ދިވެހިރާއްޖޭގެ ތާރީޚު

ދިވެހިރާއްޖެއަށް އިސްލާމީ ނޫރު ފޯރުން 4

މުހައްމަދު ނާޖިހު

ދިމާވި "ޓެކްނިކަލް" މައްސަލައަކާ ގުޅިގެން މި ނޫހުގައި އަޅުގަނޑު ލިޔަމުން މިއަންނަ ތާރީޚާ ގުޅޭ މަޒުމޫނުތައް ނުލިޔެވި މެދުކެނޑިފައި އޮންނަތާ ދުވަސްކޮޅެއް ވީއެވެ. އެކަމަށްޓަކައި ކިޔުންތެރީންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. އާދެ މި މެދުކެނޑުމެއް ދިމާވިއިރު އަޅުގަނޑުވާނީ "ދިވެހިރާއްޖެއަށް އިސްލާމީ ނޫރު ފޯރުން" މި މައިގަނޑު މައުލޫގެ 3 ވަނަ މަޒުމޫނު ތިޔަބޭފުޅުންގެ އަރިހަށް ހުށަހަޅާފައެވެ. އޭގައި ބަޔާންކޮށްފައިވާނީ ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލެއް ކަމަށް ޒަމާނުއްސުރެ ދިވެހި މަސްދަރުތަކުގައި ލިޔެވި، ދިވެހީން ކިޔަމުން އައި ތަބްރީޒުގެ ޔޫސުފުއް ތަބްރޭޒީގެ ނަން މަޣްރިބްކަރައިގެ ޔޫސުފުލް ބަރްބަރީއަށް ބަދަލުވީ ގޮތުގެ މައްޗަށެވެ.

އާދެ، މީލާދީން 20 ވަނަ ގަރުނުގެ ކުރީކޮޅު ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރެއްވުމަށްޓަކައި ވަޑައިގެންނެވި އެޗް.ސީ.ޕީ. ބެލްގެ ފަރާތުން އިބްނު ބަތޫތާ ލިޔުއްވި ލިޔުއްވުމެއްގެ މައުލޫމާތު ލިބިގެން ތަބްރޭޒީ ބަރްބަރީއަށް ވީ ވާހަކައެވެ.

އާދެ، އިބްނު ބަތޫތާގެ ލިޔުއްވުމުގައި އޭނާ ލިޔުއްވާފައި އޮތީ "ހުކުރު މިސްކިތު މިހުރާބުގޭގައި ލަކުޑީގައި ބިންވަޅުނަގައި ލިޔެފައި ހުއްޓާ އަހުރެން ކީމެވެ. أسلم السلطان أحمد شنورازة على يد أبى البركات البربرى المغربى މި ފަދައިންނެވެ. (ތަރުޖަމާ: އައްސުލްޠާން އަޙުމަދު ޝަނޫރާޒާ (ޝަނިވިރާޒާ) އިސްލާމްވެ ވަޑައިގަތީ މަޣްރިބުކަރައިގެ އަބުލްބަރަކާތުލް ބަރުބަރީ މިކަލޭގެފާނުގެ އަތްމައްޗަށެވެ.)"

އިބްނު ބަތޫތާ މި ބުނުއްވާ ހުކުރު މިސްކިތު ފިލައަކީ އިބްނު ބަތޫތާ ރާއްޖެ ދުރުވުމުގެ މަދު އަހަރުތަކެއް ކުރީން، ދަރުމަވަންތަ ރަސްގެފާނު ބިނާކުރެއްވި ހުކުރު މިސްކިތް ބާވެގެން ޝިހާބުއްދީން ރަސްގެފާނު އެތަން އާކުރެއްވުމަށްފަހު ބެހެއްޓެވި ފިލައެވެ. އިބުނު ބަތޫތާ އެފިލާ ކިޔުއްވި އިރު ފިލަޔަށް ވެފައިވާނީ ހަޔެއްކަ އަހަރެވެ. އެހެން ކަމުން އެ ފިލާ ހުންނާނީ ވަރަށް އާކޮށެވެ. ކިޔުއްވާކަށް މާ ދައްޗެއްވެސް ނުވާނެތާއެވެ. އަދި އަމުދުން އަރަބި ބަހުގެ ބޭކަލަށެވެ. އެފިލާ މިހާރުވެސް މާލޭގައި ހުންނަ ގައުމީ ދާރުލްއާސާރުގައި ފެންނަން އެބައޮތެވެ.

