެޓިކޯއަށް ދާން ނިންމި ހިސާބުން އާސެނަލްއިން މިޑްފީލްޑަރެއް ގެންދާނެކަން ޔަގީން ވިއެވެ.

މި ސީޒަނަށް ރަނގަޅަށް ތައްޔާރުވި އާސެނަލްއިން ވަނީ މިހާތަނަށް ބްރެޒިލްގެ ޑިފެންޑަރު ގެބްރިއަލް މަގަޅައިސް އާއި ޗެލްސީއަށް ކުޅެމުންދިޔަ ވިލިއަންވެސް ކްލަބަށް ގެންގޮސްފައެވެ. އޭގެ އިތުރުން މިދިޔަ ސީޒަންގައި ލޯނަށް އާސެނަލްއަށް ކުޅުނު ޑެނީ ސެބަލޯސްގެ ޓްރާންސްފާ އާސެނަލްއިން ވަނީ ދާއިމީ ކޮށްފައެވެ. އާސެނަލްއިން ވިލިއަން ގެންގޮސްފައި ވަނީ ހިލޭ ޓްރާންސްފާއެއްގައެވެ.