މިހާތަނަށް 12 ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ރެއާލް މެޑްރިޑަކީ މިހާރު ފެވަރިޓުން ގެ ގޮތުގައި ނުބެލެވޭނެ ކަމަށް ކުރިން އެ ކްލަބުގެ ކޯޗުކަން ކުރި އާޖެންޓީނާގެ ހޯހޭ ވަލްޑާނޯ ބުނެފިއެވެ.
ވަލްޑާނޯ ވަނީ ކުޅުންތެރިއެއްގެ އިތުރުން ކޯޗެއްގެ ގޮތުގައިވެސް ރެއާލްއާއެކު ލީގު ނަގައިފައެވެ. އާޖެންޓީނާއާއެކު ވޯލްޑް ކަޕް ނެގި ވަލްޑާނޯ ބުނެފައި ވަނީ ރެއާލް މިވަގުތު އޮތީ ބަދަލެއްގެ ތެރޭގައި ކަމަށާއި، އެފަދަ ހާލަތެއްގައި ޗެމްޕިއަންސް ލީގު ހޯދުމަކީ އުނދަގޫ ކަމެއް ކަމަށެވެ.
"ޗެމްޕިއަންސް ލީގު ހޯދުމަށް ގިނަ ކަންތައްތަކެއް ފަހިވާން ޖެހޭނެ. ރެއާލް މިވަގުތު ތަޖުރިބާ ކުރަމުން އަންނަނީ ބަދަލުތަކެއް. އެކަންކަމުގެ ތެރެއިން ޗެމްޕިއަންސް ލީގު ހޯދަން އުނދަގޫ ވާނެ. ރެއާލްއަކީ މިވަގުތު އެންމެ ވަރުގަދަ ޓީމެއް ނޫން. ފެވަރިޓުންނެއްވެސް ނޫން،" ވަލްޑާނޯ ބުނެފައިވެއެވެ.
ރެއާލްއަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ކްލަބެވެ. އެ ޓީމުން 13 ފަހަރަށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާއިރު، އޭގެ ތެރެއިން ހަތަރު ތަށި ހޯދާފައި ވަނީ މިދިޔަ 10 އަހަރު ތެރޭގައެވެ. 12 އަހަރަށްފަހު ރެއާލްއިން 10 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދީ 2013-14 ވަނަ އަހަރު ކާލޯ އެންސޮލެޓީގެ ކޯޗުކަމުގެ ދަށުގައެވެ. އޭގެ ފަހުން ކްލަބާ ހަވާލުވީ މިހާރުގެވެސް ކޯޗު ޒައުނިއްދީން ޒިދާނެވެ.
ޒިދާންގެ ކޯޗުކަމުގައި ރެއާލްއިން ވަނީ ޖެހިޖެހިގެން ތިން ފަހަރަށް ޗެމްޕިއަންސް ލީގު ހޯދައި ފުޓުބޯޅަ ދުނިޔެ ހައިރާން ކޮށްލައިފައެވެ. ޗެމްޕިއަންސް ލީގުގެ ތިން ތަށްޓަށްފަހު ޒިދާން ކޯޗުކަމުން ދުރަށް ގޮސްފައިވާއިރު، އެ ކްލަބުން 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގުން ކެޓީ ލިވަޕޫލް އަތުންނެވެ. އެންމެފަހުން ޗެމްޕިއަންސް ލީގުން ވަކިވީ ސިޓީ އަތްދަށު ވެގެންނެވެ.
ވަލްޑާނޯ ބުނެފައި ވަނީ ސިޓީއަށް ލައްވާލީ ފަސޭހަ ގްރޫޕެއް ނަމަވެސް، ސިިޓީއަށް ޗެމްޕިއަންސް ލީގު ހޯދަން އަދިވެސް އުނދަގޫ ވާނެ ކަމަށެވެ. ސަބަބަކީ ޗެމްޕިއަންސް ލީގުގެ ތާރީހެއް ނެތުން ކަމަށެވެ. ވަލްޑާނޯ ބުނެފައި ވަނީ ކުއްލިއަކަށް ޔޫރަޕްގެ ރަސްކަމަށް އެރުމަކީ އުނދަގޫ ވާނެ ކަމެއް ކަމަށާއި، ޗެމްޕިއަންސް ލީގެއް ހޯދުމަށް ތަފާތު ކަމެއް ބޭނުން ވާނެ ކަމަށެވެ.
މި ސީޒަންގެ ޗެމްޕިއަންސް ލީގު ގުރުއަތު ނެގުން ރޭ ވަނީ ބާއްވައިފައެވެ. ސިޓީ ހިމެނޭ ގްރޫޕްގައި ދެން ހިމެނެނީ އޮލިމްޕިއާކޯސްގެ އިތުރުން ފާރްންސްގެ މާސޭއާއި ޕޯޓޯއެވެ. ރެއާލް ހިމެނޭ ގްރޫޕްގައި ދެން ހިމެނެނީ ޝަކްޓާޑޮނެސްކާއި ކުރީގެ ޗެމްޕިއަން އިންޓަ މިލާން އަދި ބްރޫޝިއާ މުންޗަންގްލަޑްބެޗެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު