ފުޓުބޯޅައިގައި އެންމެ އިހުތިރާމްކުރާ، އެންމެ ބޮޑަށް ތައުރީފު ކުރާ ކޯޗަކީ ލީޑްސް ޔުނައިޓެޑްގެ ކޯޗު މާސެލޯ ބީލްސާ ކަމަށް މެންޗެސްޓާ ސިޓީގެ ކާމިޔާބު ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ލީޑްސް ރޭ ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމުނުއިރު، މެޗުގެ ކުރިން ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ގާޑިއޯލާ ވަނީ އުމުރުން 65 އަހަރުގެ ބީލްސާއަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.

"މީހެއްގެ ގޮތުގައާއި ކޯޗެއްގެ ގޮތުގައިވެސް އަހަރެން އެންމެ ބޮޑަށް އިހުތިރާމް ކުރާ، އެންމެ ބޮޑަށް ތައުރީފު ކުރާ މީހަކީ ބީލްސާ. އެއީ ބީލްސާއަކީ އެންމެ ތަފާތު، އެންމެ އިތުބާރުހުރި ގޮތްތަކަށް ޓީމު ބައްޓަން ކުރާ ކޯޗު. އެއްވެސް މީހަކަށް ބިލްސާއަކަށް ނުވެވޭނެ. އެއީ އޭނާ ދަނޑު ބޭރުންނާއި މީޑިއާގައި ފެންނަ ގޮތް ވަރަށް ބޮޑަށް ތަފާތުވާނެތީ. ކުރިން އެހާ ގިނައިން ނުފެނުނު ނަމަވެސް މިހާރު ކައިރިން ފެނި ތަޖުރިބާ ކުރެވޭތީ އުފާވޭ،" ގާޑިއޯލާ ބުނެފައި ވެއެވެ.

ތިން ގައުމެއްގެ ލީގު އަށް ފަހަރަށް ހޯދާފައިވާ ގާޑިއޯލާ ބުނެފައި ވަނީ ކޯޗެއްގެ ކާމިޔާބީ މިނެކިރާނީ ހަމައެކަނި ހޯދާ ތަށީގެ އަދަދުން ނޫން ކަމަށާއި، ބީލްސާއަށް ގިނަ ތަށިތަކެއް ނުލިބި އޮތް ނަމަވެސް، އަދިވެސް އޭނާއަށްވުރެ ފުޓުބޯޅައިގެ މައުލޫމާތުން މާ ބޮޑަށްވެސް ދަށް ކަމަށެވެ. ގާޑިއޯލާ ވަނީ ބީލްސާގެ ލީޑްސްއިން ކުޅޭ އެޓޭކިން ފުޓުބޯޅައަށް ތައުރީފު ކޮށްފައެވެ.

ލީޑްސްއިން މިހާތަނަށް ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައި ވެއެވެ. ފުރަތަމަ މެޗުގައި ލިވަޕޫލް އަތުން 4-3ގެ ނަތީޖާއަކުން ބަލިވިއިރު، އެޓީމުން ކުޅޭ ކޮންމެ މެޗެއްގައިވެސް ގޯލްތައް ފެނިގެންދެއެވެ. ރޭގެ މެޗުގައި ސިޓީއާ ދެކޮޅަށް ދެއްކީވެސް ތަފާތު ހިތްވަރެކެވެ.