ޓްރާންސްފާ ބާޒާރު ބަންދުވުމަށް ގަޑިއިރަކަށް ވެފައި ވަނިކޮށް، މެންޗެސްޓާ ޔުނައިޓެޑުން އެޑިސަން ކަވާނީ އާއި އެލެކްސް ޓެލެސް ސޮއިކުރިކަން ރޭ އިއުލާން ކޮށްފިއެވެ.
ރާއްޖޭ ގަޑިން ރޭ 3:00 ޖެހިއިރު ޔޫރަޕްގެ ޓްރާންސްފާ ބާޒާރު ވަނީ ބަންދުވެފައެވެ. ކްލަބުތަކުން ރޭ ވަނީ ގިނަ ޓްރާންސްފާތަކަކަށް މަސައްކަތްވެސް ކޮށްފައެވެ. އާންމުކޮށް ޓްރާންސްފާގެ ފަހު ދުވަސް "ޑެޑްލައިންޑޭ" އަބަދުވެސް ހަލަބޮލިކޮށް ފެންނައިރު، ކޮވިޑް 19ގެ ހާލަތާ ގުޅިގެން ގިނަ ކްލަބުތަކުން ޓްރާންސްފާތައް ވަނީ މަޑު ޖައްސާލައިފައެވެ. އެހެން ނަމަވެސް ޔޫރަޕްގެ ގަދަ ބާރުތަކުން ވަނީ ރޭވެސް މުހިއްމު ޓްރާންސްފާތަކެއް ނިންމައިފައެވެ.
ރޭގެ ހަލަބޮލި ވަގުތުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވުނު އެއް ޓްރާންސްފާއަކީ ޕީއެސްޖީ ދޫކޮށްލި އުރުގުއާއީގެ ފޯވަޑް ކަވާނީ ޔުނައިޓެޑާ ގުޅުމެވެ. އުމުރުން 33 އަހަރުގެ ކަވާނީ ޔުނައިޓެޑާއެކު ސޮއިކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. މިދިޔަ ޖޫން މަހު ކަވާނީ ޕީއެސްޖީ ދޫކޮށްލާފައިވުުމާއެކު އޭނާ ޔުނައިޓެޑާ ގުޅުނީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ.
ކަވާނީ ވަނީ އޭނާގެ ކެރިއަރުގައި ކުޅުނު 556 މެޗުން 341 ގޯލް ޖަހާފައެވެ. އޭނާއަކީ ޕީއެސްޖީއަށްވެސް ރެކޯޑު އަދަދަކަށް ގޯލް ޖަހައިދީފައިވާ ކުޅުންތެރިއެކެވެ. އެގޮތުން އޭނާވަނީ ޕީއެސްޖީއަށް 301 މެޗުން 200 ގޯލް ޖަހައިދީފައެވެ. ގައުމީ ޓީމަށްވެސް ކަވާނީ ވަނީ 116 މެޗުން 50 ގޯލް ޖަހައިދީފައެވެ.
ޔުނައިޓެޑުން ރޭ ވަނީ ޕޯޓޯއިން އެ ކްލަބާ ގުޅުނު ފުލްބެކް ޓެލެސްވެސް އިއުލާން ކޮށްފައެވެ. ޓެލެސް ޔުނައިޓެޑާއެކު ސޮއިކުރީ ހަތަރު އަހަރުގެ އެއްބަސްވުމެއްގައެވެ.
އުމުރުން 27 އަހަރުގެ ބްރެޒިލް ޑިފެންޑަރު ޓެލެސް، ޔުނައިޓެޑާ ގުޅިފައި ވަނީ 13.6 މިލިއަން ޕައުންޑްގެ އަގެއްގައެވެ. އިތުރު ބައެއް ފީތަކުގެ އަގު 1.8 މިލިއަން ޕައުންޑަށް އަރައެވެ. ޓެލެސްގެ އިތުރުން ޔުނައިޓެޑުން ވަނީ އެޓަލާންޓާއަށް ކުޅެމުންދިޔަ ވިންގާ އަމަޑު ޑިއާލޯ ގެ ސޮއި ވެސް ހޯދައިފައެވެ. އެހެންނަމަވެސް އޭނާ ޔުނައިޓެޑާ ގުޅޭނީ އަންނަ އަހަރުގެ ޖެނުއަރީގައެވެ.
ޔުނައިޓެޑުން ޑިއާލޯވެސް 37.2 ޕައުންޑް ހަރަދުކޮށްފައިވާއިރު، އޭނާ ވަނީ މިދިޔަ ސީޒަންގައި އެޓަލާންޓާގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. ޑިއާލޯއަކީ އައިވަރީ ކޯސްޓަށް އުފަން ކުޅުންތެރިއެކެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު