އިޓަލީގެ ސެރެއާ އޭގައި ރޭ ނަޕޯލީއާއި ޔުވެންޓަސް ކުޅެން އޮތް މެޗު، ނަޕޯލީ ހާޒިރު ނުވުމުގެ ސަބަބުން ޔުވެންޓަސްއަށް ލިބިއްޖެއެވެ.

ނަޕޯލީން ރޭގެ މެޗަށް ހާޒިރުވެފައި ނުވަނީ މި ހަފުތާ ތެރޭގައި އެ ކްލަބުގެ ދެ ކުޅުންތެރިޔަކު ޕޮޒިޓިވް ވެ، ސްކޮޑު އައިސޮލޭޝަންގައި ތިބެން ޖެހިފައި އޮތުމުން ކަމަށް އެކްލަބުން ބުނެފައި ވެއެވެ. ނަޕޯލީން ބުނެފައި ވަނީ އެ ކްލަބުގެ ކުޅުންތެރިން ދަތުރުކުރުމަށް އިދާރާތަކުން ހުއްދަ ދީފައި ނުވާ ކަމަށެވެ.

އެހެން އެކަން ވެފައި އޮތް ނަމަވެސް، ސެރެއާ އޭއިން އެ މެޗު ފަސްކުރަން ވިސްނާފައެއް ނުވެއެވެ. ލީގުން ބުނެފައި ވަނީ ނަޕޯލީގެ ސިއްހީ ކަންކަން ބަލަހައްޓާ ފަރާތްތަކުން އެގައުމުގެ ސިއްހީ، އަދި ކުޅިވަރާ ބެހޭ އިދާރާތަކުން އަންގާފައިވާ ޕްރޮޓޮކޯލްތަކަށް ބޯލަނބާފައި ނުވާ ކަމަށެވެ. ސެރެއާ އޭ ފެށުމަށް ކަމާ ބެހޭ ފަރާތްތަކުން އެކުލަވާލާފައިވާ ޕްރޮޓޮކޯލްގައި ވާގޮތުން، ކްލަބެއްގެ ކުޅުންތެރިއެއް ޕޮޒިޓިވް ވި ނަމަވެސް، އިތުރު ބުރަކަށް ކުޅުންތެރިން ޓެސްޓްކޮށް، ނެގެޓިވް ނަތީޖާއަކާއެކު ފަރިތަކޮށް، ކުޅެންވެސް ކުޅެވޭނެ ކަމަށެވެ.

އެ ކަމަށް ބާރު ދިނުމުގެ ގޮތުން ސެރެއާ އޭއިން ބުނެފައި ވަނީ މީގެ ކުރިންވެސް ލީގުގައި، ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ކްލަބުތަކުގެ މެޗުތައް ކުޅެފައިވާ ކަމަށެވެ.

ޔުވެންޓަސްގެ ރައީސް އަންދްރޭ އަގްނޭލީ ބުނެފައި ވަނީ ކުޅިވަރުގެ އުސޫލުތައް ސާފުކޮށް ބުނެފައިވަނީ މެޗު ކުޅެން ހާޒިރުވާން ޖެހޭ ކަމަށް ކަމަށާއި، ހާޒިރު ނުވެވޭނެ ސަބަބެއް ނެތި ހާޒިރުނުވުމުން މެޗު ލިބުމަކީ މައްސަލައެއްވެސް ނޫން ކަމަށެވެ. އަދި މިފަދަ ކަމެއް ދިމާވުމަކީ އިޓަލީ ފުޓުބޯޅައިގެ ގޯސް މަންޒަރެއް ދުނިޔެއަށް ފެނުން ކަމަށްވެސް ޔުވެންޓަސް ރައީސް ފާހަގަކުރިއެވެ.

ލަލީގާގެ މެޗެއް މިދިޔަ ހަފްތާގައި ފަސްކުރިއެވެ. ގެނޯއާގެ 17 ކުޅުންތެރިން ކޮވިޑް 19 އަށް ޕޮޒިޓިވް ވެގެން އެ މެޗު ފަސްކުރި ނަމަވެސް ރޭގެ މެޗު ފަސް ނުކުރެވޭނެ ކަމަށް ގަވައިދު ބުނެއެވެ. މިހާރު އެކުލަވާލާފައިވާ ގަވާއިދު ބުނެފައިވާ ގޮތުން، މަދުވެގެން 13 ކުޅުންތެރިން ސްކޮޑުގައި ތިބި ނަމަ، މެޗު ކުޅެން ޖެހޭނެއެވެ. އެހެން ނަމަވެސް ހަފުތާއެއްގެ ތެރޭގައި 10 ކުޅުންތެރިން ޕޮޒިޓިވް ވެއްޖެނަމަ، އެޓީމަކަށް މެޗު ފަސްކޮށްދޭން އެދެވިވެސް ދާނެއެވެ.

ޔުވެންޓަސްގެ ދެ ސްޓާފެއްވެސް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާއިރު، އެ ކްލަބުވެސް އޮތީ ބަބުލްއެއްގެ ތެރޭގައެވެ.

ރޭގެ މެޗަށް ޔުވެންޓަސްގެ ކުޅުންތެރިން ދަނޑަށް ނުކުމެފައިވެސް ވެއެވެ. ޔުވެންޓަސްގެ މީސް މީޑިއާ ޕްލެޓްފޯމްތަކުގައި ސްކޮޑު އިއުލާން ކޮށްފައި ވެސް ވެއެވެ.