ނަމަވެސް އިބުނު ބަތޫތާގެ މި ބަހުގެ މައްޗަށް އަލްއުސްތާޒު މުހައްމަދު އިބްރާހީމް ލުތުފީ ތަރުޖަމާކުރެއްވި "އިބުނުބަޠޫޠާ ދިވެހިރާއްޖޭގައި" މިފޮތުގައި ލިޔުއްވާފައިވަނީ މިފަދައިންނެވެ.

"އިބުނު ބަޠޫޠާ ދެކެލެއްވި ލިޔުމަކީ (ފިލާއަކީ) އޭނާ ރާއްޖެ ދުރުވުމުގެ 7 އަހަރު ކުރިން އައްސުލްޠާން އަޙްމަދު ޝިހާބުއްދީން ބެހެއްޓެވި ފިލާއެވެ. އެ ފިލާގައި އޮތް ގޮތް ކަމަށް އޭނާ ބަޔާންކުރައްވާ ގޮތާއި ފިލާގައި އޮތް ޢިބާރާތާއި ތަފާތެވެ. ތާރީޚީ ހަމަތަކުން ރަނގަޅު ގޮތަކަށް ވާންޖެހެނީ ފިލާގައިވާ ގޮތެވެ. އަދި ހުކުރު މިސްކިތުގައި ލިޔެފައިވާ ގޮތެވެ. ރާއްޖެ އިސްލާމްވުމުގެ ކުރިންނާއި އަދި ފަހުން އިންޑިޔާ ކަނޑުގައި "ނަގައިކިޔައި" އުޅުނު ގައުމަކީ "ފާރިސްކަރަ" އެވެ. އާދެ! މިއަދުގެ އީރާނެވެ. އެ ކަނޑުގައި ވިޔަފާރި ނާފަހަރު ދުއްވައި އުޅުނު ބަޔަކީ އީރާނާއި ގަލްފުގެ ޤައުމުތަކެވެ. އިންޑިޔާ ކަނޑުގެ ޖަޒީރާތަކަށާއި، އިންޑިޔާ ކަނޑުގެ ޤައުމުތަކަށް ހިޖްރަކުރުމުގެ އޮއިވަރު ދައްކާ ޗާޓުތަކުންވެސް އިސް ސަފުގައި އުޅެނީ އީރާނެވެ. އީރާނުގެ ނުފޫޒު ޗައިނާއާ ހަމައަށާއި އަންދަލުސްއާ ހަމައަށް ފޯރާފައިވާ މިންވަރު އިބުނު ބަޠޫޠާގެ ބަޔާންތަކުންވެސް އެނގެއެވެ. ދިވެހި ބަހަށާއި ދިވެހީންގެ އަތުލިޔުމަށާއި ދިވެހީންގެ ޘަޤާފަތަށް އީރާނުގެ އަސަރު ފޯރާފައިވާ މިންވަރަށް ވިސްނާއިރު البربر (އުތުރު އެފްރިކާ) އަށް ވުރެ އީރާނާއި ރާއްޖެއާއި ހުރި ގުޅުން ބަދަހިވެފައި ބޮޑުކަމަށް ދެކެމެވެ."

