މިދިޔަ އަހަރު އިނގިރޭސި ދެވަނަ ޑިވިޝަންގެ ތަށްޓާއެކު މިފަހަރު ޕްރިމިއާ ލީގަށް އައި ލީޑްސް ޔުނައިޓެޑަކީ އިނގިރޭސި ފުޓުބޯޅަ ތާރީހުގައި މުހިއްމު ކްލަބެކެވެ. ޔޫރަޕްގައިވެސް މީގެ ކުރިން ވާދަކުރި ލީޑްސް އަޑި އަޅާލައިގެން ދިޔަ ޒަމާން ފަސްވެއްޖެކަން ސާބިތުކޮށްދިނުމަށް، އާ މެނޭޖުމަންޓަކާއެކު އެ ކްލަބުން ޕްރިމިއާ ލީގަށް އައީ "ސަމާސާ"އަކަށް ނޫންކަން ފުރަތަމަ މެޗުގައިވެސް ފެނިގެން ދިޔައެވެ.
އާޖެންޓީނާގެ ތަޖުރިބާކާރު، ކާމިޔާބު ކޯޗު، އުމުރުން 65 އަހަރުގެ މާސެލޯ ބީލްސާއާއެކު ލީޑްސްއިން ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައިވެސް ލިވަޕޫލްއާ ވާދަކޮށް، އެތައް ބަޔަކު ހައިރާން ކޮށްލިއެވެ. މެޗުން 4-3 އިން ބަލިވި ނަމަވެސް، ޔޫރަޕްގެ އެންމެ ވަރުގަދަ އެއް ކްލަބު ލިވަޕޫލް ހާސްކޮށްލީ، ލީޑްސްގެ ތަފާތު ޓެކްޓިކަލް، ހަލުވި ކުޅުމާއެކުއެވެ.
ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ލީޑްސްއިން މިވަގުތު ތާވަލުގެ ފަސްވަނައިގައި އޮތްއިރު، ފާހަގަކޮށްލަން ޖެހޭ ކަމަކީ އެ ހަތަރު މެޗުގެ ތެރެއިން ދެ މެޗަކީ ލިވަޕޫލާއި ސިޓީއާ ދެކޮޅަށް އެޓީމު ކުޅުނު މެޗުތަކެވެ. އެ ދެޓީމަކީ މުޅި ޔޫރަޕްގައިވެސް އެންމެ ވަރުގަދަކޮށް ކިޔާ ޓީމުތަކުގެ ލިސްޓްގައި ހިމެނޭ ދެޓީމެވެ.
ރޭ ލީޑްސްއިން ޕެޕް ގާޑިއޯލާގެ ސިޓީއާ ދެކޮޅަށް ނުކުތްއިރު، މެޗުގެ ކުރިން ގާޑިއޯލާ ބުނެފައި ވަނީ ބީލްސާއަކީ އޭނާގެ "އައިޑަލް" ކަމަށެވެ. ކޮންމެއަކަސް މެޗުގައި ގާޑިއޯލާ އެހެން ބުނި ސަބަބުވެސް ސާފުވެގެން ދިޔައެވެ. ހަރަދުގެ ގޮތުން ބީލްސާގެ ޓީމު އޮތީ ސިޓީއާ ގާތްކޮށްލެވޭ ހިސާބެއްގައި ނޫން ނަމަވެސް، ޓެކްޓިކަލީ ލީޑްސްގެ ކުޅުން ވަރަށްވެސް ހިތްގައިމެވެ.
ލީޑްސްގެ ދަނޑުގައި ރޭ ކުޅުނު މެޗު 1-1 އިން ނިމުނުއިރު، ފަހި ފުރުސަތުތަކެއް ހޯދައި، މެޗުން މޮޅުވުމާ ގާތް ކުރީވެސް ލީޑްސްއިންނެވެ. މެޗުގެ ކުރީކޮޅުގައި ސިޓީން ކޮންޓްރޯލްކޮށް، ރަހީމް ސްޓާލިންގެ ގޯލާއެކު ލީޑު ނަގައިގެން ހަމަޖެހިލި ނަމަވެސް، ލީޑްސްއިން މަޑުމަޑުން މެޗުގެ ކޮންޓްރޯލް ހޯދިއެވެ.
ހަމަލާތައް އުފައްދައި ސިޓީއަށް ނުރައްކާވެސް ކުރިއެވެ. ލީޑްސްގެ އައިލީންގެ ފަރާތުން ފެނުނު ހަމަލާ ގޯލްކީޕަރު އެޑަސަން ދިފާއުކުރިއިރު، ލީޑްސްއިން ސިޓީގެ ޑިފެންސް ތެރެ ހާވާލަނީ ކުދި، ހަނި ޕާސްތަކެއް ޖަހައިގެންނެވެ. އެ ޕާސްތަކަށް ސަމާލުވެ އެޓޭކް ކުރަމުން ދިޔަ ސިޓީއަށް ހަމަލާތައް އުފައްދަން އުނދަގޫވީ ލީޑްސްގެ އޮގަނައިޒް ކުރުން ވަރުގަދަ ކަމުންނެވެ. ޑިބްރޭނާގެ ހަމަލާއެއް ފުރަތަމަ ހާފްގައި ދަނޑިއަށް އަމާޒުވި އިރު، ދެވަނަ ހާފްގެ ކުޅުން އަތުލީ ލީޑްސްއިންނެވެ.
ދެވަނަ ހާފްގައި މުޅިން ތަފާތު ލީޑްސްއެއް ފެންނަން ފެށިއެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ސްޕެއިންގެ ރޮޑްރިގޯގެ ގޯލާއެކު ލީޑްސްއިން ނަތީޖާ ހަމަހަމަކުރިއެވެ. އޭގެ ފަހުން އޭނާ ބޮލުން ޖެހި ހަމަލާ އެޑަސަންގެ އަތުގައި ޖެހިފައި އަމާޒުވީ ގޯލްގެ މަތީ ދަނޑިއަށެވެ. ބެންފޯޑުގެ ހަމަލާއަށްވެސް އެޑަސަން ހުރަސް އެޅިއިރު، ލީޑްސްގެ ގޯލަކީ ސިޓީ ގެ ގޯލްކީޕަރު އެޑަސަންގެ ގޯހެކެވެ.
ވާރޭގައި ކުޅެމުންދިޔަ މެޗުގައި ލީޑްސް އިން ޖެހި ގޯލަކީ، ކޯނަރަކުން ހުރަސްވި ބޯޅަ އެޑަސަން ހިފަހަން އުޅުމުގެ ތެރޭގައި ވެއްޓިގެން ލިބުނު ފުރުސަތުގައި ރޮޑްރީގޯ ޖެހި ގޯލެކެވެ.
މިދިޔަ ހަފްތާ ގައި ޓީން ލީގުގައި ލެސްޓާއާ ދެކޮޅަށް ކުޅުނު މެޗުންވެސް ވީ ބައްޔެވެ. ރޭގެ މެޗުންވެސް ޕޮއިންޓް ގެއްލިފައިވާއިރު، ސިޓީން ސެންޓާ ޑިފެންސްގެ މައްސަލަ ހައްލު ކުރުމަށް މި ސީޒަނަށް ގެނައި ރުވެން ޑިއާޒް ވަނީ ރޭގެ މެޗުގައި ފުލްކޮށް ކުޅެފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު