މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ، މުހައްމަދު އަސްލަމާ ސުވާލު ކުރަން އެޖެންޑާކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ އެންމެ ފަހު ދައުރުކަމަށްވާ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށަން ނިންމައިފި އެވެ.

ތިންވަނަ ދައުރު ފަށާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަޅުމުގައި އިށީނދެވަޑައިގެން ތިއްބަވާ ތަރުތީބުތަކަށް ބަދަލު ގެނައުމަށް މަޖިލީހުގެ އާއްމު ކޮމިޓީން މަސައްކަތް ކުރި ނަމަވެސް މާދަމާގެ ޖަލްސާއިން އެ ބަދަލެއް ނުފެންނާނެ އެވެ.

މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓާ ހަސަން ޒިޔާއު، "ވަން އޮންލައިން" އަށް މިއަދު ވިދާޅުވީ، މަޖިލީހުގެ ތަޅުމުގައި މެންބަރުން އެތުރިފައިވާ ގޮތަށް ބަދަލު ގެނެވޭނީ މަޖިލީހުން ފާސް ކޮށްގެން ކަމަށެވެ.

މަޖިލީހުގައި އެހެން ކަންތައްތައްވެސް ކުރިއަށްދާ ގޮތަށް، އެބަދަލު އަންނާނީ ކޮމިޓީން ފާސްކޮށް އެކަންތައް މަޖިލީހަށް ހުށަހަޅައި މަޖިލީހުން ފާސްކޮށްގެން ކަމަށް ޒިޔާއު ވިދާޅުވިއެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާގައި ފުރަތަމަ ކަމަކަށް އޮތީ، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ، މުހައްމަދު އަސްލަމްއާ ސުވާލު ކުރެއްވުމެވެ.

މެންބަރު ސައީދު މިނިސްޓަރާ ސުވާލު ކުރެއްވުމަށް ހަމަޖައްސާފައިވަނީ ދާދި ފަހުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރި ވިއްސާރައިގައި އުދަ އަރައި އެންމެ ބޮޑަށް ގެއްލުންވި ރަށްތަކުގެ ތެރޭގައި، ލ. މާވަށް ހިމެނޭ އިރު އެރަށުގެ އުދައަރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ފެށޭނެ އިރެއް އޮޅުން ފިލުއްވުމަށެވެ. އަދި އެ މަސައްކަތް ނިންމާލެވޭނެ މުއްދަތެއް އޮޅުން ފިލުއްވުމަށްވެސް ސުވާލުގައި ހިމަނާފައި ވެއެވެ.

މާވަށުގެ ބިން ހިއްކުމަށްޓަކައި ކުރަން ޖެހޭ ސާވޭ ނިމި ކުރެހުންތަކަށް ކައުންސިލުގެ ރުހުންވެސް ލިބިފައިވާއިރު، އެމަސައްކަތް ފެށޭނެ ތާރީހެއް އޮޅުން ފިލުއްވަންވެސް ސައީދު ސުވާލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަން ކުރުމަށާއި ހިއުމަންރައިޓްސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ނަން ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލަ ކަމާބެހޭ ކޮމިޓީއަށް ފޮނުވުމަށްވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް ރާއްޖޭން ސަފީރުން ކަނޑައެޅުއްވުމަށްޓަކައި ރާއްޖޭން އ.ދ އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕާމަނަންޓް ރެޕްރެޒެންޓެޓިވް، ގ.ފަރުކަނި، ޑޮކްޓަރ އާސިމް އަހުމަދު، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ރާޖެއިން ކަނޑައަޅާ މަންދޫބުގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ކޮމިޓީއަށް ފޮނުއްވުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.

ބިލު ތަކުގެ ތެރެއިން، ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހަޅުއްވާފައިވާ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާއި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހަޅުއްވާފައިވާ އެންޓި- ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ހުށަހަޅުއްވާފައިވާ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

މިއަހަރުގެ ދެވަނަ ދައުރުގައި މުޅިއެކު 21 ގާނޫނެއް ނިންމުމަށްފަހު، ދައުރު ނިންމާލައި ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ ސެޕްޓެމްބަރު މަހުގެ 6 ގައެވެ.