އައްސުލްތާނު އަހުމަދު ޝިހާބުއްދީން ބެހެއްޓެވި އެފިލަޔަށް ދިޔުމުގެ ކުރިން އެއް ވާހަކައެއް ދަންނަވާލާނަމެވެ. މާލޭގައި މިހާރު ފެންނަން ހުރި ހުކުރު މިސްކިތަކީ ކުރިން މި ދެންނެވި ޝިހާބުއްދީން ރަސްގެފާނު އާކުރެއްވި މިސްކިތް ބާވެގެން އަދި ކުޑަވެގެން އިސްކަންދަރު ރަސްގެފާނު މުޅީން އަލަށް އިމާރާތްކުރައްވައި މީލާދީން 1658 ގައި ބެހެއްޓެވި މިސްކިތެކެވެ. އައްސުލްތާނު އިބްރާހީމް އިސްކަންދަރު (1) ހުކުރު މިސްކިތް ބަހައްޓަވައި ނިންމެވި އިރު މިސްކިތުގެ ތާރީޚުގެ މައްޗަށް ލިޔުއްވާފައިވާ ދެ ފިލާ، މިސްކިތުގެ މިހުރާބުގެއަށް ވަންނަ ދޮރުގެ ދެފަރާތުގައި ހުރި ދެ ކުޑަދޮރުގެ މަތީގައި ކަނޑައިނަގައި ލިޔުއްވާފައި އެބަހުއްޓެވެ. މި ދެންނެވި ދެ ލިޔުމުގެ ތެރެއިން މިހުރާބުގޭގެ ދެކުނުފަރާތު ކުޑަދޮރުގެ މަތީގައި ލިޔުއްވާފައިވާ ލިޔުމަށް ބަލާއިރު ފެންނަނީ އިސްވެ މި ދެންނެވުނު ޝިހާބުއްދީނުގެ ފިލާގެ ނަކަލެކެވެ. އިސްކަންދަރު މަހާރަދުން ހުކުރު މިސްކިތް ބޮޑުކުރެއްވި އިރު މިސްކިތުގެ މުސްކުޅި ތާރީޚުވެސް ގެއްލިގެން ނުދާނޭ ފަދައަކުން އިހުހުރި ފިލާގައިވާ ލިޔުމުގެ ނަކަލެއް އަލުން ލިޔުއްވުމަށްފަހު ބެހެއްޓެވީއެވެ. އޭގެ އަނެއް ފަރާތުގައި އިސްކަންދަރު ރަސްގެފާނު މިސްކިތް ބެހެއްޓެވި ބެހެއްޓެވުމުގެ މައްޗަށްވެސް ފިލަޔެއް ލިޔުއްވާފައި ބެހެއްޓެވީއެވެ. އެހެންކަމުން އިސްކަންދަރު ރަސްގެފާނު މިހާރު ފެންނަން ހުރި ހުކުރު މިސްކިތުގައި ބެހެއްޓެވި ޝިހާބުދީނުގެ ފިލާގެ ނަކަލުގެ ތަސްވީރެއް މިތަނުގައި ހިއްސާކޮށްލާނަމެވެ.

އާދެ މި ނަކަލުގައި ލިޔެފައި އޮތް ގޮތަށް ބަލާއިރު އިބްނު ބަތޫތާ ހުކުރު މިސްކިތުން ދެކެލެއްވި ކަމަށް ބުނުއްވާ ލިޔުމާއި ތަފާތުތަކެއް އެބަހުއްޓެވެ. އިބްނު ބަތޫތާ ލިޔުއްވާފައި އޮތީ: "أسلم السلطان أحمد شنورازة على يد أبى البركات البربرى المغربى" މި ފަދައިންނެވެ. މާނައަކީ "އައްސުލްޠާން އަޙުމަދު ޝަނޫރާޒާ އިސްލާމްވެ ވަޑައިގަތީ މަޣްރިބުކަރައިގެ އަބުލްބަރަކާތުލް ބަރުބަރީ މިކަލޭގެފާނުގެ އަތްމައްޗަށެވެ." އެކަމަކު އިސްކަންދަރު ރަސްގެފާނު ބެހެއްޓެވި ނަކަލު ފިލާގައި މިއޮތީ މިފަދައިންނެވެ. (މިއީ މާލޭ ހުކުރު މިސްކިތް ފޮތުގައި ލިޔެފައިވާ ގޮތެވެ.) "امر ببناء هذا المسجد المبارك الجامع لله تعالى السلطان درمس محمد بن عبدالله واخوه بسرى كالو رحمة الله عليهم وامر للوزير شنورازه ببنائه فبنا وعمررحمة الله عليه ووصل فى هذا البلد أبوالبركات (އަލްއުސްތާޒު މުހައްމަދު އިބްރާހީމް ލުތުފީ ލިޔުއްވާ ގޮތުން މިއީ أبوالركاب) يوسف التبريزى واسلم السلطان على يد يه فى شهر ربيع الأخرسنة 548 ..."

އިބްނު ބަތޫތާ ދެކެލެއްވި ކަމަށް ލިޔުއްވާ ގޮތާ މުޅީން ތަފާތު ނޫންތޯއެވެ. އިބްނު ބަތޫތާ އޭރު ރަސްގެފާނަކީ އަހުމަދު ޝަނޫރާޒާކަމަށް ލިޔުއްވާފައިވާއިރު ފިލާގެ ނަކަލުގައި މިއޮތީ އައްސުލްތާން درمس محمد بن عبدالله އެވެ. ޝަނޫރާޒާއަކީ ރަސްގެފާނުގެ ވަޒީރެކެވެ. އިބްނު ބަތޫތާ ލިޔުއްވާ ގޮތުން ރަސްގެފާނު އިސްލާމްވެވަޑައިގެންނެވީ އަބުލްބަރަކާތުލް ބަރްބަރީ އަލްމަޣްރިބީގެ އަތްޕުޅު މައްޗަށެވެ. އެހެންނަމަވެސް ނަކަލުގައި މިވަނީ ރަސްގެފާނު އިސްލާމްވެވަޑައިގަތީ އަބުލްބަރަކާތު ޔޫސުފުއް ތަބްރީޒީގެ އަތްޕުޅު މައްޗަށެވެ. މަޣްރިބީއެއްގެ ވާހަކަ ނާދެއެވެ. އެހެންކަމަށްވާނަމަ އިބްނު ބަތޫތާ އެއީ އަބުލްބަރަކާތުލް ބަރްބަރީ އަލްމަޣްރިބީއޭ ލިޔުއްވީ ކީއްވެގެންތޯއެވެ. އާދެ، ކުރިން މިހިއްސާކުރި ނަކަލު ފިލާގައި ނުކުތާ ޖަހާފައި އޮތަސް ޝިހާބުއްދީނުގެ ފިލާގައި އެބޭކަލެއްގެ ނަން އޮތް ތަނުގައި ނުކުތާ ޖަހާފައި ނުވުމުން އޮޅުން އެރީއެވެ. ނުވަތަ ގަސްދުގައި އަމިއްލަ ގައުމުގެ ބޭފުޅަކަށް ހެއްދެވީއެވެ. މިދެންނެވި ނުކުތާ ނެތް ޝިހާބުއްދީނުގެ ފިލާ މިއޮތީއެވެ.

ކުރިން އަޅުގަނޑު ދެންނެވި ފަދައިން ދިވެހީންގެ ލިޔެކިޔުންތަކާއި ފޯކުލޯރުގައި އިހުއްސުރެން ތަބްރޭޒީއޭ ލިޔެކިޔަމުން އަންނަނިކޮށް އެޗް.ސީ.ޕީ. ބެލްގެ ފުށުން ދިވެހީންގެ އޭރުގެ "ނަގާކިޔައި" އުޅުއްވި ބޭބޭފުޅުންނަށް އިބްނު ބަތޫތާގެ ލިޔުމަށް ބަރޯސާކުރެވި އެފިލައިން ތަބްރޭޒީ ގެއްލި ބަރްބަރީ ފެނިވަޑައިގެންނެވީއެވެ. އަދި ކުރިން މިދެންނެވި ލިޔެކިޔުންތަކާއި ވާހަކަތައް ހުރި އިރުވެސް އެއީ ސައްހަ ނޫން އެއްޗެއް ކަމަށް ދެކި އޭރުގެ ރަސްމީ އިދާރާތަކުންވެސް އެއީ ބަރްބަރީ ކަމަށް ނިންމެވީއެވެ.

އިބްނު ބަތޫތާގެ ލިޔުއްވުމަށާއި މި ދެންނެވި ބޭބޭފުޅުންގެ ރައުޔަށާއި ރަސްމީ އިދާރާތަކުން ނިންމެވި ނިންމެވުމަށް ތާއީދުކުރައްވައި އަލްއުސްތާޒު މުހައްމަދު އިބްރާހީމް ލުތުފީއަށްފަހު އެންމެ ފަހަށް ރާއްޖޭގައި ތާރީޚުގެ އިލްމީ ދިރާސާތައް ކުރެއްވި ތާރީޚު އިލްމުވެރިޔާ އަލްއުސްތާޒު މުހައްމަދު ވަހީދު ނަދުވީ އޭނާ ލިޔުއްވި "ރާއްޖޭ އިސްލާމުކުރެއްވީ ކޮންބޭކަލެއްތަ؟" މި ފޮތުގައި ލިޔުއްވާފައި އޮތީ މިފަދައިންނެވެ. "ރާއްޖެ އިސްލާމް ކުރެއްވި ބޭކަލެއްގެ ގޮތުގައި މަޝްހޫރުވެފައިވަނީ އަދި ދިވެހީން ޤަބޫލުކޮށްގެން ތިބީ މަޣްރިބްކަރައިގެ އަބުލްބަރަކާތުލް ބަރްބަރީ މިނަމެވެ. އެކަން އެހެން ވުމުގެ ސަބަބަކީ އިބްނު ބަޠޫޠާ (1304 – 1377މ) ގެ ދަތުރުނާމާ (އައްރިޙްލާ) ގައި އެގޮތަށް އޮތުމެވެ." އަދިވެސް ނަދުވީ ލިޔުއްވާފައިވެއެވެ. "އަހްމަދު ޝިހާބުއްދީން ހުކުރު މިސްކިތް އަލުން ބިނާ ކުރައްވައި މިސްކިތުގައި ފިލައެއް ބެހެއްޓެވި ކަމަށް މުހައްމަދު އަމީނު ލިޔުއްވައެވެ. މި ފިލާގައި އޮތް ޢިބާރާތްވެސް އެމަނިކުފާނު ނަކަލު ކުރައްވާފައިވެއެވެ. އެ ނަކަލުގައި އޮތީ: "އަބުލްބަރަކާތުލް ޔޫސުފުލް ބަރުބަރީ' މިހެންނެވެ. 'ތަންޤީހު' ގެ ދީ ބާޖާގައި ވާ ގޮތުން އެފޮތް ލިޔުއްވީ ހިޖްރައިން 1368 ވަނަ އަހަރު ރަޖަބު މަހު 19 ގައެވެ. ހަމަ ދީބާޖާގައިވާ ގޮތުން މީލާދީ ތާރީޚުން އެއީ 1949 ވަނައަހަރުގެ މޭމަހުން 18 ވަނަ ދުވަހެވެ. ފޮތް ލިޔުއްވީ މުޙައްމަދު އަމީން ކަމަށްވިޔަސް އެފިލާގައި އޮތް ޢަރަބި ޢިބާރާތް ނަކަލުކުރައްވާފައިވަނީ މުޙައްމަދު އަމީނެއްނޫނެވެ. ފޮތް ލިޔުއްވަން ވެގެން ލިޔުންތައް ނަކަލުކުރީ އެމަނިކުފާނު އުފެއްދެވި ތާރީޚު ކޮމިޓީއަކުންނެވެ. އެކޮމިޓީގައި: ފަޟީލަތުއް ޝައިޚު ޙުސައިން ޞަލާޙުއްދީނު، ފަޟީލަތުއް ޝައިޚު އިބްރާހިމް ރުޝްދީ އަލްއަޒްހަރީ، ފަޟީލަތުއް ޝައިޚު އިބްރާހިމް ލުޠުފީ އަލްއަޒްހަރީ، އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ، އައްޝައިޚު މަލިން ކަލޭފާނު، އައްނަބީލު މަލިން މުޙައްމަދު ދީދީ ހިމެނިވަޑައިގަނެއެވެ. މިއިން ކޮންމެ ބޭފުޅަކީ ރަނގަޅަށް ޢަރަބި ބަސް ދެނެވަޑައިގަންނަވާ ދަންނަ ބޭކަލެކެވެ."

އަލްއުސްތާޒު ނަދުވީގެ ލިޔުއްވުމުގައި "ރާއްޖެ އިސްލާމް ކުރެއްވި ބޭކަލެއްގެ ގޮތުގައި މަޝްހޫރުވެފައިވަނީ އަދި ދިވެހީން ޤަބޫލުކޮށްގެން ތިބީ މަޣްރިބްކަރައިގެ އަބުލްބަރަކާތުލް ބަރްބަރީ މިނަމެވެ." މިހެން ލިޔުއްވާފައި އޮތަސް ފެންނަން ހުރި ދިވެހީންގެ ލިޔެކިޔުންތަކާއި ދޫދޫމަތިން ކިޔަމުން އަންނަ ވާހަކަތައް ބުނާ ބޭކަލަކީ ތަބްރޭޒީއެވެ. އެހެންކަމުން އަލްއުސްތާޒު މުހައްމަދު ވަހީދު ނަދުވީގެ ރައުޔަށްވެސް އިހުތިރާމުކުރުމާއެކު މިކަމުގައި އަޅުގަނޑަށް ބުރަވެވެނީ އަލްއުސްތާޒު މުހައްމަދު އިބްރާހީމް ލުތުފީގެ ރައުޔަށް ކަމަށް ދަންނަވާލަމެވެ.

އާދެ، މި ދެންނެވި ހުކުރު މިސްކިތުގައި އިސްކަންދަރު މަހާރަދުން ބެހެއްޓެވި ޝިހާބުއްދީން ރަސްގެފާނުގެ ފިލައިގެ ނަކަލުގެ އިތުރުން ހުކުރު މިސްކިތުގެ މެދު މިސްކިތުގެ އުތުރު ބިތުގައި ހުރި ފިލައެއްގައިވެސް ވަރަށް ރީތިކޮށް ރާއްޖެ އިސްލާމްކުރެއްވި ބޭފުޅެއްގެ ނަން ސާފުކޮށް ފިލާނޭހެން ފިއްޔާއި ނުކުތާ ޖަހާފައި ލިޔެފައި އެބަހުއްޓެވެ. އޭގައި އޮތީ وهذا الشيخ ابو الرِكَابِ يوسف التبريزي މާނައަކީ "މިއީ އައްޝައިޚު އަބުއްރިކާބި ޔޫސުފުއް ތަބްރީޒީ އެވެ." މީގައި މި އޮތް ابو الرِكَابِ މި ނަމަށް ރިއާޔަތްކުރާއިރު ކުރިން ދެންނެވި ނަކަލުގައިވެސް އޮންނާނީ އަލްއުސްތާޒު މުހައްމަދު އިބްރާހީމް ލުތުފީ ވިދާޅުވެފައިވާ ފަދައިން އަބުއްރިކާބު ކަމަށް ބެލެވެއެވެ. ހުކުރު މިސްކިތް ފޮތުގައި ލިޔުއްވި ބޭފުޅުންނަށް އިބްނު ބަތޫތާގެ ލިޔުއްވުގެ ސަބަބުން އެރި އޮޅުމަކަށްވެދާނެއެވެ.

