މަސްތުވެގެން މިރޭ މާލޭގެ މަގެއްގެ މައްޗަށް ވެއްޓިފައި އޮތް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މާލޭގެ މަގެއް މައްޗަށް މީހަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެމީހާއަކީ މަސްތުގެ ހާލުގައި ހުރި މީހެއް ކަމަށް ބެލެވޭތީ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެމީހާ ވެއްޓިފައި އޮތް ސަރަހައްދަށް އޭނާ ގެންގުޅުނު ދިޔާއެއްޗެއް އެޅި ފުޅިއެއްވެސް ވަނީ ތަޅައިގެން ގޮސްފައެވެ.

އެމީހާ ވެއްޓިފައި އޮތް ސަރަހައްދަށް ފުލުހުން އައުމުން ފުލުހުންނަށް އޭނާ އިންޒާރުދޭ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި އޭނާ ބުނީ، އޭނާގެ ބާރު އެބައޮތް ކަމަށާއި ކޯޓުތައް ކޮންޓްރޯލް ކުރުމުގެ ބާރުވެސް އެބައޮތް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ އިންޑިއާގެ ރައްޔިތެކެވެ.