އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ހަތަރު މީހުންނަކީވެސް ޕާކިސްތާނަށް ނިސްބަތްވާ ހަތަރު މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އަހްސަން އުލް ހަސަން (30އ)، މުހައްމަދު އަލީ ބާއިގް (41އ)، މުހައްމަދު ސާދު ވަރްސީ (22އ) އަދި އަބްދުﷲ އަލީ ހަސަން (34އ) ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހަތަރު މީހުންވެސް ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހު 11 ވަނަ ދުވަހު ކަމަށާއި މި މީހުން ހައްޔަރު ކުރީ އެދުވަހު ހެނދުނު ރާއްޖެއައި ފްލައިޓަކުން އައި ޕާކިސްތާނުގެ ހަތަރު މީހެއްގެ އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކަސްޓަމްސް އޮފިސަރުންނަށް ޝައްކު ކުރެވި، ފުލުހުންނަށް މައުލޫމާތު ދިނުމާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.
ކަސްޓަމްސް އޮފިސަރުންނަށް ޝައްކު ކުރެވުމުން، އެ މީހުން ހުއްޓުވައި އެކްސްރޭ ކޮށްފައިވާ ކަމަށާއި އެކްސްރޭއިން ހަށިގަނޑުގެ ތެރޭގައި އެއްޗެހިތަކެއް ހުރިކަމަށް ފާހަގަކުރެވުނު ކަމަށް ފުލުހުން ބުނެއެވެ. އަދި ކަސްޓަމްސް އާއި ފުލުހުން ގުޅިގެން އެމީހުން ހޮސްޕިޓަލަށް ގެންދިއުމުން އެމީހުންގެ ހަށިގަނޑުގައި "ފޮރިން ބޮޑީސް" ތަކެއް ހުރިކަން އެނގިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހަތަރު މީހުން ފުލުހުންގެ ބެލުމުގެ ދަށުން ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި ތިބިއިރު އެމީހުން ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 81 ބުލެޓް ފެނިފައި ވެއެވެ. އަދި މި ތަކެތީގެ ބަރުދަނުގައި 791 ގްރާމް ހުރިކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ކޯޓުން ވަނީ ޝަރީއަތް ނިމެންދެން މި މީހުން ބަންދު ކުރުމަށް އަމުރުކޮށްފައިކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައިގެ ތަހުގީގު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ވަނީ ފަށާފައެވެ.
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް