ނަފުސު ވިއްކާލި މީހަކަށް ދެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލްޣަފޫރުގެ މައްޗަށް ހުކުމް އިއްވުމަށްފަހު ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ވިދާޅުވެއްޖެއެވެ.
އަދީބުގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ހަތް ދައުވާ ވެސް ސާބިތުވެފައިވާތީ، މިރޭ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ގާޒީ ހަސަން ސައީދު ވަނީ އެ ދައުވާތަކަށް ހުކުމް އިއްވައިފައެވެ. އެ ދައުވާތައް ސާބިތުވުމާއެކު އަދީބު ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، 20 އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ.
އަދީބުގެ މައްޗަށް ހުށަހަޅާފައިވާ ހަތް ދައުވާގެ ތެރޭގައި ހިމެނެނީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލަ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއެކެވެ.
ހުކުމް އިއްވެވުމަށްފަހު ގާޒީ ހަސަން ސައީދު ވިދާޅުވީ ޒުވާނަކަށް ވެފައި، އެފަދަ ބޮޑު މަގާމެއް ލިބުނު ގޮތް ހަނދުމަކުރައްވަން ޖެހޭ ކަމަށާއި އަދީބަށް އެހީތެރިވި އެހީތެރިން، އެހީތެރިވި ގޮތް ބައްލަވައިލައްވަން ޖެހޭ ކަމަށެވެ،
"އެއީ މިއަދު އަޅައިލާނެ އެއްވެސް ފަރާތެއް ނުހުންނާނެ. މިހެން މިދެންނެވީ ނަފުސާ އަޅައިލާނެ އެންމެ ފަރާތެއް ވާނީ. ނަފުސު ވިއްކާލި މީހަކަށް ދެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. ދިވެހި ދައުލަތް ލަދުގަންނަ ފަދަ ކަމެއް މުޅި ދުނިޔެއަށް ފަލީހަތްވެގެން ދިޔަ ކަމެއް. މި ވާހަކަ އަޅުގަނޑު މި ދައްކަނީ އެއްވެސް ހާލެއްގައި ދައުވާ ލިބުނު ފަރާތް، އަހުމަދު އަދީބު އަބްދުލްޣަފޫރަށް ދެރަ ގޮތަކަށް އެދިގެންނެއް ނޫން. ޒުވާނަކަށް ވެފައި، ގައުމުގެ އެހާ ބޮޑު މަގާމެއް ލިބުނު ގޮތް އެއްވެސް ވަރަކަށް ހަނދުމަފުޅު ނުކުރެވުނީތީ،" ގާޒީ ވިދާޅުވިއެވެ.
ގާޒީ ހަސަން ސައީދު ވިދާޅުވީ ބާކީ އޮތް ދުވަހު އަމިއްލަ ނަފުސު މުރާޖައާކޮށް، އެކަން ވީ ގޮތް އަމިއްލަ ނަފުސާ ސުވާލުކޮށް އޭގެ ހަގީގަތް ދިވެހި ދައުލަތާ ހިއްސާކޮށް، މި ފައިސާ އަނބުރާ ދެވުނު ގޮތަކަށް ދެއްވުމަށް އެދޭ ކަމަށެވެ.
"އެނޫނީ ތައުބާވި ކަމަކަށް ނުވާނެ. މިއީ އެކެއްގެ ހައްގެއް ނޫން. އެކެއްގެ ހައްގު ނަމަ ދެވިދާނެ. އަދި އަމިއްލަ ނަފުސަށް ކުށެއް ކުރެވުނު ކަމަށްވާނަމަ، ތައުބާވުމުން އެކަން ވާނެ. މިއީ ﷲ ގެ ހައްގެއް. މުޖުތަމައުގެ ހައްގެއް. މިއީ ވަރަށް ނުރައްކާތެރި ކަމެއް. ދައުލަތުގެ ވަޒީފާތަކުގައި ތިބޭ މީހުންނާއި އަދި ހާއްސަކޮށް ފަނޑިޔާރުކަން ކުރާ މީހުން ވެސް ހިމެނޭ ކަމަށް ވިދާޅުވީ،" ގާޒީ ވިދާޅުވިއެވެ.
ގާޒީ އިތުރަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އިންސާފު ހޯދައިދެވޭނީ މި ފައިސާ ދިވެހި ދައުލަތަށް ލިބިގެން ކަމަށާއި ބާކީ އޮތް ދުވަސްކޮޅުގައި ހެޔޮގޮތުގައި އުޅުއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު