އައްޑޫ ސިޓީގައި މަސްތުވާތަކެއްޗާ ދެކޮޅަށް އިއްޔެ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންގައި 14 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ސ. ހިތަދޫ / ފިނިފަރު، އަބްދުﷲ އިބްރާހީމް (އަބުޗާ) އިސްވެ ހުރެ ދިވެހިންގެ އިތުރު ބަޔަކާއި ބޭރުބަޔަކާ ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 23 އަހަރާއި 40 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުން ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފުލުހުން ކުރިއަށްގެންދާ މި އޮޕަރޭޝަންގައި މިހާތަނަށް 98.6 ކިލޯ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި ފެނިފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި އެމްޑީއެމްއޭއާ އެމްފިޓަމިން އާއި ހެރޮއިން ހިމެނޭ ކަމަށެވެ.

މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައިވާ އަބުޗާ އަކީ މިދިޔަ އަހަރުގެ ޖުލައި 30 ވަނަ ދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރި މީހެއް ކަމަށެވެ. އަދި ތަހުގީގު ފުރިހަމަކޮށް މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމުން މައްސަލަ ކޯޓަށް ވައްދާފައިވަނިކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޭނާ އަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށުގެ ރެކޯޑާއި އެހެނިހެން މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

"މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އަބްދުﷲ އިބްރާހީމް އާއި ސ. ހިތަދޫ / ކޯޅި، މުހައްމަދު ޔާމީން ނަސީރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަނދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވޭ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތު ކުރެވުނު އެހެން މީހުންގެ ތެރެއިން މިހާތަނަށް މުއްދަތު މަޖިލިސް ނިމުނު މީހުންގެ ބަންދަށް ފަސް ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.

މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓަލިޖަންސްއިން ހޯދާފައިވާ މައުލޫމާތުގެ އަލީގައި ހިންގަމުން އަންނަ އޮޕަރޭޝަނެއް ކަމަަށާއި މި އޮޕަރޭޝަނަކީ ބޭރުގެ އެއްވެސް އެޖެންސީއަކުން ދީފައިވާ މައުލޫމާތަކަށް ހިންގާފައިވާ އޮޕަރޭޝަނެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ މި އޮޕަރޭޝަންގައި ދިވެހި ފުލުހުން ހޯދި މަސްތުވާތަކެތީގެ މައުލޫމަތު މިހާރު ވާނީ ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ވިއުގަތަކާ އޮތް ގުޅުން އޮޅުންފިލުވުމަށް އާންމު އުސޫލުން، ބައިނަލްއަގުވާމީ ބައެއް ފަރާތްތަކާ ހިއްސާކޮށްފައި ކަމަށެވެ. އަދި މި އޮޕަރޭޝަންގެ ދަށުން އައްޑޫ ސިޓީގެ ބައެއް ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްގެންދާ ކަމަށް ބުންޏެވެ.