މާލޭ ހުކުރު މިސްކިތުގައި ހުރި މި ދެންނެވި ލިޔުމުގެ އިތުރުން އިސްކަންދަރު މަހާރަދުން އައްޑުއަތޮޅު ގަމު މާމިސްކިތަށް މީލާދީން 1652 ގައި ލިޔުއްވައިދެއްވި ބޯގަފިލާ ފަތްކޮޅުގައިވެސް އެބޭކަލެއްގެ ނަމަކަށް ގެންނަވާފައިވެއެވެ. އެފަތްކޮޅަކީ ދިވެސް އަކުރުން ލިޔެފައިވާ ފަތްކޮޅެކެވެ. ފަތްކޮޅު އަސްލު މިހާރުވެސް ގައުމީ ދާރުލްއާސާރުގައި ފެންނަން އެބައޮތެވެ. އެކަމަކު ހިތާމައަކީ ކަތުރުފަނީގެ އަސަރުކޮށްގެން ފިލާގައި އެކަލޭގެފާނުންގެ ނަން އޮތް ތަނުން އެއްބައި ކިޔަން ނޭނގުމެވެ. އެހެންނަމަވެސް އެޗް.ސީ.ޕީ. ބެލް ރާއްޖެ ވަޑައިގެންނެވިއިރު ފިލާ ހަލާކުނުވެ އޮތަތީ އޭގެ ވަރަށް ނުސާފު ނަމަވެސް ފޮޓޮއެއް ފެންނަން އެބައޮތެވެ. އަދި ބެލް ވަނީ އޭނާ ލިޔުއްވީ މޮނޮގްރާފްގައި އޭގައި ވާ ލިޔުން ލެޓިނުން ލިޔުއްވައި އޭގެ ތަރުޖަމާވެސް ކުރައްވާފައެވެ. މިގޮތުން ބެލް ފޮތުގައިވާ އެ ލިޔުން މިތަނުގައި ނަކަލުކޮށްލާނަމެވެ.

"…Shaikh Jalal Yusuf Tabrezige ea (fanun kalo) ge…"

ޖަރުމަނުވިލާތުގެ ބަހަވީ އިލްމުވެރިއެއް ކަމަށްވާ ޖޮސްޓް ގިޕަރޓް އިސްލާމްދީން ފެތުރުމަށް ފާރިސީ ބަސް އަދާކުރި ދައުރުގެ މައްޗަށް ލިޔުއްވާފައިވާ ލިޔުއްވުމެއްގައި މި ފިލާފަތްކޮޅުގެ ވާހަކަ ގެންނަވާފައި މި އޮތް ގޮތުންވެސް ފިލާފަތްކޮޅުގައި އޮތީ ތަބްރޭޒީކަން ސާފުކޮށްފިލައެވެ.
Unfortunately, the line where the name of the converter is mentioned has been severely damaged on the board so that we cannot take the reading al-tabrizi for granted as it stands. A comparison of a present day photograph with the reproduction published by H.C.P. BELL in the 1940ies make it clear, however, that we have a mixed spelling here, sayh galal yusuf al-tabri being written in Arabic, and the final syllable of the name , -zi together with the genitive ending, -ge, being added in Dhives akuru. The decisive point in this reading is the aksara zi, of course, for it alone can prove that we have no barbari here, given that there are no punctuation marks visible in the Arabic part of the word.

އިސްވެ މިދެންނެވުނު ލިޔެކިޔުންތަކުގެ އިތުރުންވެސް ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލެއްކަމަށް ދިވެހީން ގަބޫލުކޮށްގެން އުޅުނީ ތަބްރޭޒީގެފާނުކަމަށް ހެކި ލިބޭ އެހެނިހެން ވާހަކަތަކާއި ގަރީނާތައްވެސް އެބަހުއްޓެވެ. އެހެންނަމަވެސް ރާއްޖެއަށް އިސްލާމީ ނޫރު ފޯރުން މި މައުލޫއަށް އަޅުގަނޑު ލިޔަމުން އައި މަޒުމޫނު މިވަގުތަށް ކުރުކޮށްލަން ގަސްތުކުރަމެވެ. މާ ދިގުވެގެން ގޮސް ބައެއް ބޭބޭފުޅުން ފޫހިވެދާނެތީއާ އެކުވެސް މެއެވެ. އަދި މިނޫން އެހެން ދުވަސްވަރެއްގައި މައުލޫއާ ގުޅުން ހުރި އެހެން ވާހަކަތަކުގެ މައްޗަށް އެހެން މަޒުމޫނެއް ލިޔުމުގެ އުއްމީދާއެކުގައި ނިންމާލަމެވެ.

ނިމުނީ