ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި، މެންބަރުން މިހާރު އިށީންދެވަޑައިގެން ތިއްބަވާ ތަރުތީބު ބަދަލު ކުރުމާ ބެހޭގޮތުން މިއަދު މަޝްވަރާ ކުރުމަށް ހަމަޖެހިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، އެ ކަމާބެހޭގޮތުން މިއަދު މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ މަޖިލީހުގެ އާއްމު ކޮމިޓީގައި ކަމަށެވެ. މިކަމަށްޓަކައި މިއަދު 12:00 ގައި އެ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މަޖިލީހުގެ ތިންވަނަ ދައުރު ފެށޭއިރު، މަޖިލީހުގެ ތަޅުމުގައި މެންބަރުން އިށީންދެ ވަޑައިގެން ތިއްބަވާ ގޮތަށް ބަދަލު ގެނައުމަށް މަސައްކަތްކުރައްވާނެ ކަމަށް އާއްމު ކޮމިޓީގެ މުގައްރިރު، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފެށޭއިރު އަދި އެބަދަލެއް ފެނިގެނެއް ނުދާނެއެވެ.
މާދަމާގެ ޖަލްސާއާ ބެހޭގޮތުން "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓާ ހަސަން ޒިޔާއު، ވިދާޅުވީ، މަޖިލީހުގެ ތަޅުމުގައި މެންބަރުން އެތުރިފައިވާ ގޮތަށް ބަދަލު ގެނެވޭނީ މަޖިލީހުން ފާސް ކޮށްގެން ކަމަށެވެ.
މަޖިލީހުގައި އެހެން ކަންތައްތައްވެސް ކުރިއަށްދާ ގޮތަށް، އެބަދަލު އަންނާނީ ކޮމިޓީން ފާސްކޮށް އެކަންތައް މަޖިލީހަށް ހުށަހަޅައި މަޖިލީހުން ފާސްކޮށްގެން ކަމަށް ޒިޔާއު ވިދާޅުވިއެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާގައި ފުރަތަމަ ކަމަކަށް އޮތީ، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ، މުހައްމަދު އަސްލަމްއާ ސުވާލު ކުރެއްވުމެވެ.
މެންބަރު ސައީދު މިނިސްޓަރާ ސުވާލު ކުރެއްވުމަށް ހަމަޖައްސާފައިވަނީ ދާދި ފަހުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރި ވިއްސާރައިގައި އުދަ އަރައި އެންމެ ބޮޑަށް ގެއްލުންވި ރަށްތަކުގެ ތެރޭގައި، ލ. މާވަށް ހިމެނޭ އިރު އެރަށުގެ އުދައަރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ފެށޭނެ އިރެއް އޮޅުން ފިލުއްވުމަށެވެ. އަދި އެ މަސައްކަތް ނިންމާލެވޭނެ މުއްދަތެއް އޮޅުން ފިލުއްވުމަށްވެސް ސުވާލުގައި ހިމަނާފައި ވެއެވެ.
މާވަށުގެ ބިން ހިއްކުމަށްޓަކައި ކުރަން ޖެހޭ ސާވޭ ނިމި ކުރެހުންތަކަށް ކައުންސިލުގެ ރުހުންވެސް ލިބިފައިވާއިރު، އެމަސައްކަތް ފެށޭނެ ތާރީހެއް އޮޅުން ފިލުއްވަންވެސް ސައީދު ސުވާލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަން ކުރުމަށާއި ހިއުމަންރައިޓްސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ނަން ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލަ ކަމާބެހޭ ކޮމިޓީއަށް ފޮނުވުމަށްވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.
ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް ރާއްޖޭން ސަފީރުން ކަނޑައެޅުއްވުމަށްޓަކައި ރާއްޖޭން އ.ދ އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕާމަނަންޓް ރެޕްރެޒެންޓެޓިވް، ގ.ފަރުކަނި، ޑޮކްޓަރ އާސިމް އަހުމަދު، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ރާޖެއިން ކަނޑައަޅާ މަންދޫބުގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ކޮމިޓީއަށް ފޮނުއްވުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.
ބިލު ތަކުގެ ތެރެއިން، ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހަޅުއްވާފައިވާ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާއި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހަޅުއްވާފައިވާ އެންޓި- ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ހުށަހަޅުއްވާފައިވާ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.
މިއަހަރުގެ ދެވަނަ ދައުރުގައި މުޅިއެކު 21 ގާނޫނެއް ނިންމުމަށްފަހު، ދައުރު ނިންމާލައި ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ ސެޕްޓެމްބަރު މަހުގެ 6 ގައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް